Roadha Mihaaru
ފުރާނަ ސަލާމަތްކުރަން ނޫޅެ ދޫކޮށްލާ ސަބަބު ކިޔައިދީފި

ދުވަސްނުފުރާ ވިހާ ބައެއް ހާލަތުގައި ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލްތަކުން މަސައްކަތެއް ނުކުރާނެ: އައިޖީއެމްއެޗު

16 މާޗް 2021

ވަކި މުއްދަތެއްގެ ކުރިން ކުއްޖާ އުފަންވެ އަދި ވަކި ބަރުދަނެއް ނުހުންނަ ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލްތަކުން މަސައްކަތް ނުކުރާނެ ކަމަށް، އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވަކި މުއްދަތެއްގެ ކުރިން ކުއްޖާ އުފަންވެ އަދި ވަކި ބަރުދަނެއް ނުހުންނަ ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލްތަކުން މަސައްކަތް ނުކުރާނެ ކަމަށް، އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

އައިޖީއެމްއެޗުގައި، ބަނޑަށް ފަސް މަހުގައި އުފަންވި ތުއްތު ކުއްޖަކު މަރުވާންދެން ބާއްވާފައި އޮތް ކަމަށް އާއިލާއިން ކުރި ތުހުމަތުތަަކަށް ފަހު އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް ފުރިހަމަ ނުވާ އުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާ އުމުރުގައި ވިހާ ކުދިންގެ ބަރުދަނާއި އެހެން ކަންކަމަށް ބެލުމަށް ފަހު، އެ އުމުރުގެ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަކީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

މާބަނޑު މީހާގެ ބަނޑަށް ވަކި މުއްދަތެއް ވުމުގެ ކުރިން ވިހައިފި ނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިޔުން ކަމަށެވެ. މިގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު މުއްދަތު ނުވަތަ މިންގަނޑުތަކަށް ރިއާޔަތް ކުރާއިރު، ބައިގެން ދިޔުން ކަމަށް އައިޖީއެމްއެޗުގައި ބަލަނީ ބަނޑަށް 22 ހަފުތާގެ ކުރިން ވިހައިފި ނަމަ އެވެ.

ބަނޑަށް 22 ހަފުތާގެ ކުރިން ވިހައިފި ނަމަ އަދި އެ ކުއްޖާގެ ބަރުދަނުގައި 500 ގްރާމް ނުހުންނަ ނަމަ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އައިޖީއެމްއެޗުގައި އުފަންވި ތުއްތު ކުއްޖާގެ ހުރީ 300 ގްރާމެވެ. ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ކުޑަކަމަށް، އާއިލާ ގާތުގައި ހޮސްޕިޓަލުން ވެސް ބުނެފައި ވެ އެވެ.

އެކަމަކު އާއިލާގެ ކަންބޮޑުވުމަކީ ވިންދު ހުރި، އަދި ނޭވާލަމުން ދިޔަ ތުއްތު ކުއްޖާ، މަރުވަންދެން، ޓްރޭއެއްގެ މަތީގައި ބާއްވާފައި އޮތުމެވެ. އަދި ފުރާނަ ސަލާމަތް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރުމެވެ.

އައިޖީއެމްއެޗުން ބުނީ 12 ވަނަ ހަފުތާއިން ފެށިގެން ވެސް ތުއްތު ކުއްޖާގެ ވިންދު ހުންނާނެ ކަމަށާއި އެކަމަކު ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބައިގެންދާ ކުދިން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އެ ފަދަ ހާލަތްތަކުގައި އެ ކުއްޖާ ބަލަނީ "ވަޔަބަލް ފީޓަސް"އެއްގެ ގޮތުގައި ކަމަށާއި ދެން ޖެހޭނީ، އެ ކުއްޖާގެ ވިންދު ދަންދެން ބާއްވަން ކަމަށް ބުންޏެވެ.

"މިއީ އާއިލާ އާއި އެހެން ފަރާތްތަކަށް ވެސް ތަހައްމަލު ކުރަން ދަތި މަންޒަރެއްކަމަށް ގަބޫލުކުރަމެވެ." އައިޖީއެމްއެޗުގެ ނޫސް ބަޔާނުގައި ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ކޮންމެ ފުރާނަ އަކީ ވެސް އަގުހުރި، ހުރުމަތްތެރިވެގެންވާ ފުރާނައެކެވެ. އަދި ސިއްހީ ފަރުވާއަކީ، އިލާހީ ގާނޫނުތަކުގެ އިތުރުން، ސިއްހީ ގޮތުން ހޯދިފައިވާ އިލްމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވީ ހިނދު، އެކަންކަމަށް ރިއާޔަކޮށް، ފުރާނައެއް ސަލާމަތްކުރަން ދެވެން އޮތް ހުރިހާ ފަރުވާ ހޮސްޕިޓަލުން ދޭނެ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ވަކި ބަލި މީހަކާ ގުޅޭ ސިއްހީ މައުލޫމާތު އާއްމުކުރުން ގާނޫނީ ގޮތުން މަނާ ކަމަށެވެ. އެހެންވެ، އާއިލާއިން ތުހުމަތު ކުރާ ހާދިސާގައި ކަންތައްތައް ވީގޮތް، ތަފްސީލުކޮށް އާންމުކޮށް ކިޔައިދިނުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި ބަލި މީހާގެ ހާލަތާއި ކުރިމަތި ވެދާނެ ކަންކަން އަދި އެކަމަށް އެއްވެސް ފަރުވާއެއް އޮތް ނަމަ، އޭގެ ތަފްސީލު ދެވޭނީ ހަމައެކަނި ބެލެނިވެރިޔާއަށް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުގައި އޮންނަނީ، ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށް ފަހު ދަރިފުޅު ނުވަތަ މައިމީހާ މަރުވާ ކޮންމެ މައްސަލައެއް ވެސް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާ ގޮތަށެވެ.

ބަޔާނުގައި ބުނީ ކުރިއަށް އޮތްތަނުގައި އިސްލާހު ކުރެވިދާނެ އެއްވެސް ކަމެއް އޮތްތޯ ބަލާނެ ކަމަށެވެ.