Roadha Mihaaru
ރޯދަ އަށް މުދާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް

ރޯދަ އަށް މުދާ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް

30 މާޗް 2021

ސުވޭސް ކެނަލްގައި ތާށިވި ބޯޓު އިއްޔެ ފުން ކުރުމާ އެކު، އެ ސަރަހައްދުގައި ތާށިވެފައި ހުރި ރާއްޖޭގެ މުދާ ރޯދައިގެ ކުރިން ލިބޭނެ ކަމަށް ޝިޕިން އެޖެންޓުން ބުނެފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ސުވޭސް ކެނަލްގައި ތާށިވި ބޯޓު އިއްޔެ ފުން ކުރުމާ އެކު، އެ ސަރަހައްދުގައި ތާށިވެފައި ހުރި ރާއްޖޭގެ މުދާ ރޯދައިގެ ކުރިން ލިބޭނެ ކަމަށް ޝިޕިން އެޖެންޓުން ބުނެފި އެވެ.

"އެކަމަކު އެ މުދާ ލިބުމުގައި ކުރިއާ ހިލާފަށް ތަރުތީބަށް ބަދަލުތަކެއް އަތުވެދާނެ،" ރާއްޖެ އަށް މުދާ އުފުލާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޝިޕިން އެޖެންޓުން ކުރިން ބުނެފައި ވަނީ، 200،000 ޓަނު އުފުލާ ބިޔަ ކޮންޓެއިނަރު ބޯޓު "އެވަގިވަން" ތާށިވުމާ އެކު، އެ ސަރަހައްދުގައި ތާށިވި އެހެން ބޯޓުތަކުގައި ވެސް ރާއްޖެ އަށް ރޯދަ އަށް ގެންނަ ވަރަށް ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށެވެ. ހަފުތާއެއްހާ ދުވަހު ބޯޓު ތާށިވެފައި އޮތުމަށް ފަހު އިއްޔެ ދޫކޮށްލުމާ އެކު އެހެން ބޯޓުފަހަރު ވެސް ވަނީ ބަނދަރުތަކަށް މިސްރާބު ޖަހައިފަ އެވެ.

"މިހާރު މިވީ ގޮތުން ހުރިހާ ބޯޓެއް ވެސް ބަނދަރުތަކަށް އެއްފަހަރާ ދާނެތީ އޭގެ ލަސްކަމެއް އުޅެފާނެ. ނުވަތަ ކޮންމެވެސް ވަރަކަށް އާންމު ހާލަތުގައި ނުވާ ކަންކަން ދިމާވެދާނެ. އެކަމަކު އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ ރޯދައިގެ ކުރިން މުދާ ލިބޭނެކަން،" ޝިޕިން އެޖެންޓަކު ވިދާޅުވި އެވެ.

ރާއްޖެ އަށް ޔޫރަޕާއި ބްރެޒިލް އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން އެތެރެކުރާ މަހުގެ ބާވަތްތަކާއި ވަރަށް ގިނަ އަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެންނަނީ ސުވޭސް ކެނަލް ހުރަސްކޮށްގެން ދަތުރުކުރާ ބޯޓުފަހަރުންނެވެ.

މާލޭ ބާޒާރުމަތީގައި އެންމެ ފުޅާކޮށް ހޯލްސޭލް ކުރާ ލިލީން މިއަދު ބުނީ، ރޯދަ އަށް ބޭނުންވާ ހުރިހާ ސާމާނެއް މިވަގުތު އެބަހުރި ކަމަށެވެ.

"ތާށިވި ބޯޓުފަހަރުގައި ވެސް މުދާ ހުންނާނެ. އެކަމަކު އޭގެ ދަތިކަމެއް އަދި ނެތް،" އެތަނުން ބުންޏެވެ.