Roadha Mihaaru
ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ފުރާވަޑައިގެންފި

ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ފުރާވަޑައިގެންފި

14 މާޗް 2021

ގުޅުން ގާއިމްކުރުމަށް ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުޅުން ގާއިމްކުރުމަށް ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ތިން ދުވަހުގެ ދަތުރުފުޅުގައި، ކުރީގެ ސަރުކާރުން މެދުކަނޑާލާފައިވާ ރާއްޖެ އާއި ގަތަރާ ސިޔާސީ ގުޅުން އަލުން ގާއިމްކުރުން ފާހަގަކުރުމާއި ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

ގަތަރާ އަލުން ގުޅުން ގާއިމްކުރަން ސަރުކާރުން ނިންމީ މިދިޔަ ޖެނުއަރީ 6 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު ރާއްޖޭން ގަތަރާ ގުޅުން ކަނޑާލީ ސައުދީ އަރަބިޔާ އާއި އެ ގައުމުގެ އެކުވެރި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުންނެވެ. ގަތަރާ އަލުން ގުޅުން ގާއިމްކުރަން، މި ސަރުކާރުން ޖެނުއަރީ މަހު ނިންމީ ވެސް ސައުދީން އަލުން ގަތަރާ އެކު ގުޅުން ގާއިމްކުރުމުންނެވެ.

ގަތަރަށް ފަހު، ބަންގްލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ރައީސްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަންނަވާނެ އެވެ.

މި ފުރަމާނަ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިހު މުޖީބުއްރަހްމާން" ގެ ރަސްމީ ހަފުލާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އަދި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.