Roadha Mihaaru
ދުވަސްނުފުރާ ވިހޭ ކުއްޖަކު މަރުވި މައްސަލަ ބަލަނީ

އައިޖީއެމްއެޗުގައި ދުވަސް ނުފުރާ ވިހޭ ކުއްޖަކު މަރުވަންދެން ބޭއްވިކަމަށް ބުނާ މައްސަލައެއް ބަލަނީ

16 މާޗް 2021

އައިޖީއެމްއެޗުގައި ބަނޑަށް ފަސް މަހުގައި ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ނުދީ، މަރުވަންދެން ބޭއްވި ކަމަށް ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައިޖީއެމްއެޗުގައި ބަނޑަށް ފަސް މަހުގައި ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ނުދީ، މަރުވަންދެން ބޭއްވި ކަމަށް ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ނުދީ، މަރުވަންދެން ބާއްވާފައި އޮތް ކަމަށް، އާއިލާއިން ކުރާ ތުހުމަތު ބަލަމުން އަންނަ ކަމަށެވެ. އަދި ތަހުގީގުކޮށް ނިމުމުން، އެކަން އާންމުކުރާނެ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ތުއްތު ކުއްޖާގެ ބައްޕަ ބުނީ ވިހޭއިރު ކުއްޖާގެ ބަރުދަނުގައި 500 ގްރާމް ހަމަނުވާ ނަމަ، ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ނަރުހުން ބުނި ކަމަށެވެ. އޭނާގެ ދަރިފުޅުގެ ހުރީ 300 ގްރާމެވެ. ލޯ ފިޔަވައި މޫނުގެ އެހެން ގުނަވަންތައް ރީތިކޮށް އޮތީ ފުރިހަމަވެފަ އެވެ. ރަނގަޅަށް ނޭވާލާތަން، އާއިލާއިން ނަގާފައިވާ ވީޑިއޯތަކުން ވެސް، ފެނެ އެވެ.

އާއިލާއިން ބުނިގޮތުގައި ތުއްތު ކުއްޖާ ފެނުނު އިރު އޮތީ، ނާސިން ޓްރޮލީއެއްގެ މަތީ ބާއްވައިފަ އެވެ. ގައިމަތީގައި ފޮތިގަނޑެއް އަޅާފައި ނެތުމުން، އެ ކުއްޖާއަށް ފިނިވާނެ ކަމަށާއި ފޮތިގަނޑަކުން ނިވާކޮށްލަން އާއިލާއިން އެދުނު ކަމަށް އާއިލާއިން ބުންޏެވެ.

"ދެން އަޅުގަނޑުމެން އެހިން ކިހިނެއްހޭ ހަދަންވީ. ނަރުހުންގެ ޖަވާބަކީ މަރުވީމައޭ ދެން ކުރާނެ ކަމެއް އެނގޭނީ. މަރުވަންދެންނޭ ބާއްވާފައި އެ އޮތީ،" ތުއްތު ކުއްޖާގެ ބައްޕަ ބުންޏެވެ.

ތުއްތު ކުއްޖާއަށް ފަރުވާ ނުދީ ބާއްވާފައި އޮތްތަން ފެނުނު ވަގުތުން ފެށިގެން އާއިލާއިން ވަނީ ހޮސްޕިޓަލުގެ ބައެއް އިސް ވެރިންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ވެސް ގުޅައިފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ، ނަޒްރާ ނަސީމް ވީޑިއޯ ކޯލްކުރައްވައި، ކުއްޖާ އޮތް ގޮތް ބެއްލެވި އެވެ. އަދި ތުއްތު ކުއްޖާ އެގޮތަށް ބާއްވާފައި އޮތީ ކީއްވެތޯ، ނަރުހުންނާ ސުވާލު ކުރެއްވި ކަމަށް އާއިލާއިން ބުންޏެވެ.

"ނަރުހުން ބުނީ މަރު ޑެކްލެއާ ކުރަން ބާއްވައިފައޭ އެ އޮތީ. އެހެން ކަންތައް ނުކުރެވޭނެ ކަމަށް ވިދާޅުވުމުން ބުނީ އެއީ ހަމަ ނޯމަލް ޕްރޮސީޖާ ކަމަށް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ނަޒްރާގެ ފޯން ކޯލަށް ފަހު، ތުއްތު ކުއްޖާ ދެން ބަދަލުކުރީ ޓްރޭއަކަށެވެ. މޭޒުމަތީގައި ޓްރޭ ބަހައްޓާފައި ހުރި އިރު، ނަރުހުން މޭޒުގައި ޖެހޭ ކޮންމެ ފަހަރަކު ތުއްތު ކުއްޖާއާ އެކު ޓްރޭ ވެސް ވަރަށް ބޮޑަށް ތެޅިގަންނަ ކަމަށް ބައްޕަ ބުންޏެވެ.

ފޫޅުމާ ފޯމުގައި އޮތް ގޮތުން ތުއްތު ކުއްޖާ ވިހެއީ އެ ރޭގެ 9:15ގަ އެވެ. އަދި މަރުވި ކަމަށް ޖަހާފައި އޮތީ 3:26ގަ އެވެ. ހަ ގަޑިއިރު ވާންދެން ތުއްތު ކުއްޖާ ބާއްވާފައި އޮތީ، ޓްރޭއެއްގެ މަތީގައި އެއްވެސް ފަރުވާއެއް ނުދީ ކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާގެ ކަންބޮޑުވުމަކަށް ވީ، ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ކިތަންމެ ކުޑަ ނަމަވެސް، އެ ކުއްޖާ ސަލާމަތްކުރަން ހޮސްޕިޓަލުން އެއްވެސް މަސައްކަތެއް ނުކުރުމެވެ. އަދި މަރުވާނެ ކަމަށް ބެލެވުނަސް ކުއްޖާއަށް ތަކްލީފް ކުޑަވާނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށްފައި ނެތުމެވެ.

"ވަރަށް ވޭންދެނިވި ގޮތަކަށް ދަރިފުޅު އެ މަރުވީ،" ބައްޕަ ބުންޏެވެ.