Roadha Mihaaru
ޕާމަނެންޓް ސެކްރެޓަރީންނާ ގުޅޭ އިސްލާހާ ނަޝީދު ދެކޮޅު

ޕާމަނެންޓް ސެކްރެޓަރީންނާ ގުޅޭ އިސްލާހު ބަލައިނުގަންނަން ނަޝީދު ލަފާދެއްވައިފި

24 މާޗް 2021

މިނިސްޓަރަށް އިތުބާރު ނުކުރެވޭ ނަމަ ޕާމަނެންޓް ސެކްރެޓަރީން މަގާމުން ވަކިކުރެވޭ ގޮތަށް، އަދި ކައުންސިލަރުންގެ ލަފަޔާއެކު ކައުންސިލްތަކަށް އެންމެ އިސް މުވައްޒަފު އައްޔަންކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް މިއަދު ލަފާ ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިނިސްޓަރަށް އިތުބާރު ނުކުރެވޭ ނަމަ ޕާމަނެންޓް ސެކްރެޓަރީން މަގާމުން ވަކިކުރެވޭ ގޮތަށް، އަދި ކައުންސިލަރުންގެ ލަފަޔާއެކު ކައުންސިލްތަކަށް އެންމެ އިސް މުވައްޒަފު އައްޔަންކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް މިއަދު ލަފާ ދެއްވައިފި އެވެ.

މަޖިލީހުގައި ސުޕަަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރަކު "މިހާރު"އަށް މިރޭ ވިދާޅުވިގޮތުގައި ބިލު ބަލައިނުގަތުމަށް ނަޝީދު ލަފާދެއްވީ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ވަޓްސްއެޕް ގްރޫޕްގަ އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން ރޮޒައިނާ ހުށަހަޅުއްވާފައިވާ ބިލުގައި، އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން ހުށަހަޅުއްވާފައި ވެ އެވެ. އެއީ ޕާމަނެންޓް ސެކްރެޓަރީ ވަކިކުރާ ސަބަބެއްގެ ގޮތުގައި "މިނިސްޓަރަށް އިތުބާރު ނެތުން" ހިމެނުމަށެވެ.

ޕާމަނެންޓް ސެކްރެޓަރީން ވަޒީފާ އިން ވަކިކުރެވޭނެ ސަބަބެއްގެ ގޮތުގައި މިނިސްޓަރަށް އިތުބާރު ނެތުން ގާނޫނުގައިި ހިމަނަން ރޮޒައިނާ ހުށަހެޅުއްވި ބިލުގައި ލިޔެފައިވާ ބައިގެ ސްކްރީންޝޮޓެއް ވަޓްސްއެޕް ގްރޫޕާ ހިއްސާކުރައްވަމުން ނަޝީދު ފުރަތަމަ ވިދާޅުވީ އެ އިސްލާހަށް ތާއީދުކުރަން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވުމުން ރޮޒައިނާ ވިދާާޅުވީ ކޮމިޓީ މަރުހަލާގައި އެކަން އިސްލާހުކުރެވިދާނެ ކަމަށެވެ.

"ވަރުގަދަ ސިވިިލް ސާވިސްއެއް އޮތުން ވަރަށް ބޭނުން. މި އިސްލާހު ބަލައިގަންނާކަށް އަޅުގަނޑަކަށް ނުފެނޭ،" ރޮޒައިނާ އެހެން ވިދާޅުވުމުން ވެސް ނަޝީދު ވިދާޅުވި އެެވެ.

ސިވިލް ސާވިސް ގާނޫނަށް އެ ބަދަލު ގެނައުމާ ދެކޮޅަށް މަޖިލީހުގެ ޖަލްސާގައި ވެސް އެމަނިކުފާނު މިއަދު ވާހަކަ ދެއްކެވި އެވެ. ބިލުގައިވާ ބަދަލުތައް އެމަނިކުފާނު ސިފަކުރެއްވީ "ޕާމަނެންޓް ސެކްރެޓަރީންގެ މަގާމު ނެތިދިއުން" ކަމަށެވެ.

"އަޅުގަނޑު ހިތަށް ވެސް އެބަ ވަދޭ ސިިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގައި ޕާމަނެންޓް ސެކެޓްރީން ނެތޭ ގޮތަށް މި އިސްލާހު ގެނައުމަށް [އޮތް އޮތުން] މިއީ ކޮން ވިސްނުމެއް ބާއޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވީ ރޮޒައިނާ ހުށަހެޅުއްވި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މަޑުއްވަރީ ދާއިރާއިގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ދެއްކެވި ވާހަކަ ނިންމަވައިލެއްވުމުންނެވެ. އާދަމް ވިދާޅުވީ ރާއްޖޭގައި މިނިސްޓަރުގެ އިތުބާރު ނެތިގެން ޕާމަނެންޓް ސެކްރެޓަރީ ވަކިކުރެވޭ ގޮތަށް އޮވެއްޖެ ނަމަ ސިވިލް ސާވިސް ވަރަށް ބޮޑަށް ސިޔާސީ ވާނެ ކަމަށެވެ. އެގޮތަށް ކަންތައް ވެއްޖެ ނަމަ އެ މިނިސްޓްރީއަކަށާއި އެ މިނިސްޓްރީގެ ދަށުން ހުންނަ އެހެން ތަންތަނަށް ވެސް އެކަމުގެ ނޭދެވޭ އަަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ފަސް އަހަރުން ފަސް އަހަރުން ވެރިކަން ބަދަލުވަމުން ދާއިރު، ޕާމަނެންޓް ސެކްރެޓަރީ އަކީ އެ ޓްރާންސިޝަންގައި ވެސް އަދި އެ ގައުމެއްގައި ގައުމީ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހޭ ބޭފުޅަކަށް ވާއިރު، އަޅުގަނޑު ދެކޭ ގޮތުގައި ޕާމަނެންޓް ސެކްރެޓަރީންނަކީ އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އާއި ވާޖިބު އަދާކުރުމުގައި އެއްވެސް ބިރެއް ޖެހިލުމެއް ކަންބޮޑުވުމެއް ނެތި [ތިބޭ ބަޔަކަށް ވާން ޖެހޭނެ]،" އާދަމް ވިދާޅުވި އެވެ.