Roadha Mihaaru
ފައުޗީ ސިޔާސީ ވެއްޖެ ކަމަށް ވައިޓްހައުސްގެ ތުހުމަތު

ފައުޗީ ސިޔާސީ ވެއްޖެ ކަމަށް ވައިޓްހައުސް އިން ތުހުމަތުކޮށްފި

02 ނޮވެމްބަރ 2020

ވޮޝިންޓަން (ނޮވެމްބަރު 2) - ކޮރޯނާވައިރަހާ ގުޅޭ ކަންކަމުގައި އެމެރިކާ ސަރުކާރަށް ލަފާ ދޭ އެންމެ އިސް ސައެންސްވެރިޔާ ޑރ. އެންތަނީ ފައުޗީ މާބޮޑަށް ސިޔާސީ ވެއްޖެ ކަމަށް ވައިޓް ހައުސް އިން ތުހުމަތުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 2) - ކޮރޯނާވައިރަހާ ގުޅޭ ކަންކަމުގައި އެމެރިކާ ސަރުކާރަށް ލަފާ ދޭ އެންމެ އިސް ސައެންސްވެރިޔާ ޑރ. އެންތަނީ ފައުޗީ މާބޮޑަށް ސިޔާސީ ވެއްޖެ ކަމަށް ވައިޓް ހައުސް އިން ތުހުމަތުކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލާން ދެ ދުވަހަށްވެފައި ވަނިކޮށް ފައުޗީގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. ފައުޗީ ވިދާޅުވެފައި ވަނީ އާއްމު ސިއްހަތުގެ ނަޒަރުން ވިސްނާއިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ. އަނެއްކޮޅުން ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވަނީ ތަފާތު ވިސްނުންފުޅެއް ކަމަށާއި ޓްރަމްޕް ބޭނުންފުޅު ވަނީ އިގްތިސާދު ފުޅާކޮށް ގައުމު ހުޅުވާލަން ކަމަށެވެ.

ފައުޗީގެ މި ކޮމެންޓާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާން ވަނީ، ރައީސް ކަމަށް ބައިޑަން ގެންނަން ނުސީދާކޮށް ފައުޗީ ކެމްޕޭން ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އެމެރިކާގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގެ މެންބަރެއްގެ ގޮތުން ފައުޗީ އަށް އިޚްތިޔާރު އޮންނާނެ ބަލިކޮންޓްރޯލް ކުރުމާ ގުޅޭ ސިޔާސަތަށް ގެންނަން ފެންނަ ބަދަލު ހުށަހަޅަން. އެކަން ނުކުރައްވައި، ފައުޗީ ގެންދަވަނީ މީޑިއާގައި ރައީސް ޓްރަމްޕަށް ފާޑު ވިދާޅުވަމުން. އަދި އިދިކޮޅު ކެންޑިޑޭޓަށް ގެންދަވަނީ ތައުރީފް ކުރައްވަމުން،" ވައިޓް ހައުސްގެ ތަރުޖަމާން ޖޫޑް ޑީރް ވިދާޅުވި އެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީސް އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު، ފައުޗީ ވިދާޅުވެފައި ވަނީ އޭނާގެ 50 އަހަރުގެ ސަރުކާރުގެ ޚިދުމަތުގައި މިހާތަނަށް ފާޅުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައި ނުވާނެ ކަމަށެވެ.

އެމެރިކާގައި މިހާރު ދަނީ ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވަމުންނެވެ. އެ ގައުމުން މިހާތަނަށް ވަނީ 9,474,845 މީހުން ޕޮޒިޓިވްވެ 236,473 މީހުން މަރުވެފަ އެވެ.