Roadha Mihaaru
ރައީސްގެ ދެކަނބަލުން ބަންގްލަދޭޝްގައި

ގަތަރު ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ބަންގްލަދޭޝްގައި

17 މާޗް 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ބަންގްލާދޭޝް އަށް ވަޑައިގެންފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ބަންގްލާދޭޝް އަށް ވަޑައިގެންފި އެވެ.

ބަންގްލަދޭޝް އިން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރާޝިދާ ހާމިދެވެ. ރައީސަށް ބަންގްލާދޭޝް އިން ވަނީ 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި އެ މަނިކުފާނުގެ ޝަރަފުގައި އޮނަ ގާޑެއް ވެސް އޮތެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ބައިވެރިވެރިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަންގްލަދޭޝްގައި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އެ ގައުމުގެ އިސް ބައެއް އޮފިޝަލުންނާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބަންގަލަދޭޝްގެ ބާނީ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ވެސް ރައީސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު 22، 1978 ގަ އެވެ.

ރައީސްގެ ދެ ކަނބަލުން، ބަންގްލަދޭޝްގެ ޝަހީދުންގެ ހަނދާނީ ބިނާ ބައްލަވައިލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެ ކަނބަލުން، ބަންގްލަދޭޝްގެ ޝަހީދުންގެ ހަނދާނީ ބިނާ ބައްލަވައިލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް މި ދަތުރުފުޅުގައި ރައީސް ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންނެވެ. ބަންގްލަދޭޝަކީ މީހުން ބިނާ ކުރުމުގެ ރޮނގުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

ބަންގްލަދޭޝް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތި ހާލަތުގައި އެކި ގޮތްތަކުން ރާއްޖެއަށް އެހީތެރިކަން ދީފަ އެވެ. އެ ގައުމުން ވަނީ ކާނާ އާއި ބޭހާއި ސިއްހީ ހިދުމަތްތެރިން ވެސް ރާއްޖެއަށް ފޮނުވައިފަ އެވެ.

ރައީސްގެ ދެކަނބަލުން ބަންގްލަދޭޝަށް ވަޑައިގަތުމުގެ ކުރިން ގަތަރަށް ވަޑައިގެން އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއާ ބައްދަލުކުރެއްވި އެވެ. މިއީ ކުރީ ސަރުކާރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައި އޮތުމަށް ފަހުން އަލުން ގުޅުން ގާއިމުކޮށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުން ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.