Roadha Mihaaru
ކަންބޮޑުވާންޖެހޭ ކަމެއް އެއްބަސްވުމަކު ނެތް: ޝަމާލް

ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ޔޫޓީއެފް އެއްބަސްވުމަކު ނެތް: ޝަމާލް

16 މާޗް 2021

އުތުރު ތިލަފަޅުގައި ކޯސްޓް ގާޑު ޕޯޓެއް ތަރައްގީކުރުމަށް އިންޑިއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރު ތިލަފަޅުގައި ކޯސްޓް ގާޑު ޕޯޓެއް ތަރައްގީކުރުމަށް އިންޑިއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ތަރައްގީކޮށްދޭ، ޔޫޓީއެފްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ބަނދަރާ ބެހޭ ގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން ހެދި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ، އިއްޔެ ވަނީ މީޑިއާގައި ލިއުމެއް ލީކްކޮށްލައިފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ލީޑަޝިޕުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މޭޖަ ޖެނެރަލް ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅަކީ ދިވެހި ސިފައިން ބޭނުންވާ ތަނެއް ކަމަށެވެ. އެކަން ކުރުމަށް ސަރުކާރަށް ބާރުއަޅަނީ ވެސް ދިވެހި ސިފައިން ކަމަށާއި އެއީ ގާނޫނު އަސާސީން ލާޒިމްކުރާ މިޝަން ހާސިލްކުރުމަށްޓަކައި އެފަދަ ފެސިލިޓީއެއް ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

"...އަޅުގަނޑުމެން ސަރުކާރުގައި ވެސް މި ދަންނަވަނީ އަޅުގަނޑުމެންނަށް މި ކެޕޭސިޓީ މި ގޮތަށް ހޯދައިދެއްވާށޭ، މި ކެޕޭސިޓީ ބިލްޑު ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ މަސްކަނޑުތައް ބަލަހައްޓަން، އަޅުގަނޑުމެންގެ މި އޮތް ބޮޑު މެރިޓައިމް ޒޯން ސެކިއުކުރުމަށްޓަކައި،" ޝަމާލް ވިދާޅުވި އެވެ.

"އެހެންވީމަ، މިއީ ގައުމީ ދިފާއީ ބާރުން ވެސް ބޭނުންވާ ކަމެއް. އަޅުގަނޑު ވަރަށް ހާމަކަންމަތީ ބުނަން ބޭނުން، އިރާދަކުރައްވައިގެން މާތްﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު މި ފެސިލިޓީ ހެދިގެން ދިޔައީމަ އަހަރުތަކެއް ފަހުން މީގެ ފައިދާ ފެނިގެންދާނެ. މި ފެސިލިޓީގެ ފައިދާ ފެނިގެންދާނެ ކެޕޭސިޓީ ބިލްޑުކުރުމަށްޓަކައި،"

ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ، އެ ޕޯޓުގައި ހަތިޔާރު އަޅައިގެން އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ގުޅޭގޮތުންނެވެ. ނަމަވެސް ޝަމާލް ވިދާޅުވީ އިންޑިއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އުތުރު ތިލަފަޅުގައި އަސްކަރީ ބަޔަކު ތިބޭނެ ވާހަކަ ނޯންނާނެ ކަމަށެވެ.

"...ސޮއިކުރެވިފައިވާ އެގްރިމެންޓުގައި އަސްކަރީ ބަޔަކު ތިބޭނެ ވާހަކައެއް ނޯންނާނެ. ސޮއިކުރި އެގްރިމެންޓުގައި ހަތިޔާރު އެޅި ބަޔަކު އެތަނުގައި އޮޕަރޭޓްކުރާނެ ވާހަކައެއް ވެސް ނޯންނާނެ. ވަރަށް ހާމަކޮށް އަޅުގަނޑު ބޭނުން،" ބަންޑާރަކޮށީގެ އާ އިމާރާތުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވި އެވެ.

"އާއްމު ރައްޔިތުންނަށް ވެސް ދޭން ބޭނުންވާ މެސެޖަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކްލޯސެއް، އެއްވެސް އާޓިކަލެއް، އެއްވެސް މާއްދާއެއް މި އެގްރިމެންޓުގައި ނޯންނާނެކަން،"

އުތުރު ތިލަފަޅު ތަރައްގީކުރުމުގެ މަޝްވަރާ ފެށީ 2013 ވަނަ އަހަރެވެ. ނަމަވެސް ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ އުޅަނދު ފަޅުތެރޭގައި އޮންނަން ޖެހުމާއި މަރާމާތުނުކުރެވުމުގެ މައްސަލަތައް ދިމާވާން ފެށުމުން އެކަމުގެ ބޭނުން ކުރީއްސުރެ އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ޔޫޓީއެފްގެ އެންމެ ބޮޑު އެއް ފީޗާއަކީ 300 މީޓަރުގެ މަގަތު ފާލަމެއް ކަމަށެވެ. އެއާއެކު، އުޅަނދުފަހަރު މަރާމާތުކުރާ ޑޮކެއް ހިމެނެ އެވެ.

އެ ފަޅުގެ މިލްކިއްޔާތު އޮތީ ދިވެހި ދައުލަތުގައި ކަމަށާއި އެތަން އޮޕަރޭޓްކުރަނީ ވެސް ދިވެހި ދައުލަތުންކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ މާހިރެއް ދިޔަނަސް އެ ތަނަށް އަންނަނީ ދިވެހި ދައުލަތުގެ ހުއްދަ ލިބިގެން ކަމަށް ދައުލަތުން ނިންމާ މުއްދަތަކަށް ކަމަށެވެ.

"އޭރު ވެސް ބޭނުން، މިހާރު ވެސް ބޭނުން މާދަން ވެސް އަޅުގަނޑުމެން މި ތަން ގައުމީ ދިފާއީ ބާރުން މި ފެސިލިޓީ ބޭނުން،" ޝަމާލް ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި ތަރައްގީކުރާ އުތުރުތިލަ ފަޅުގެ އެއްބަސްވުން ދިވެހި ސަރުކާރުން އަދި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދެ ފަރާތުން ކުރެ ފަރާތެއް ބޭނުންވެއްޖެނަމަ އެގްރިމެންޓް އުވާލެވޭނެ އެވެ.