Roadha Mihaaru
ރެކޯޑް މުގުރާލުމުން ޕެލޭގެ ތައުރީފް ރޮނާލްޑޯ އަށް

ރެކޯޑް މުގުރާލުމުން ޕެލޭގެ ތައުރީފް ރޮނާލްޑޯ އަށް

15 މާޗް 2021

ސައޮ ޕައޮލޯ (މާޗް 15) - ރަސްމީ މެޗުތަކުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ މުގުރާލުމާ އެކު އޭނާ އަށް ޕެލޭ ތައުރީފުކޮށްފި އެވެ.

ސައޮ ޕައޮލޯ (މާޗް 15) - ރަސްމީ މެޗުތަކުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ މުގުރާލުމާ އެކު އޭނާ އަށް ޕެލޭ ތައުރީފުކޮށްފި އެވެ.

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ ކޮޅަށް މެޗުގެ 33 މިނިޓް ތެރޭ ހެދި ހެޓްރިކާ އެކު ރަސްމީ މެޗުތަކުގައި ރޮނާލްޑޯ ޖެހި ގޯލުގެ އަދަދު ވަނީ 770 އަށް އަރައިފަ އެވެ. ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވަނީ 767 ގޯލެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަސްމީ މެޗުތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ އޮސްޓްރިއާ އާއި ޗެކޮސްލޮވާކިއާގެ ކުރީގެ ފޯވާޑް ޖޯސެފް ބިކާން އަތުގަ އެވެ. އޭނާ ވަނީ ރަސްމީ މެޗުތަކުގައި 821 ގޯލު ޖަހައިފަ އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ރޭ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ލިޔެފައިވަނީ ދުނިޔޭގެ ލަނޑު ޖެހުމުގެ ރެކޯޑްގެ ކުރީގައި އޭނާގެ ނަން އޮވެ ޕެލޭގެ ރެކޯޑް މުގުރާލުމަކީ ދުވަހަކު ވެސް އޭނާ އުއްމީދުކުރި ކަމެއް ނޫން ކަމަށާއި މިއީ ލިބިގެންދިޔަ ފަހުރެއް ކަމަށެވެ.

ރޮނާލްޑޯ އަށް މަރުހަބާ ކިޔުމަށް ފަހު ޕެލޭ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖުގައިވަނީ ރޮނާލްޑޯގެ ހުނަރަށް ތައުރީފުކޮށްފަ އެވެ. އަދި ރޮނާލްޑޯ ކުޅޭ މެޗުތައް ބަލަން އަބަދުވެސް ޝައުގުވެރިވާ ކަމަށާއި އެއީ އެއްވެސް މީހަކަށް ސިއްރުވެފައި އޮތްކަމެއް ނޫން ކަމަށް ޕެލޭ ބުނެފައިވެ އެވެ.

ރޮނާލްޑޯ ރަސްމީ މެޗުތަކުގައި ޖެހި ގޯލުތަކުގެ ތެރެއިން 668 ގޯލު ޖެހީ އޭނާ ކުޅުނު ކްލަބްތަކަށެވެ.

އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ޖަހައިގެން ޕެލޭ ހަދާފައިވާ ރެކޯޑް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ މިދިޔަ ޑިސެމްބަރު މަހު މުގުރާލި އެވެ. ބްރެޒިލްގެ ސަންތޯސް އަށް 1956-1974 އަށް 656 މެޗުން 643 ގޯލް ޖަހައިގެން ޕެލޭ ހެދި ރެކޯޑް މެސީ މުގުރާލީ 749 މެޗުން 644 ލަނޑު ހަމަކޮށްގެންނެވެ. އެކަމަކު މެސީ އަށް ޕެލޭގެ ރެކޯޑް މުގުރާނުލެވޭ ކަމަށް ބުނެ ސަންތޯސް އިން ވަނީ ފަހުން ބަޔާނެއް ނެރެފަ އެވެ. ސަންތޯސްގެ ބަޔާނުގައިވާގޮތުން އެކުވެރިކަމުގެ މެޗުތަކާއި އެކްސިބިޝަން މެޗުތައް ލައިގެން ޕެލޭ އެ ކްލަބަށް ޖެހި ގޯލުގެ އަދަދަކީ 1091 ގޯލެވެ.

ބްރެޒިލްގެ ރެކޯޑް ފޮތްތަކުން ދައްކާގޮތުގައި ނުރަސްމީ މެޗުތަކާ އެއްކޮށް ޕެލޭ ވަނީ 1283 ގޯލު ޖަހައިފަ އެވެ. އަދި އޭނާ އަކީ ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.