Roadha Mihaaru
އެވަ ގިވަން ކޮންޓޭނަރު ބޯޓު ދޫކޮށްލަން އެއްބަސްވެއްޖެ

އެވަ ގިވަން ކޮންޓޭނަރު ބޯޓު ދޫކޮށްލަން އެއްބަސްވެވިއްޖެ

05 ޖުލައި 2021

މި އަހަރުގެ މާޗް މަހުގެ ތެރޭގައި މިސްރުގެ ސުއޭޒް ކެނަލް އަށް ހުރަސްވި ކޮންޓޭނަރު އުފުލާ ބިޔަ ބޯޓު، އެވަ ގިވަން މިނިވަންކޮށް ދޫކޮށްލުމާ މެދު، އެ ބޯޓު ދުއްވާ ޖަޕާނުގެ ކުންފުންޏާއި މިސްރުގެ ސުއޭޒް ކެނެލް އިދާރާ އިން އެއްބަސްވުމަށް އަތުވެއްޖެ އެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި މިސްރުގެ ސުއޭޒް ކެނަލް އަށް ހުރަސްވި ކޮންޓޭނަރު އުފުލާ ބިޔަ ބޯޓު، އެވަ ގިވަން މިނިވަންކޮށް ދޫކޮށްލުމާ މެދު، އެ ބޯޓު ދުއްވާ ޖަޕާނުގެ ކުންފުންޏާއި މިސްރުގެ ސުއޭޒް ކެނެލް އިދާރާ އިން އެއްބަސްވުމަށް އަތުވެއްޖެ އެވެ.

ސުއޭޒް ކެނެލް އިދާރާ އިން މިއަދު ބުނި ގޮތުގައި ދެ ފަރާތުން ވެސް މިހާރު ރުހިފައިވާ ގޮތަށް އެކުލަވައިލި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ މި ހަފުތާގެ ބުދަ ދުވަހު، އިސްމާއީލިއްޔާގެ ބަނދަރުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ބޯޓުގެ މިލްކުވެރި ކުންފުނި ކަމަށްވާ ޖަޕާނުގެ ޝޮއެއީ ކިސެން ކައިޝާ އާއި ސުއޭޒް ކެނެލް އިދާރާއާ ދެމެދު އެއްބަސްވެވުނު ގޮތެއް ދެ ފަރާތުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ސުއޭޒް ކެނަލް އަށް އެވަ ގިވަން ހުރަސްވެ، އޭގެ ދިރުނބާކޮޅު ސުއޭޒް ކެނެލްގެ ގޮނޑުދޮށަށް ބީހުމާ ގުޅިގެން، އެ ބޯޓު ފުން ނުކުރެވި ހަފުތާއެއް ދުވަސް ހޭދަވެ، ސުއޭޒް ކެނެލްގެ ދަތުރުތައް ހަފުތާއަކަށް ހުއްޓުނެވެ. އޭގެ ސަބަބުން މިސްރަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބުނެވެ.

އެ ހާދިސާއާ ގުޅިގެން، މިސްރު ސަރުކާރުން އެ ބޯޓު ހިފެހެއްޓީ، އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައިގައި، ސުއޭޒް ކެނެލް އިދާރާ އާއި ބޯޓުގެ މިލްކުވެރި ކުންފުންޏާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ދެ ފަރާތުގެ މެދުގައި މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ގޮތަށް ދެ ފަރާތުން ސޮއިކުރުމާ އެކު، މިހަފުތާގެ ބުދަ ދުވަހު އެ ބޯޓު ދޫކޮށްލާނެ އެވެ. އެވަ ގިވެން އަކީ ޖަޕާނު ކުންފުންޏެއްގެ ބޯޓަކަށް ވިޔަސް، މިހާދިސާ ހިނގި އިރު ބޯޓު ދުއްވަމުން އައީ ޕެނަމާ ކުންފުންޏަކުން ކުއްޔަށް ނަގައިގެންނެވެ.

މި ހާދިސާއާ ގުޅިގެން ހިފެހެއްޓި އެވަ ގިވެން ދޫކޮށްލުން ލަސްވީ، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސުއޭޒް ކެނެލް އިދާރާ އިން ހޯދަން ބޭނުންވި ފައިސާގެ އަދަދު ބޮޑުކަމުންނެވެ. އޭގެ ތެރޭގައި، ބޯޓު ފުންކުރުމަށް ދިޔަ ހަރަދާއި، ބޯޓު ހުރަސްވެ ދަތުރުތައް ކެންސަލްވުމުން ނުލިބުނު ފައިސާ އާއި، އެ މުއްދަތުގައި ޓްރާންސިޓް ފީގެ ގޮތުގައި ލިބޭނެ ފައިސާ ވެސް ހިމެނެ އެވެ. އެ ހުރިހާ ފައިސާއެއް ނުލިބުނީ އެވަ ގިވެން، ސުއޭޒް ކެނެލަށް ހުރަސްވެ، ހަފުތާއެއް ވަންދެން އެހެން އެއްވެސް ބޯޓަކަށް އެ ކެނަލްގެ ތެރެއިން ދަތުރު ނުކުރެވެމުންނެވެ.

އެވަ ގިވެންގެ މައްސަލައިގައި ސުއޭޒް ކެނެލް އިދާރާ އިން އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި ހުށަހެޅީ 916 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް ޖަޕާނުގެ ކުންފުނިން އެ އަދަދަށް ދެކޮޅު ހެދުމުން، ފަހުން އެ އަދަދު ވަނީ 550 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.

އެވަ ގިވެން ސުއޭޒް ކެނެލަށް ހުރަސްވީ މި އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ބޯޓު ފުންކޮށް އެ ތަނުން ނެގުނީ، އޭގެ ހަ ދުވަސް ފަހުންނެވެ.