Roadha Mihaaru
ކޮންމެ ގައުމަކަށް ވެސް ޔޫޓީއެފް ބޭނުންކުރެވޭނެ: ޝަމާލް

އުތުރުތިލަފަޅު ކޮންމެ ގައުމަކަށް ވެސް ބޭނުންކުރެވޭ، އަސްކަރީ ބޭސްއަކަށް އެތަން ކަމަކުނުދާނެ: ޝަމާލް

16 މާޗް 2021

އުތުރު ތިލަފަޅު ތަރައްގީކުރުމުން ކޮންމެ ގައުމަކަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށާއި އެއީ އަސްކަރީ ބޭސްއަކަށް ބޭނުންކުރަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރު ތިލަފަޅު ތަރައްގީކުރުމުން ކޮންމެ ގައުމަކަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށާއި އެއީ އަސްކަރީ ބޭސްއަކަށް ބޭނުންކުރަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެހީގައި ޕޯޓު ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ސޯޝަލް މީޑިއާގައި ލީކުކޮށްލައިފަ އެވެ. ނަމަވެސް އަސްކަރިއްޔާއިން ވަނީ އެއީ އެއްވެސް އަސްލެއް ނެތް ލިޔުމެއް ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ބަންޑާރަކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވީ ކޯސްޓްގާޑު ބަނދަރަށް އެއްވެސް ގައުމެއްގެ އުޅަނދެއް އަންނާކަށް އެހެން ގައުމަކަށް މަނައެއް ނުކުރެވޭނެ ކަމަށެވެ. އެގޮތަށް ވިދާޅުވީ ޕޯތް ތަރައްގީކޮށްދޭ އިންޑިއާ އަށް އެތަން ހާއްސަ ކަމަށާއި އެހެން ގައުމެއްގެ އުޅަނދުތަކަށް އެތަން ބޭނުން ނުކުރެވޭނެ ކަމަށް ކުރާ ތުހުމަތާ ގުޅިގެންނެވެ.

"ޔޫޓީއެފަށް، ކޯސްޓްގާޑު ބަނދަރަށް އެއްވެސް ގައުމެއްގެ އެއްވެސް ދައުލަތެއްގެ އެއްޗެއް އަންނާކަށް އެހެން ގައުމަކަށް މަނައެއް ނުކުރެވޭނެ. އެހެން ގައުމެއްގެ ހުއްދައެއް ވެސް ހޯދާކަށް ނުޖެހޭނެ. އެގްރިމެންޓަކު ނޯންނާނެ. އެއްވެސް ދައުލަތެއްގެ ނުވަތަ އެއްވެސް ވެސަލްއެއް ހުއްދަ ހޯދައިގެން ގެނެވޭނެ ގޮތަކަށް ނޯންނާނެ އެގްރިމެންޓަކު،" އެމްއެންޑީއެފްގައި މި ވަގުތު ތިއްބެވި 10 ޖެނެރަލުންގެ ތެރެއިން ނުވަ ބޭފުޅުން ބައިވެރިވެވަޑައިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވި އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ބައެއް މީހުންގެ ކަންބޮޑުވުމަކީ މިލިޓަރީގެ ބޭނުމަށް އުތުރު ތިލަފަޅު ދިނުމާ އެކު އެ ތަނުގައި ހަތިޔާރު އެޅި ބޭރުގެ ސިފައިން ގާއިމްވެ ތިބުމެވެ.

އެކަންކަމަށް ރައްދު ދެއްވައި ޝަމާލް ވަނީ އުތުރު ތިލަފަޅަކީ އަސްކަރީ އަސްކަރީ ބޭސްއެއް އަދި އެފަދަ ގޮތަކަށް އޮޕަރޭޓްކުރެވޭނެ ތަނެއް ވެސް ނޫން ކަމަށެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝަމާލް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝަމާލް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މި ތަނަކީ މިލިޓަރީ ބޭސް އެއް ވެސް ނޫން. އަސްކަރީ ބޭސް އެއް ވެސް ނޫން. މި ތަނަކީ އަސްކަރީ ބޭސްއެއްގެ ގޮތުގައި އޮޕަރޭޓްކުރެވޭނެ ތަނެއް ވެސް ނޫން އަދި އޭގެ އިތުރަށް އަސްކަރީ ބޭސްއަކަށް ފުދޭ ކެރެކްޓެރިސްޓިކްސް ހުރި ތަނެއް ވެސް ނޫން،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫޓީއެފްގައި ގާއިމްކުރަނީ ކޯސްޓްގާޑުގެ ބަނދަރެކެވެ. އެ ބަނދަރުގެ މައިގަނޑު އެއް ފެސިލިޓީއަކީ 300 މީޓަރުގެ މަގަތު ފާލަމެއް ކަމަށާއި އެއާއެކީގައި ގާތްގަނޑަކަަށް 500 ޓަނުގެ އުޅަނދުފަހަރު ނެގޭ ވަރުގެ ޑޮކެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ. ޝަމާލް ވިދާޅުވީ ޔޫޓީއެފްގައި ކޮންމެ ވެސް ވަރެއްގެ ކޮމާޝަލް ބައެއް ކުރިއަށްގެންދިއުމަށް އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީގައި ވިސްނުން އެބަހުރި ކަމަށެވެ.

"އަޅުގަނޑު ވަރަށް ހާމަކޮށް، ވަރަށް ޞަރީހަކޮށް ބުނެލަން ބޭނުންވޭ، މި ފެސިލިޓީއަކީ 100 ޕަސެންޓް ދިވެހި ދައުލަތުގެ މިލްކެއް. އަދި މިތަން އޮޕަރޭޓްކުރާނީ ވެސް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން،"

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ޔޫޓީއެފް ތަރައްގީކުރަން ވާހަކަދައްކާފައިވަނީ ހަމައެކަނި އިންޑިއާއާ އެކަނި ނޫން ކަމަށެވެ.

އެ ތަން ތަރައްގީ ކޮށްދިނުމަށް އެދި ރާއްޖެއަށް ޒިޔާރަތްކުރި އެހެން ގައުމުތަކުގެ އަސްކަރިއްޔާގެ ހުރިހާ އިސްވެރިން ކަހަލަ ގޮތަކަށް ޔޫޓީއެފް އަށް ގެންދެވުނު ކަމަށެވެ. އެއީ އަސްކަރީ އަދި ވިޔަފާރީގެ ބައެއް ކަމަށް ވިޔަސް ވާހަކަދައްކަމުން ދިޔައީ އެތަން ތަރައްގީކޮށްދޭތޯ ކަމަށް ވިދާޅުވި އެވެ.

އުތުރު ތިލަފަޅު ތަރައްގީކޮށް ނިންމަން ދީފައިވަނީ ތިން އަހަރެވެ. އޭގެ ފަހުން އެގްރިމެންޓުގެ މުއްދަތަކީ 15 އަހަރެވެ.