Roadha Mihaaru
ޓެގް ޓީމުން ވަނީ އެޗްޕީއޭ ހިސޯރުކޮށްފައި: ބޮންޑޭ

މާލީ މަންފާ ހޯދަން "ޓެގް" އިން ވަނީ އެޗްޕީއޭ ހިސޯރުކޮށްފައި: ބޮންޑޭ

22 މާޗް 2021

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ ކަންކަމުގައި ސަރުކާރަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަށް ރައްޔިތުުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ ކަންކަމުގައި ސަރުކާރަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަށް ރައްޔިތުުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އޭނާ އެ ތުހުމަތުތައް ކުރެއްވީ، ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ބަހުސްގަ އެވެ.

ބޮންޑޭ ތުހުމަތު ކުރެއްވިގޮތުގައި، ކޮވިޑް ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގައި އިއުލާނުކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާާލަތު އަދިވެސްް ދަމަހައްޓަނީ ޓެގް ޓީމަށް އެކަމުން ފައިދާއެއް ވާތީ އެވެ. ކޮވިޑާ ބެހޭ ކަންކަމުގައި ގޮތް ނިންމަވަން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިނިވަންކަން ނޯންނަ ކަމަށާއި ޓެގް ޓީމުން އެޗްޕީއޭ ހިސޯރު ކޮށްފައިވާ ކަމަށް ވެސް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭ އިން އަޅަމުން އަންނަ ބައެއް ފިޔަވަޅުތަކަކީ އާއްމު އިންސާނެއްގެ ވިސްނުމަށް ގަބޫލު ނުކުރެވޭ ވަރުގެ ދޯހަޅި ކަންތައްތަކެއް ކަމަށެވެ. އެގޮތަށް އެކަން ވުމުގައި އެ އިދާރާގެ ވެރިންގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި ފިޔަވަޅުތައް އަޅަނީ އެޗްޕީއޭ އިން އަމިއްލަަ އަށް ނޫން ކަމަށް ބޮންޑޭ ގަބޫލު ކުރައްވަ އެވެ.

"އަޅުގަަނޑުމެންނަށް މައްސަލަ ވަރަށް ސާފު. ވަކި ބަޔަކު އެ ފަރާތުގެ މާލީ މަންފާއެއް ހޯދުމަށްޓަކައި، އަޅުގަނޑު މި ދަންނަވާ ޓެގް ޓީމުން މާލީ މަންފާއެއް ހޯދުމަށްޓަކައި އެޗްޕީއޭގެ އިދާރާ ހިސާރުކޮށްފައި މިވަނީ. އިއްޒަތްތެރި ރައީސް މި މައްސަލަ އަށް ނިމުމެއް އެބަ ގެންނަން ޖެހޭ. މިއީ ވަރަށް ބޮޑު ސީރިއަސް މައްސަަލައެއް،" ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ ޓެގްޓީމަށް އޭނާ މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރެއްވި.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ ޓެގްޓީމަށް އޭނާ މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރެއްވި.---ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ އެކަމާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގެންފަައިވާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ، ހަަމަ ބުއްދި އަށް ގަބޫލު ނުކުރެވޭ ކަމަށް ބޮންޑޭ ދެކެވަޑައިގަންނަވާ ބައެއް އުސޫލުތަކުގެ ވާހަކަ ވެސް އޭނާ ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ، މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން އެއްގަމު އުޅަަނދުތައް ދުއްވުން މަނާކުރުމަކީ "ތޮއްޖެހިގެން ބަހަށް އަރަން މަޖުބޫރުކުރުން" ކަމަށެވެ.

"ބަހަށް އަރައިގެން ތޮއްޖެހިގެން އެހެން ތަންތަނަށް އެބަ ދެވޭ. މިއީ އިންސާނީ ހަމަ ބުއްދި، އާއްމު އިންސާނެއްގެ ހަމަ ބުއްދި އަށް ވިސްނޭ ދަރަޖައިގައި ކަންކަން ކުރާށޭ،" ބޮންޑޭ ވިދާޅުވި އެވެ.

ޓެގް ޓީމުން މާލީ މަންފާތަކެއް ހޯދާ ވާހަކަ ބަޔަކު ދައްކާ ކަމަށް މައްޗަށްގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގޭ) ވެސް މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދެއްކެވޭ ވާހަކައާ އެއްގޮތަށް ކަންތައް ހިނގާ ނަމަ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދުވަހަކު ވެސް އުވާލާކަށް ޓެގްޓީމަކުން ނޭދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެބަ ފެނޭ 15 ވަރަކަށް މިލިޔަން ޑޮލަރު ޕީސީއާރު ޓެސްޓްތަކަށް ހަރަދު ކުރި ކަމަށް ދިވެހިރާއްޖޭގައި. މީގެ [ތެރެއިން] ފަސްވަރަކަށް މިލިޔަން ޑޮލަރު އެތަނުން އެއް ޑޮކްޓަރެއްގެ ގުޅުން ހުންނަ ކޮންމެވެސް ކުންފުންޏަކުން އެ ނަގާ ވާހަކަ ވެސް ބަޔަަކު ދައްކަމުން އެބަދޭ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މަޖިލީހަށް މައްސަލަ ހުށަހެޅުއްވި މެމްބަރު ސަލީމް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލްކުރަން އެޅި ބައެއް ފިޔަވަޅުތަކުގެ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ. ސައިހޮޓާތަކާއި ކެފޭ/ރެސްޓޯރެންޓްތައް ބަންދުކުރަން ކަނޑައެޅި ގަޑިތަކަކީ އެފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.