Roadha Mihaaru
ޓްރަމްޕަށް ކޮވިޑްގެ ހާލަތު ބަދަލުކޮށްލެވިދާނެ: ފައުޗީ

ޓްރަމްޕަށް ކޮވިޑްގެ ހާލަތު ބަދަލުކޮށްލެވިދާނެ: ފައުޗީ

15 މާޗް 2021

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސަޕޯޓަރުން ކޮވިޑް ވެކްސިން ޖަހަން ބާރުއަޅުއްވައި އެކަމަށް ހިތްވަރުދެއްވައިފި ނަމަ އެކަމަކުގެ ސަބަބުން ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށް އެެމެރިކާގެ ކޮވިޑް ޓާސްކްފޯސްގެ ވެރިޔާ އަދި އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް އެނަތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

"އެކަމުން ދުނިޔެއަށް ބަދަލެއް ގެނެވިދާނެ،" ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވި އެވެ. "ޓްރަމްޕަކީ ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ވަރަށް މަގުބޫލު ބޭފުޅެއް."

އެމެރިކާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާފައިވާ ގޮތުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ފިރިހެން މެންބަރުންގެ ތެރެއިން 49 ޕަސެންޓް މީހުންނަކީ ކޮވިޑް ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނެވެ.

ވެކްސިން ޖަހަން ފެށުމާ އެކު އެމެރިކާގައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ތެރެއިން ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިން ޖަހައިފި ނަމަ، ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އެއް ގައުމު ކަމަށްވާ އެމެރިކާ އިން ބޮޑު ބަދަލެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ މަހު ބޭއްވި ޕާޓީގެ އެއްވުމެއްގައި ޓްރަމްޕް ވަނީ އެންމެން ވެކްސިން ޖަހަން ގޮވާލައްވައިފި އެވެ. މިއީ ކޮވިޑް ވެކްސިން ޖަހަން ގޮވާލައްވައި ޓްރަމްޕް އާންމުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

ޓްރަމްޕް ވަނީ ޖެނުއަރީ މަހު ވެކްސިން ޖައްސަވައިފަ އެވެ. އެއީ އާންމު ރަސްމިއްޔާތެއްގައެއް ނޫނެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ، ޖޯޖް ޑަބްލިޔު ބުޝް، ބިލް ކްލިންޓަން އަދި ޖިމީ ކާޓާ ވެކްސިން ޕްރޮމޯޓް ކުރެއްވުމަށް ބޭއްވި ހަފުލާފައި ވެސް ޓްރަމްޕް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 29.5 މިލިއަން މީހުންނަށް ކޮވިޑް ޖެހި 530،000 މީހުން އެ ބަލީގައި މަރުވެފަ އެވެ.