Roadha Mihaaru
ތަރައްގީގެ މުހިއްމު އެއް ފިޔަވަޅަކީ ލާމަރުކަޒީ އިސްލާހު

ތަރައްގީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު: ރައީސް

30 މާޗް 2021

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި ބަދަލުތަކަކީ ރާއްޖޭގެ ތަރައްގީ އަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި ބަދަލުތަކަކީ ރާއްޖޭގެ ތަރައްގީ އަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކާއި ޔޫއެސް އެއިޑް އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ފެށި "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ގައި ރައީސް ވިދާޅުވީ މިހާރު އަމަލުކުރަނީ ރާއްޖެ ލާމަރުކަޒު ކުރުމަށް ވަރަށް ބޮޑަށް މަގު ކޮށައިދޭ ގާނޫނުއަސާސީއެއް ކަމަށެވެ.

އެކަމަކު، ހަގީގީ ލާމަރުކަޒީ ނިޒާމަކުން އަތޮޅުތަކާއި ރަށްތައް ބާރުވެރިވީ، މި ސަރުކާރު ވެރިކަމަށް އައިސް އެ ގާނޫނަށް 2019 ގައި ހުށަހެޅި އިސްލާހުތަކުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަކީ އުފެދުމުގައި ވެސް ލާމަރުކަޒީ ސިފަތަކާއެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއް. މާސިންގާ ހިންދު ކަނޑަށް ފެތުރިފައި އޮތް މި ރަށްތައް ތަރައްގީ ކުރެވޭނީ މަރުކަޒީ އުސޫލުތައް ދޫކޮށްގެން،" ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އަންނަ މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހީ ބަދަލުތައް ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، އެ އިންތިޚާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އިންތިޚާބުކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އެތައް ގުނައަކުން އިތުރުވުމެވެ. މިއީ ރާއްޖޭގެ ތަރައްގީ އަށް ވެސް އަދި ސިޔާސީ މަސްރަހަށް ވެސް އަންނާނެ ބޮޑު ބަދަލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ ބަދަލުތަކުގެ ހެޔޮ އަސަރު ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ ކަމަށެވެ. ފިރިހެނުންނާ އެއް ހަމައެއްގައި އަދި މަގާމުގެ ގޮތުން ވެސް އެއް ފެންވަރެއްގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއެކު އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި ގައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކެމްޕެއިން ކުރަމުން ދިޔައިރު ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ އޭރުގެ ސަރުކާރުން މުޅިން ގަނޑުބަޑު ކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނު ބަދަލުކޮށް ކައުންސިލްތަކުގެ ބާރު އޮތީ [ރައީސް ޔާމީންގެ] ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި. ކައުންސިލަރުންނަށް އެއްވެސް އިހުތިޔާރެއް، ބާރެއް ނެތްގޮތަށް ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައި،" ރައީސް ވިދާޅުވި އެވެ. "ކައުންސިލަރުން ސަސްޕެންޑުކުރުމާއި ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ ސަރުކާރުގެ އާދައަކަށް ހަދާފައި. ވަކިން ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތް ގޮތަށް ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި."

ރައީސް ވިދާޅުވިގޮތުގައި އެކަމަކު، މިއަދު ހާލަތު ބަދަލުވެއްޖެ އެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުން ބާރުވެރިކޮށްގެން އެ މީހުންގެ ބައިވެރިވުމާއެކު ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަ ދޭނެ ސަރުކާރެއް ކަމަށެވެ "މިއަދު ކައުންސިލަރުންނަށް ގާނޫނީ ބާރު ލިބިއްޖެ. ރަށްރަށުގެ އިހުތިސާސް ކަނޑައަޅައިފި. ރަށްރަށުގައި އިހުސާސްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ ރަށު ކައުންސިލް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ރަށެއްގެ ވަސީލަތްތައް ލިބޭ އާމްދަނީ ލިބޭނީ އެ ރަށެއްގެ ކައުންސިލަށް ކަމަށް ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ބުނެފައި ވެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލަރުންގެ ދައުރު ވެސް އެތައް ގޮތަކުން ފުޅާވެ މުޅި އަތޮޅުގެ ތަރައްގީ އަށް ހިދުމަތްކުރެވޭނެ ގޮތަށް ޒިންމާތަކާއި ވާޖިބުތައް ވަނީ ހަވާލުކޮށްފަ އެވެ. އެ ކަމުގައި ދެން އޮތީ މަސައްކަތްކުރުން ކަމަށް ވިދާޅުވި އެވެ.

"މި ގާނޫނުން ލިބިދޭ ބާރާއި ވަސީލަތްތަކާއެކު ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މުހިއްމު މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފައާ އެހީތެރިކަން ސަރުކާރުން ދޭނެ،" ރައީސް ވިދާޅުވި އެވެ.

މަރުކަޒީ ސަރުކާރާއި ކައުންސިލްގެ މަސައްކަތްތައް އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ކައުންސިލްތަކާ މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭ ކަމަށެވެ. ސަރުކާރު ހިންގުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ހިދުމަތްތައް ދިނުމުގައި ލާމަރުކަޒީ އުސޫލަށް ބަދަލުވާންޖެހޭކަން ފާހަގަކުރެއްވި އެވެ.

ކޮވިޑު-19 އާ އެކު ވެސް އެންމެ ބޮޑަށް ދަސްވި ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި މާލޭގެ ތޮއްޖެހުމަށް ފިޔަވަޅު އެޅުން މާ ލަސްވެފައިވާކަމާއި މާލެއަށް ޖަމާކޮށްފައިވާ ބާރުތަކާއި ހިދުމަތްތައް މުޅި ރާއްޖެއަށް ބަހާލަންޖެހޭ ކަމެވެ. އެ ބަލި ފެތުރި، ފާއިތުވި އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ ވެސް ރާއްޖޭގެ ފަސް ސަރަހައްދެއްގެ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް ހޯދައި ތަރައްގީކުރުމުގަ އެވެ.

"މާލެ ބަންދުވެފައި އޮތަސް އަތޮޅު ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ދިޔަކަން ފާހަގަކުރަން. އެއީ ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމަށް ކުރަން މަސައްކަތުގެ ނަތީޖާ. އެކަންކަން ފުރިހަމައަށް ކުރެވޭނީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ވިސްނުން ލާމަރުކަޒީ ކުރުމުގެ ރޫހާ އެއްގޮތް ވެގެން،" ރައީސް ވިދާޅުވި އެވެ.