Roadha Mihaaru
ބަޖެޓަށް އިދިކޮޅު މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް

މިއީ އުންމީދީ ބަޖެޓެއް ނޫން، ރައްޔިތުން ވާނީ އިތުރަށް ފަގީރު: އިދިކޮޅު މެމްބަރުން

14 ނޮވެމްބަރ 2016

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ އުންމީދީ ބަޖެޓެއް ނޫން ކަމަށާއި ރައްޔިތުން އިތުރަށް ފަގީރުކުރުވާނެ ބަޖެޓެއް ކަމަށް މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ އުންމީދީ ބަޖެޓެއް ނޫން ކަމަށާއި ރައްޔިތުން އިތުރަށް ފަގީރުކުރުވާނެ ބަޖެޓެއް ކަމަށް މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވަނީ އެ މެމްބަރުންގެ ދާއިރާތަކުގައި ބޮޑު އެއްވެސް މަޝްރޫއެއް ހިންގުމަށް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދާއިރާތަކަށް ބަޖެޓުގައި ހިމަނާފައި ހުރީ އާދައިގެ ކުދިކުދި މަޝްރޫއުތަކެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ އަތުން އިތުރު ޓެކްސްތަކެއް ނަގަން އުޅެނީ ރައްޔިތުން އިތުރަށް ފަގީރުކޮށް ނިކަމެތި ކުރަން ކަމަށް ވެސް ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ނަމުގައި 25 ޑޮލަރުގެ ފީއެއް ނެގުމާ ދެކޮޅަށް، ވެރިކަންކުރާ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ގައުމަށް އައި ތަރައްގީއެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ގައުމަށް އައި ތަރައްގީއެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ފޮނި އުންމީދުތަކެއް އޮތް ބަޖެޓެއްގެ ގޮތުގައި ނުފެނެ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި އައްޑޫގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ހިމަނާފައިވިޔަސް، އެއްވެސް ކަމެއް ހަގީގަތަކަށް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން މި އަހަރު ނިމިގެން ދާއިރު، އައްޑޫގެ މަގުތައް ހެދިފައިނުވާ ކަމަށާއި އައްޑޫގައި ދިރިއުޅޭ މީހުންނަށް ބޯފެނާއި ނަރުދަމާގެ ނިޒާމު ވެސް ގާއިމު ކޮށްދެވިފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އައްޑޫގެ ބައެއް އަވަށްތަކުގެ ބަނދަރު ހަދަން ވެސް ބަޖެޓުގައި ހިމަނާފައި ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ މުދަލާއި ފައިސާ އިން ކުރެވޭ ކަމެއް ނޭނގޭ، ބަޖެޓަށް ބެލީމަ އެނގޭ ކޮންމެ އަހަރަކު ދަރަނި ބޮޑުވަމުންދާ ކަން، އުފެދުންތެރިކަން ދަށްވަމުން އަންނަ ކަން. އެހެންވީމަ މިއަދު ތަރައްގީއޭ ވިދާޅުވެފައި ވާހަކަ ދެއްކިޔަސް، އެ ބުނާ ތަރައްގީ އަޅުގަނޑުމެންނަށް ފެންނާކަށް ނެތް،" ރޮޒެއިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އިދިކޮޅު މެމްބަރުން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އިދިކޮޅު މެމްބަރުން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: މަޖިލިސް

ތޮއްޑޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި ގޮތުގައި ސްޕޯޓްސް އެރީނާ އާއި ފުޓްސަލް ދަނޑުތަކެއް އެޅުމަކުން ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުހޯދޭނެ އެވެ. އަދި ތޮއްޑޫ ދާއިރާ އަށް ހާއްސަކޮށް ބޮޑު އެއްވެސް މަޝްރޫއެއް ހިމަނާފައި ނުވާ ކަމަށާއި ވަކި ޕާޓީއެއްގެ މެމްބަރަކަށްވީމަ، ތަފާތު ކުރުމަކީ ސަރުކާރުން ގެންގުޅެން ޖެހޭ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސިޔާސަތެއް ނޫން ބަޖެޓަށް ވޯޓު ނުދިނުމަކީ. އެކަމަކު ވޯޓު ދެނީ އެކަށީގެންވާ ހައްލެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ އުންމީދުގައި،" އިބްރާހިމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވަނީ މިނިވަން މުއައްސަސާތަކުގެ ބަޖެޓު އަހަރުން އަހަރަށް ކުޑަވަމުން ދާތީ މުސްތަގިއްލު ކަމާއެކު އެ މުއައްސަސާތަކަށް މަސައްކަތް ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

