Roadha Mihaaru
މަދޫރީ އާއި ފަރާ މި ވަގުތު ރާއްޖޭގައި

މަދޫރީ އާއި ފަރާ ޚާން މި ވަގުތު ރާއްޖޭގައި

31 މާޗް 2021

އިންޑިއާގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާއި ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން އެ މީހުންގެ އާއިލާތަކާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބެދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާއި ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން އެ މީހުންގެ އާއިލާތަކާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބެދެ އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ މަދޫރީ އާއި ފިރިމީހާ ޑރ. ސްރީރާމް ނޭނާ އާއި ދެ ކުދިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ޖާނީގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް މަދޫރީ ބުނީ މި ވަގުތު މި ހުރީ "ޕެރަޑައިސް" ގައި ކަމަށެވެ.

މަދޫރީ އަކީ ކުރިން ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވާ ބަތަލާއެކެވެ. އޭނާ މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު ޖަޖެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކަލާޒްގެ ޗެނެލްގެ "ޑާންސް ދިވާނޭ" ގެ ތިން ވަނަ ސީޒަންގެ ކްރޫގައި ހިމެނޭ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ޝޯގެ ޝޫޓިންތަކަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.

މިދިޔަ މަހު ގެނެސްދޭން ފެށި އެ ޝޯ ދައްކަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރެ އެވެ.

ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ކުޅެފައިވާ މަދޫރީގެ އަލަތު ވެބް ސީރީޒް "ފައިންޑިން އަނާމިކާ" ވަރަށް އަވަހަށް ނެޓްފްލިކްސް ސްޓްރީމްކުރަން ފަށާނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަލަންކް" އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ތިން ދަރިންނާއި ފިރިމީހާ ޝްރިޝް ކުންދަރާ އެކު ޗުއްޓީ ހޭދަކުރި ފަރާގެ އާއިލާ މި ފަހަރު ޗުއްޓީގައި ތިބީ ބަރޮސް މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެންމެ ފާހަގަކޮށްލެވުނީ ކުދިން ލައްވައި މުރަކަ އިންދަނިކޮށް ނަގާފައިވާ ވީޑިއޯ އެވެ. އޭގައި ފަރާ ބުނެފައި ވަނީ ރާއްޖޭގައި މުރަކަ އާލާކުރަން މަސައްކަތްކުރާ އެއް ގޮތަކީ ފްރޭމެއްގައި ޅަ މުރަކަ އިންދައި އެ އެއްޗެހި ފަރުތަކުގައި ބެހެއްޓުން ކަމަށެވެ.

ފަރާ އަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 66 ވަނަ ފިލްމުފެއާ އެވޯޑްސްގައި ފިލްމު "ދިލް ބޭޗާރާ" އިން އެންމެ މޮޅު ކޮރިއޯގެ އެވޯޑް ހޯދި ފަންނާނެވެ. މިހާތަނަށް އެތައް ސަތޭކަ ލަވައެއްގެ ނެށުން ތައްޔާރުކޮށް ދީފައިވާ ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ.

ދެހާސް ނަވާރައިގައި ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ޑައިރެކްޓްކޮށްދޭން އިއުލާންކުރި ނަމަވެސް ފަހުން ފަރާގެ އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ފަހަކުން ނުދެކެވެ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމަކީ ކުރީގެ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކެކެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު އެތަައް ބަޔަކަށް މިހާރު އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެ އެވެ. އެގޮތުން ގިނަ އަދަދަކަށް ފިލްމީ ފަންނާނުން ރާއްޖެ އަށް އަންނަ އިރު، އިންޑިއާ އަކީ މި ވަގުތު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓެވެ.