Roadha Mihaaru
އިންތިހާބުގައި ނައިބު ރައީސް ހުންނެވީ އެމްޑީޕީއާ އެކު!

ކައުންސިލް އިންތިހާބުގައި ނައިބު ރައީސް ހުންނަވާނީ އެމްޑީޕީއާ އެކު: ނަޝީދު

13 މާޗް 2021

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީ އާ އެކު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އަދި އެ ވާހަކަފުޅަށް ނައިބު ރައީސް ވަނީ ތާއީދު ވެސް ކުރައްވައިފަ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީ އާ އެކު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އަދި އެ ވާހަކަފުޅަށް ނައިބު ރައީސް ވަނީ ތާއީދު ވެސް ކުރައްވައިފަ އެވެ.

އިންތިހާބާ ގުޅޭގޮތުން ރައީސް ނަޝީދާއި ފައިސަލް މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. ނަޝީދާ ބައްދަލުވުމުން އުފާކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލް ކެމްޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް،" ފައިސަލް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް ޓްވިޓާގައި އާންމުކުރައްވަމުން ނަޝީދު ވިދާޅުވީ، ނައިބު ރައީސް އެމްޑީޕީއާ އެކު ހުންނެވުމުން އެނގިވަޑައިގަންނަވަނީ އެ މަނިކުފާނު ރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާ ކަން ކަމަށެވެ.

"ލޯކަލް ކައުންސިލްގެ ކެމްޕެއިންގައި ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ އާ އެކު ހުންނެވި ކަމީ އެ މަނިކުފާނު ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާކަމުގެ ފުރިހަމަ ދަލީލް،" ނަޝީދު ވިދާޅުވި އެވެ.

ނައިބު ރައީސަކީ ޖޭޕީގެ ކައުންސިލް މެމްބަރެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއް

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓުލާން ނަޝީދު ބާރުއެޅުއްވި އެވެ. އިންތިހާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް" މިދިޔަ މަހު ރަސްމީކޮށް އެމްޑީޕީ އިން ފެއްޓެވުމަށް ފަހު އެ ޕާޓީ އިން އަންނަނީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

މިދިިޔަ އަހަރުގެ އޭޕްރިލް މަހު އިންތިހާބު ބާއްވަން ރާވާފައި އޮތް ނަމަވެސް ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާ އެކު، ރައްކާތެރިވުމަށްޓަކައި އިލެކްޝަންސް ކޮމިޝަން އިން ނިންމީ އިންތިހާބު ފަސްކުރާށެވެ. އިންތިހާބު މިހާރު ބާއްވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ ގަވާއިދާ އެއްގޮތަށެވެ.