Roadha Mihaaru
ނަޝީދަކީ އެންމެ ހުދުމުހުތާރު ރައީސް: ރޮޒައިނާ

ނަޝީދަކީ މަޖިލީހުގައި އިންނެވި އެންމެ ހުދުމުހުތާރު ރައީސް: ރޮޒައިނާ

25 އޮކްޓޯބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ، މުޅި މަޖިލިހުގެ ތާރީހުގައި ވެސް ރިޔާސަތުގައި އިންނެވި އެންމެ ހުދުމުހުތާރު ރައީސް ކަމަށް ވިދާޅުވެ، އެ މަނިކުފާނު އަމަލު ކުރައްވާ ގޮތަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ، މުޅި މަޖިލިހުގެ ތާރީހުގައި ވެސް ރިޔާސަތުގައި އިންނެވި އެންމެ ހުދުމުހުތާރު ރައީސް ކަމަށް ވިދާޅުވެ، އެ މަނިކުފާނު އަމަލު ކުރައްވާ ގޮތަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޮތް ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމު ވެސް ފުރުއްވާ ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ގަވައިދާ އެއްގޮތަށް ހިނގާ ނަމަ ހުރިހާ މެމްބަރުން ވެސް ވަރަށް އުފާވާނެ ކަމަށާއި ނަމަވެސް ކަންކަން ހިނގަނީ އެ ގޮތަށް ނޫން ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމީޓީ މިއަދު ހިނގަމުން ދިޔައިރު ކޮމިޓީގެ މަރުހަލާގެ ވަގުތު އިތުރު ކުރުމަށް މެމްބަރަކު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ލިބުމުން، އެ އަށް ވޯޓަށް އެހުމަކީ ރިޔާސަތުން ކުރައްވަން ޖެހޭ ކަމަކަށް ވިޔަސް އެއީ ރިޔާސަތަށް ލިބޭ އިހުތިޔާރެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ފެކްޝަންގެ ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނެވި ރޮޒައިނާ ވިދާޅުވީ، އޭނާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އުޅުއްވާތާ ގާތްގަނޑަކަށް 15 އަހަރު ވަނީ ކަމަށާއި މަޖިލީހުގެ ކޮންމެ ކޮމިޓީއެއްގައި ވެސް މެމްބަރުން ވަގުތު އިތުރު ކުރަން ހުށަހަޅުއްވައި، އެ ކަމަށް ތާއީދު ލިބުމުން ރިޔާސަތުން ވޯޓަށް އައްސަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ވަގުތު ފެނިގެން މި ދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް. ވަރަށް ހިތާމަ ކުރަން މި ވާހަކަ ދައްކަން ޖެހޭތީ،" ރޮޒައިނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ މަސީހު މުހައްމަދުގެ ރިޔާސަތުގައި ވެސް އިހުތިޖާޖު ކުރައްވައި ވާހަކަ ދެއްކެވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެކަމަކު، މި ދައުރުގެ ހަތަރު އަހަރު ވަންދެން ނަޝީދުގެ ހުދުމުހުތާރުކަމުގެ ވާހަކަ ނުދައްކަވައި މެމްބަރުން ތިއްބަވަނީ ކެތްކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެ ވާހަކަ ނުދައްކަވައި ތިއްބެވޭކަށް ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ފުރަތަމަ ވެސް މަޖިލިސް ފަށައިގަނެގެން އައިއިރު ވިދާޅުވި މަޖިލީހުގެ ގަވައިދަކީ ތިމަންނާ އޭ. އެގޮތަށް އަމަލު ކުރަމުން ދާތަން މިހާރު މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވިގޮތުގައި މަޖިލީހުގައި ހިނގާ ބަހުސެއްގައި މަޖިލީހުގެ ރައީސަށް ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ. ނަމަވެސް މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދުގެ ފަރާތްޕުޅުން ފެންނަނީ މެމްބަރުން ބަހުސް ކުރައްވަން އޮންނަ ވަގުތުގެ ބޭނުން ކުރައްވައިގެން އެ މަނިކުފާނު ވާހަކަފުޅު ދަައްކަވާތަން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި އެއް ކަމަކީ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާ މެމްބަރުން ސުވާލު ކުރެއްވުމުން ވަޒީރުން ދެއްވާ ޖަވާބުގެ ތެރެއަށް ނަޝީދު ވަދެވަޑައިގަންނަވާ މައްސަލަ އެވެ.

