Roadha Mihaaru
ދައުވާ ލަސްވުމުން ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ

ދައުވާ ލަސްވުމުން ބޭރުކޮށްލި މަރުގެ މައްސަލައެއް އަލުން ބަލަން އަންގައިފި

28 މާޗް 2021

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މޫސާ އަހުމަދު މަނިކުގެ މަރުގެ ދައުވާ ލިބޭ މީހެއްގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މޫސާ އަހުމަދު މަނިކުގެ މަރުގެ ދައުވާ ލިބޭ މީހެއްގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2017 ގައި މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ވ. ކެޔޮދޫ ދޭލިއާގޭ، މޫސަގެ މަރުގެ މައްސަލާގެ ދައުވާ ލިބޭ މީހުންގެ ތެރެއިން އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ، ސޭޑީގްރޯވް، އދ. މާމިގިލީގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ކަމަށް ބުނެ އެވެ. އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހޭނެ އެވެ. އެކަމަކު އިންސާފު ގާއިމްކުރަން އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރެ އެވެ. ސައްމާހުގެ މައްޗަށް ދައުވާކުރީ އޭނާ ހައްޔަރުކުރިތާ 58 ދުވަސް ފަހުންނެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނީ 15 ދުވަހުގެ ތެރޭގައި ދައުވާ ނުކުރެވިއްޖެ ނަމަ، އެ މުއްދަތު އިތުރުކުރުމުގެ ބާރު ގާނޫނުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދޭ ކަމަށާއި އެކަމަށް ގިނަވެގެން ދެވޭނެ މުއްދަތެއް ގާނޫނުގައި ބަޔާން ކޮށްފައި ވެސް ނެތް ކަމަށެވެ. އެހެންވެ، ގާނޫނު ހަނު އޮންނަ ހާލަތުގައި ހެޔޮ ނިޔަތުގައި ޕީޖީއަށް ނިންމުންތައް ނިންމުމުގެ ބާރު އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، ސައްމާހުގެ މައްސަލަ އަލުން އެ ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލަ އަލުން ބަލައިގަންނަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.