Roadha Mihaaru
އިންޑިއާ އިން 60 މިލިއަން ޑޯޒް ވެކްސިން އެކްސްޕޯޓްކޮށްފި

އިންޑިއާ އިން 60 މިލިއަން ޑޯޒް ވެކްސިން އެކްސްޕޯޓްކޮށްފި

17 މާޗް 2021

ނިއު ދިއްލީ (މާޗް 17) - އިންޑިއާ އިން ކޮރޯނާވައިރަހުގެ ވެކްސިން، ކޮވިޝީލްޑް އުފައްދަން ފެށި ފަހުން މިހާތަނަށް 70 އަށް ވުރެ ގިނަ ގައުމަށް 60 މިލިއަން ޑޯޒް ވެކްސިން އެކްސްޕޯޓްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މާޗް 17) - އިންޑިއާ އިން ކޮރޯނާވައިރަހުގެ ވެކްސިން، ކޮވިޝީލްޑް އުފައްދަން ފެށި ފަހުން މިހާތަނަށް 70 އަށް ވުރެ ގިނަ ގައުމަށް 60 މިލިއަން ޑޯޒް ވެކްސިން އެކްސްޕޯޓްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގައި ވެކްސިން ޕްރޮގްރާމް ފަށާފައި ވަނީ ޖެނުއަރީ މަހު އެވެ. އެ ގައުމުގައި މިހާތަނަށް ވަނީ 30 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފަ އެވެ. އިންޑިއާ އިން އަމާޒު ހިފާފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

"އިންޑިއާގައި ފަށާފައިވާ ވެކްސިން ޕްރޮގްރާމަށް ބޭނުންވާ ވަރަށް ބެލުމަށް ފަހު ޕާޓްނާ ގައުމުތަކަށް ކުރިއަށް އޮތް ތަނުގައި ވެސް ވެކްސިން ސަޕްލައި ކުރަމުން ގެންދާނެ،" މިނިސްޓަ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ވެލްފެއާ އަޝްވިނީ ކުމާރު ޗައުބޭ ވިދާޅުވި އެވެ.

އެސްޓްރަޒެނެކާގެ އިންޑިއާ ވާޝަން، ކޮވިޝީލްޑް އުފައްދަނީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުންނެވެ. ވެކްސިން އުފައްދަން ފެށުމާ އެކު އިންޑިއާ އިން ވަނީ އަވަށްޓެރި ގައުމުތަކަށް ހިލޭ ވެކްސިން ފޯރުކޮށްދީފަ އެވެ.

ސީރަމް އަކީ އުފައްދާ ޑޯޒާއި ވިއްކޭ އަދަދަށް ބަލާއިރު ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ކުންފުންޏެވެ. ޕޫނޭގެ އިތުރުން ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކްގައި ފެކްޓަރީ ގާއިމްކޮށްފައިވާ 53 އަހަރުވީ ކުންފުނިން އަހަރެއްގެ ތެރޭ 1.5 ބިލިއަން ޑޯޒް އުފައްދަ އެވެ. އެ ކުންފުނީގައި 7،000 މީހުން މަސައްކަތް ކުރެ އެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 ޕަސެންޓް އުފައްދަނީ އިންޑިއާ އިންނެވެ.