Roadha Mihaaru
ރޮނާލްޑޯގެ ޕޯޗުގަލް ވޯލްޑް ކަޕަށް، ތަރިއަކީ ފެނާންޑޭޒް

ރޮނާލްޑޯގެ ޕޯޗުގަލް ވޯލްޑް ކަޕަށް، ތަރިއަކީ ފެނާންޑޭޒް

30 މާޗް 2022

ޕޯޓޯ (މާޗް 30) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ފައިނަލުގައި މިރޭ ނޯތު މެސެޑޯނިއާއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްގެން ޕޯޗުގަލް މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕޯޓޯ (މާޗް 30) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ފައިނަލުގައި މިރޭ ނޯތު މެސެޑޯނިއާއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްގެން ޕޯޗުގަލް މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.

ޕޯޗުގަލް ވަނީ ޕްލޭއޮފް ސެމީ ފައިނަލުގައި 3-1 އިން ތުރުކީ ބަލި ކޮށްފަ އެވެ. ނޯތު މެސެޑޯނިއާ ޕްލޭއޮފް ފައިނަލަށް ހޮވުނީ ސެމީ ފައިނަލުގައި ވަރުގަދަ އިޓަލީ ކޮޅަށް މެޗުގެ އެންމެ ފަހު ވަގުތު ޖެހި ލަނޑުން 1-0 އިން މޮޅުވެގެންނެވެ.

ޕޯޗުގަލް ޕްލޭއޮފް ކުޅެން ޖެހުނީ ކޮލިފައިންގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުގައި ސާބިއާ އަތުން ބަލިވެގެން ގުރޫޕުގެ އެއްވަނަ ގެއްލުމުންނެވެ. ސާބިއާ އާއި ޕޯޗުގަލް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި ވަނިކޮށް ފަހު މެޗު ކާމިޔާބު ކޮށްގެން ގުރޫޕުގެ އެއްވަނައިގައި ސާބިއާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

މިރޭގެ ޕްލޭއޮފް ފައިނަލް މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހަން ހުސް ފުރުސަތެއް ހޯދީ ވެސް ޕޯޗުގަލް އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލަން ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ކޯނަރަކުން ހުރަސްވި ބޯޅައަކުން ޑިއޯގޯ ޖޮޓާ ބޮލުން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލު ކައިރިން ބޭރަށެވެ.

ޕޯޗުގަލް ލީޑު ނެގީ 32 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒްގެ ލަނޑުންނެވެ. ނޯތު މެސެޑޯނިއާގެ ކެޕްޓަން ސްޓެފާން ރިސްޓޯވްސްކީ މެދަށް ކުޅުނު ބޯޅައަށް ހުރަސް އަޅައި ފެނާންޑޭޒް އެއްފަހަރުން ރޮނާލްޑޯ އަށް ޖައްސާލުމުން، އޭނާ އަނބުރާ ފެނާންޑޭޒް އަށް ބޯޅަ ދިނެވެ އަދި ފެނާންޑޭޒް ވަނީ ކޮންޓްރޯލް ކޮށްލާފައި އޭރިއާ ބޭރުން އެ ބޯޅަ ފޮނުވާލައި ގޯލަށް ވައްދާލައިފަ އެވެ. އެޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ފެނާންޑޭޒް އެވެ. މެޗުގެ 66 ވަނަ މިނިޓުގައި އޭނާގެ ދެވަނަ ލަނޑު ޖެހީ ޖޮޓާ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅައަކުންނެވެ.

ޕްލޭއޮފް ފައިނަލުން އޮޓަމެޓިކް ޖާގައެއް ލިބުނު ޕޮލެންޑް ވެސް ވަނީ މިރޭ 2-0 އިން ސްވިޑެން ބަލިކޮށް، ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކޮށްފަ އެވެ. މިއީ ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދި ނުވަވަނަ ފަހަރެވެ. ޕޮލެންޑަށް ޕްލޭއޮފް ފައިނަލުން އޮޓަމެޓިކް ޖާގައެއް ލިބުނީ، ސެމީ ފައިނަލުގައި ޕޮލެންޑާ ވާދަކުރަން އޮތް ރަޝިއާ އަށް ފީފާއިން ފިޔަވަޅު އަޅައި ސަސްޕެންޑް ކުރުމުންނެވެ. ސްވިޑެން ވަނީ ސެމީގައި ޗެކް ރިޕަބްލިކް ބަލި ކޮށްފަ އެވެ.

މިރޭ މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޕެނަލްޓީއަކުން ޕޮލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އެވެ. ދެވަނަ ލަނޑު ޖަހައިދިނީ ޕިއޮޓްރެ ޒިއެލިންސްކީ އެވެ.

ޕޯޗުގަލް އާއި ޕޮލެންޑާ އެކު މި އަހަރުގެ ވޯލްޑް ކަޕަށް ޔޫރަޕްގެ 12 ޓީމު މިހާތަނަށް ވަނީ ކޮލިފައިވެފަ އެވެ. ޔޫރަޕުގެ ބާކީ އެއް ޖާގަ އަދި އެބަ އޮތެވެ. މި ޖާގައަށް ވާދަކުރާނީ ވޭލްސް އާއި ސްކޮޓްލެންޑް އަދި ޔޫކްރޭނެވެ. ވޭލްސް ޕްލޭއޮފް ފައިނަލަށް ހޮވިފައިވާއިރު ސެމީ ފައިނަލުގައި ޔޫކްރޭނާއި ސްކޮޓްލެންޑް ކުޅެން އޮތް މެޗު ވަނީ ފަސް ކޮށްފަ އެވެ.

ސެމީ ފައިނަލް މެޗާއި ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހު އެވެ.