"ކޮމެޓީ މަރުހަލާގައި ބަޖެޓު ދިރާސާ ކުރަމުން ދާ އިރު އެކަށީގެންވާ ހައްލެއް މި ކަންކަމަށް ލިބޭނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމު ދާއިރާގެ އެމްޑީއޭ މެމްބަރު ހުސައިން އަރީފް ވިދާޅުވީ ބަޖެޓަށް ބަލާލުމުން ފެންނަނީ ފަގީރުން އިތުރަށް ފަގީރުވެ، ބަދު ނަސީބު ބަޖެޓެއްގެ ގޮތުގަ އެވެ. އަދި ނިކަމެތިންނަށް ފައިސާ ލިބޭނެ އެއްވެސް ގޮތެއް ބަޖެޓުން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް. ބަޖެޓަށް ފާޑު ވިދާޅުވި މެމްބަރުންގެ ތެރޭގައި އަރީފް ހިމެނިވަޑައިގަންނަވާ. - ފޮޓޯ: މަޖިލިސް

ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް. ބަޖެޓަށް ފާޑު ވިދާޅުވި މެމްބަރުންގެ ތެރޭގައި އަރީފް ހިމެނިވަޑައިގަންނަވާ. - ފޮޓޯ: މަޖިލިސް

"އަޅުގަނޑަށް ބަޖެޓު ފާހަގަ ކުރެވެނީ ޑްރެކިއުލާ ދަތްޕިލައެއްގެ ގޮތުގައި،" ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑި ކަނޑާލައި އެކިއެކި ހިދުމަތްތަކުގެ އަގު ބޮޑުކޮށް ޓެކްސް ނަގައި ރައްޔިތުން ދަރަނިވެރި ކުރަން އޮތް ބަޖެޓެއް ކަމަށެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތެވެ. އެ މެމްބަރުންގެ ނަޒަރުގައި ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްގީ ހާސިލް ކުރެވޭނެ ބަޖެޓެކެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައިހެން ކޮންމެވެސް މަޝްރޫއެއް ހިމަނާފައި އޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓަކަށް ވިޔަސް، ނުތަނަވަސްވާ ކަހަލަ ބައެއް ކަންކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެ ގޮތުން ދިވެހިންގެ އަތުން އެއާޕޯޓު ޗާޖުގެ ގޮތުގައި 25 ޑޮލަރު ނަގަން ތާއީދު ނުކުރާ ކަމަށާއި ސަރުކާރުން މިކަމާ މެދު ވިސްނައި ދިވެހިން އަތުން ނުނެގޭނެ ގޮތެއް ހަމަޖެއްސުމަށް އޭނާ ގޮވައިލެއްވި އެވެ.

"އެހެންވީމަ އަންނަ އަހަރުގެ ބަޖެޓު މެމްބަރުންގެ ފުރިހަމަ ތާއީދާއެކު ފާސްވާނެ ކަމަށް އުންމީދު ކުރަން، މިފަދަ އުފާވެރި ބަޖެޓަކަށް ދެކޮޅު ހަދަން ޖެހޭ ސަބަބެއް ނެތް،" " ރިފާއު ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުންނެކޭ އެއްގޮތަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވެސް ވަނީ އެ މެމްބަރުންގެ ދާއިރާތަކުގައި ބައެއް މަޝްރޫއުތައް ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ކޮމެޓީ މަރުހަލާގައި އެ ކަންކަމަށް ހައްލު ގެންނާނެ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

މަކުނުދޫ ދާއިރާ އަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ކަންކަން ނެތް ކަން ފާހަގަ ކުރައްވައި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ އުނި ކޮށްފައިވުމަކީ މުވައްޒަފުންނަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން އަންނައިރު ލިބޭ އާމްދަނީ މަދުވުމަކީ ދިމާވާނެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ބަހުސް މަޖިލީހުގައި ފެށިއިރު، މިރޭ 11 ޖަހަންދެން ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ތެރެއިން 30 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. ބަޖެޓު ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.