Roadha Mihaaru
ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމަށް މޮޅެއް

ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމަށް މޮޅެއް

31 މާޗް 2021

ލަންޑަން (މާޗް 31) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމް މޮޅުވެއްޖެ އެވެ.

ލަންޑަން (މާޗް 31) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމް މޮޅުވެއްޖެ އެވެ.

ރަށުންބޭރުގައި ލަގްޒެމްބާގް އަތުން ޕޯޗުގަލް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމުން ވަނީ ބެލަރޫސް އަތުން 8-0 އިން މޮޅުވެފަ އެވެ. އަދި ގިބްރޯލްޓާ އަތުން ނެދަލެންޑްސް ވަނީ ރަށުންބޭރުގައި 7-0 އިން މޮޅުވެފަ އެވެ.

ލަގްޒެމްބާގުން މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނެގީ ޖާސަން ރޮޑްރިގޭޒް ބޮލުން ޖެހި ގޯލުންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް އެއްވަރުކޮށްދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޑިއޯގޯ ޖޮޓާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ޕޯޗުގަލްގެ ޔޮއާއޯ ޕަލީނިއާ ޖެހި ގޯލުން އެ ޓީމުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ އަށް ޖެހިލި އެވެ. އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ސާބިއާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަށް ކުރި ލިބެނީ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ.

ގިބްރޯލްޓާ ދަނޑުގައި ކުޅުނު މެޗުގައި ނެދަލެންޑްސްގެ ތަފާތު ހަ ކުޅުންތެރިން ވަނީ ގޯލު ޖަހައިފަ އެވެ. މެމްފިސް ޑިޕާއި ދެ ގޯލު ޖެހިއިރު، ލޫކް ޑި ޔޯން، ސްޓީވަން ބާގައިސް، ޖިނީ ވައިނަލްޑަމް، ޑޮންޔެން މާލެން އަދި ޑޯނީ ވެން ޑަ ބީކް ވަނީ ގޯލު ޖަހައިފަ އެވެ.

ގްރޫޕް ޖީގެ އެއް ވަނައިގައި އޮތް ތުރުކީ ވަނީ ރޭ އަމިއްލަ ދަނޑުގައި ލަޓްވިއާއާ 3-3 އިން އެއްވަރުވެފަ އެވެ. ތުރުކީ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އާއި ތިން ވަނައިގައި އޮތް މޮންޓަނެގްރޯ އަދި ހަތަރު ވަނައިގައި އޮތް ނޯވޭ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.

ބެލަރޫސް އަތުން ހޯދި ބޮޑު މޮޅާ އެކު ބެލްޖިއަމް ވަނީ ކޮލިފައިން ގްރޫޕް އީގެ އެއް ވަނަ އަށް އަރައިފަ އެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ވޭލްސް އަތުން 1-0 އިން ބަލިވި ޗެކް ރިޕަބްލިކް އެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ބެލްޖިއަމްގެ ގޯލުތައް ޖެހީ ހޭންސް ވަނަކެން ދެ ގޯލާއި މިޝީ ބަޓްޝުއާޔީ، ލެއަންޑްރޯ ޓްރޮސާޑް، ޖެރެމީ ޑޮކޫ، ޑެނިސް ޕްރައެޓް އަދި ކްރިސްޓިއަން ބެންޓެކޭ އެވެ.