Roadha Mihaaru
އިންޑިއާ އިން ކޮވިޝީލްޑް އެކްސްޕޯޓް މަޑުޖައްސާލައިފި

އިންޑިއާ އިން އެސްޓްރަޒެނެކާ ވެކްސިންގެ އެކްސްޕޯޓް މަޑުޖައްސާލައިފި

25 މާޗް 2021

ނިއު ދިއްލީ (މާޗް 25) - ކޮރޯނާވައިރަހުން ދިފާއުވުމަށް އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންގެ އެކްސްފޯޓް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މާޗް 25) - ކޮރޯނާވައިރަހުން ދިފާއުވުމަށް އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންގެ އެކްސްފޯޓް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އޮފިޝަލުން ބުނީ އެކްސްޕޯޓް މަޑުޖައްސާލަން ޖެހުނީ އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެ ގައުމަށް ބޭނުންވާ ވަރަށް ވެކްސިންގެ ސްޓޮކް ބެހެއްޓުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި އަންނަ މަސް ނިމެންދެން ވެކްސިން އެކްސްޕޯޓް ކުރުން ހިފަހައްޓާނެ އެވެ.

އިންޑިއާގައި އުފައްދަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންގެ އެކްސްޕޯޓް ހުއްޓާލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޮވެކްސް ސްކީމުގެ ދަށުން ވެކްސިން ފޯރުކޮށްދޭ 190 އަށް ވުރެ ގިނަ ގައުމަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

އިންޑިއާގައި އޮކްސްފޯޑް ވެކްސިން އުފައްދާ ސީރަމް އިންސްޓްޓިއުޓުން ވަނީ އެސްޓްރަޒެނެކާ ވެކްސިން އެކްސްޕޯޓް ކުރަން ޖެހޭ ވަރަށް ގިނަ ގައުމުތަކަށް ޝިޕްމަންޓްތައް ފޮނުވުން ލަސްކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ބްރެޒިލް، ސައުދީ އަރަބިއާ އަދި މޮރޮކޯ ހިމެނެ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 76 ގައުމަކަށް 60 މިލިއަން ޑޯޒް ވެކްސިން އެކްސްޕޯޓްކޮށްފަ އެވެ. އޭގެ ތެރޭން ބޮޑު ޕަސެންޓޭޖަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނެވެ.

އިންޑިއާ އިން ވެކްސިންގެ އެކްސްޕޯޓް މަޑުޖައްސާލި އިރު އެ ގައުމުން ވަނީ މި އަހަރުތެރޭ ރެކޯޑް އަދަދުން ޕޮޒިޓިވްވާން ފަށައިފަ އެވެ. ބުދަ ދުވަހު ވެސް ވަނީ 47،000 މީހުން ޕޮޒިޓިވްވެ 275 މީހުން މަރުވެފަ އެވެ. މިއީ މި އަހަރު، އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އިންޑިއާ އިން މިހާރު ވަނީ އެޕްރީލް 1 އިން ފެށިގެން 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަން ނިންމައިފަ އެވެ. އަދި އެހާތަނަށްވާއިރަށް ވެކްސިންގެ ޑިމާންޑް ބޮޑުވާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ. ޖެނުއަރީ 16 ގައި އިންޑިއާގައި ވެކްސިން ޖަހަން ފެށި ފަހުން މިހާތަނަށް ވަނީ 47 މިލިއަން މީހުންނަށް މަދުވެގެން އެއް ޑޯޒް ޖަހައިފަ އެވެ.

ސީރަމް އިން ބުނެފައި ވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށް މި އަހަރު އެއް ބިލިއަން ޑޯޒުގެ ވެކްސިން އުފައްދާނެ ކަމަށެވެ. މަސް ދުވަސްތެރޭ 100 މިލިއަން ޑޯޒުގެ ވެކްސިން އުފައްދާނެ ކަމަށް ސީރަމް އިން ބުނެފައިވެ ވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި މަހެއްގެ މައްޗަށް އުފައްދާފައި ވަނީ 60-70 މިލިއަން ޑޯޒުގެ ވެކްސިނެވެ.

އިންޑިއާ އިން އަމާޒު ހިފާފައި ވަނީ ހަތް މަސްތެރޭ 600 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 85 މިލިއަން މީހުންނެވެ.