Roadha Mihaaru
ނަޝީދުގެ ފެކްޝަންގެ މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު

ގުރައިދޫ ގޮނޑި ޕީޕީއެމަށް ހޯދައިދޭން ނަޝީދުގެ ފެކްޝަނުން ކޮށްދިން މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު

17 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ކޮށްދިން މަސައްކަތަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ކޮށްދިން މަސައްކަތަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެޅުއްވުމުގެ ކުރިން، އާދަމް ޝަރީފު ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވައިފަ އެވެ.

އެއާއެކު، ޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާ އަށް ވޯޓު ދިން އެންމެންނަށް ޝުކުރު އަދާކުރައްވަމުން، އާދަމް ޝަރީފު ވިދާޅުވީ އެ ގޮނޑި ޕީޕީއެމަށް ހޯދައިދިނުމަށް ފިކުރެއްގެ ދިރުމުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށެވެ.

"އިންތިހާބުގައި ވަރަށް ވާދަވެރިކޮށް މަސައްކަތް ކުރެއްވި އަދި ޕީޕީއެމަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ޝުކުރު ދަންނަވަމުން މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން." އާދަމް ޝަރީފު ވިދާޅުވި އެވެ.

މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ. މިއީ، ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހޯދައިދިނުމަށް ފިކުރެއްގެ ދިރުން ފެކްޝަނުން ކޮށްދިން މަސައްކަތަށް އިދިކޮޅު ކޯލިޝަނުން ޝުކުރު އަދާކުރެއްވިއިރު، ސަރުކާރު ކޯލިޝަންގެ މައި ޕާޓީއަށް އެ ގޮނޑި ގެއްލުވާލުމަށް ކުރީގެ ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ކުރައްވައިފަ އެވެ.

ބައި-އިލެކްޝަން ބޭއްވުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މިދިޔަ ހުކުރު ދުވަހު ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ "ތުންފިއްތުން" މިހާރު އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޝާޒާ ދެކޮޅަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފައްޔާޒު އޭރު ތުހުމަތުކުރެއްވި ގޮތުގައި، ގުރައިދޫ ދާއިރާގެ ގޮނޑި ނާކާމިޔާބު ކޮށްލަން އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ދަނީ އެދެމުންނެވެ. ފައްޔާޒް ވިދާޅުވީ "ޕާޓީ ފުނޑާލުމަށް" ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.

ނަމަވެސް، އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ، އެ އަމަލުތަކާ ގުޅިގެން ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނުސީދާކޮށް ވަނީ އިންޒާރު ދެއްވައިފަ އެވެ.

އެމްޑީޕީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީގެ އެތެރޭގައި ވަނީ ރެނދުލައިފަ އެވެ. އެ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ފާޅުގައި ނުކުންނަވައި، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއިދުކުރައްވަން ނިންމަވައިފަ އެވެ.