ރޮޒައިނާ ވިދާޅުވީ، މިނިސްޓަރުން ދެއްވަން ޖެހޭ ޖަވާބާއި މެމްބަރުން ކުރައްވަން ޖެހޭ ސުވާލު ވެސް އެނގިވަޑައިގަންވަނީ މަޖިލީހުގެ ރައީސަށް ކަމަށެވެ.

އަޅުގަނޑުމެންނަށް މިހާރު މިވަގުތު ފެނިގެން މިދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސްް،"--- ރޮޒެއިނާ

"އަޅުގަނޑުމެންނަށް ވެސް އެނގޭ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާއަކީ ކުރީގެ ރައިސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ކަން. އެހެން ނަމަވެސް މިއީ ރައީސް އޮފީހެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މި ތަނުގައި މަޖިލީހުގެ ސްޕީކަރަކަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައި އޮންނަ ބާރެއް ނޯވޭ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލިހުގެ ރިޔާސަތުގެ ކަންކަން އެ ދަރަޖަ އަށް ދިޔުމުން މަޖިލީހުގައި މަސައްކަތް ކުރަން މިހާރު ވަރަށް އުނދަގޫ ކަމަށެވެ. އެހެންވެ، މަޖިލިހުގެ ކަންކަން ގަވައިދާ އެއްގޮތަށް ހިނގާނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު، މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: މަޖިލިހުގައި ހިނގާ ބަހުސްތަކުގެ ތެރެއަށް ވެންނެވުމަކީ އެ މަނިކުފާނުގެ ފަރާތްޕުޅުން އާންމުކޮށް ފެންނަ ކަމެއް.---ފޮޓޯ: މަޖިލިސް

ނަޝީދު، މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: މަޖިލިހުގައި ހިނގާ ބަހުސްތަކުގެ ތެރެއަށް ވެންނެވުމަކީ އެ މަނިކުފާނުގެ ފަރާތްޕުޅުން އާންމުކޮށް ފެންނަ ކަމެއް.---ފޮޓޯ: މަޖިލިސް

"ތަކުރާރުކޮށް ޕީޖީ ލީޑަރު [މުހައްމަދު އަސްލަމް] މަޖިލީހުގެ ރައީސާ މި ވާހަކަ ދައްކަވައިފި. އެއްވެސް ކަމެއް ރަނގަޅު ކުރައްވާ ތަނެއް ނުފެނޭ. ގޭގެ ބަދިގޭ ތެރޭ އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަ ނިންމަވައިލެއްވުމާއެކު، ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން އެ ކަމަށް ތާއީދު ކުރައްވައި އަތް ޖެއްސެވި އެވެ.

ރޮޒެއިނާގެ އިތުރުން ބައެއް އެހެން މެމްބަރުން ވެސް ވަނީ ނަޝީދު މަޖިލިސް ކުރިއަށް ގެންދަވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެކަމަކު، މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެ މައްސަލަތަކާ މެދު ކުރިން އެހެން މެމްބަރަކު ވާހަކައެއް ނުދައްކަވަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލިހަށް މައްސަލައެއް ވައްދަން އެމްޑީޕީގެ މެމްބަރުން ކުރިން މަސައްކަތް ކުރެއްވި ނަމަވެސް ވަކި ހިސާބަކުން އެ ކަން އޮތީ ހުއްޓިފަ އެވެ. މިހާރު އެ ވާހަކައެއް އެ މެމްބަރުން އެހާ ބޮޑަށް ނުދައްކަވަ އެވެ.