Roadha Mihaaru
ކުއްޖާގެ އިތުރު އެސެސްމަންޓްތަކެއް އެބަ ހަދަން: ޕޮލިސް

އަނިޔާ ލިބުނު ކުއްޖާގެ އިތުރު އެސެސްމަންޓުތަކެއް އެބަ ހަދަން: ޕޮލިސް

27 މާޗް 2021

އުތުރުގެ ރަށެއްގައި ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް، އެ ކުއްޖާގެ އިތުރު އެސެސްމަންޓުތަކެއް ހަދަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރުގެ ރަށެއްގައި ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް، އެ ކުއްޖާގެ އިތުރު އެސެސްމަންޓުތަކެއް ހަދަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި މި މަހުގެ ތިން ވަނަ ދުވަހު 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅީ އެ ރަށު ސިއްހީ މަރުކަޒުންނެވެ. އާއިލާއިން ބުނަނީ އެ ކުއްޖާ "ރޭޕްކޮށް" މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި މީހަކު ހައްޔަރުކުރެވޭ ވަރުގެ ހެއްކެއް ފުލުހުންނަށް އަދި ނުލިބޭ ކަމަށްވެ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ މައްސަލަ ހުށަހެޅުމާ އެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބަލަން ރަށުގެ ސިއްހީ މަރުކަޒަށް ދެއްކި ކަމަށެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުން މުހިއްމު ކަމަށް ފެނުމުން ދެން ގެންދިޔައީ އެ އަތޮޅުގެ ހޮސްޕިޓަލަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު އެސެސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކަޔަޓްރިސްޓަކަށް ދައްކައި ސައިކިއާޓްރިކް އެސެސްމަންޓް ހެދުމުގެ މަސައްކަތް މި ސާވިސް އިން މި ގެންދަނީ ކުރަމުންނެވެ،" ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ އެކި ފަރާތްތަކުން ހިއްސާކުރާ މައުލޫމާތާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލައާ ގުޅިގެން ހޯދަން ޖެހޭ ހެއްކާއި ގަރީނާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ކުއްޖާއަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރަން، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސަސް އާއި ފުލުހުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް ހިއްސާކުރާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.

"މި މައްސަލައާ ގުޅިގެން ތަހުގީގުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުން ބުންޏެވެ.