Roadha Mihaaru
40 ޕަސެންޓު ކެފޭ/ރެސްޓޯރަންޓު ދަނީ ބަނގުރޫޓުވަމުން

40 ޕަސެންޓު ކެފޭ/ރެސްޓޯރަންޓުތައް ދަނީ ބަނގުރޫޓުވުމާ ދިމާއަށް: ރެމް

29 މާޗް 2021

ކެފޭ/ ރެސްޓޯރެންޓްތަކަށް ކުރިމަތިވެފައިވާ މާލީ އަޑިގަނޑަށް އަވަސް އެހީތެރިކަމެއް ނުލިބިއްޖެ ނަމަ، އަންނަ މަހު ފަށާ ރޯދަ މަހަށް ފަހު އެ ދާއިރާގެ 40 ޕަސެންޓު ވިޔަފާރި ބަނގުރޫޓުވާނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަަން އޮފް މޯލްޑިވްސް (ރެމް) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކެފޭ/ ރެސްޓޯރެންޓްތަކަށް ކުރިމަތިވެފައިވާ މާލީ އަޑިގަނޑަށް އަވަސް އެހީތެރިކަމެއް ނުލިބިއްޖެ ނަމަ، އަންނަ މަހު ފަށާ ރޯދަ މަހަށް ފަހު އެ ދާއިރާގެ 40 ޕަސެންޓު ވިޔަފާރި ބަނގުރޫޓުވާނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަަން އޮފް މޯލްޑިވްސް (ރެމް) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

އިގްތިސާދީ ކޮމިޓީގައި ރެމްްގެ މެމްބަރު އަދި ރެސްޓޯރެންޓް ވިޔަފާރިކުރާ ހުސައިން އިސްމާއިލް ވިދާޅުވީ، ރެސްޓޯރެންޓާއި ކެފޭތަކުގެ ވިޔަފާރިއަކީ އާންމުންގެ ގިނަ ބައެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ އާމްދަނީއާ ގުޅިފައިވާ ވިޔަފާރިއަކަށް ވިޔަސް ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ ހެދި އެ ތަންތަން ހިންގަނީ ގެއްލުމުގައި ކަމަށެވެ.

މި ހާލަތުގައި ކެފޭ/ރެސްޓޯރެންޓް ވިޔަފާރިތައް އޮތް އިރު ޔުޓިލީ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގައި ވެސް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިކަމުގައި ލުއިތަކެއް ހޯދައި ދިނުމަށް އިގްތިސާދީ ކޮޮމިޓީން މަސައްކަތް ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ދާދި ފަހުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، ކެފޭ/ރެސްޓޯރެންޓުތަކުގެ ތެރޭގައި ތިބެގެން ރޭގަނޑު 8:00 ގެ ފަހުން ކެއުން މަނާކުރި އެވެ. އަދި 10:30 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ވެސް މަނާކުރި އެވެ. މި ބަދަލުތަކާ އެކު ކެފޭ/ރެސްޓޯރެންޓް ވިޔަފާރި ކުރާ ފަރާތްތަކުން ނުރުހުން ފާޅުކޮށް، ގަވާއިދުތައް ބަދަލު ކުރުމަށް ގޮވައިލުމުން އަނެއްކާވެސް ވަނީ 10:30 އަށް ވަގުތު ދަންމައިފަ އެވެ.

ރާއްޖޭގައި 1،800 އަށް ވުރެ ގިނަ ކެފޭ/ރެސްޓޯރެންޓް ހިންގަމުންދެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.

"ފެނާއި ކަރަންޓާ މިއީ އަސާސީ ހިދުމަތެއް. އެއް ބިލު ޑިއު ވެފައި އިނަސް [އެމްޑަބްލިއުއެސްސީ] އިން [ފެން] ކަނޑާލާނަމޭ ބުނަނީ. އައިސް ހަމަ [ފެން] ކަނޑާލަނީ. ދެން ގުޅީމާ ބުނަނީ ހުރިހާ ބިލެއް ދެއްކީމައޭ ހިދުމަތް ދޭނީ. އެއް ބިލު ދައްކާނެ ފައިސާ ނެތް އިރު ހުރިހާ ބިލެއް ކިހިނެތްތޯ ދެއްކޭނީ؟،"ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސްޓެލްކޯ އިން އެދެނީ 50 ޕަސެންޓް ބިލް ދެއްކުމަށެވެ. އެކަމަކު 50 ޕަސެންޓް ބިލް ދައްކަން ވެސް ކެފޭ/ރެސްޓޯރެންޓްތަކުން ނުކުޅެދިފައިވާ ކަމަށް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ، މި ހާލަތުން އަރައިގަތުމަށް ކެފޭ/ރެސްޓޯރެންޓްތަކަށް ވީ އެންމެ އަވަހަށް ސްޓިމިއުލަސް ޕެކޭޖުތައް ބޭނުުންވާ ކަމަށެވެ.

ރެމްގެ ވައިސް ޕްރެޒިޑެންޓް މުހައްމަދު ސުޖާއު ވިދާޅުވީ، އެކި ރެސްޓޯރެންޓްތަކަށް ޕީކް ވަގުތުތައް ތަފާތު ކަމަށާއި މިދިޔަ ދެ މަސް ދުވަހު ރޭގަނޑު މާލޭގައި ރެސްޓޯރެންޓްތައް ބަންދުކޮށްފައި ހުންނަން ޖެހުމުން ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ކަމަށެވެ.

"ރޭގަނޑު ގިނަ ރެސްޓޯރެންޓްތަކަށް ޕީކް ގަޑި އާދޭ. އެޗްޕީއޭ އިން ފިޔަވަޅުތައް އެޅުމުން އެތަންތަން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިވެއްޖެ،" އޭނާ ވިދާޅުވި އެވެ.