Roadha Mihaaru
ރާއްޖެއާ ގުޅުވައިގެން އިންޑިއާގެ ތަރިންނަށް ބަހުގެ ހަމަލާ

ރާއްޖެއާ ގުޅުވައިގެން އިންޑިއާގެ ފިލްމީ ތަރިންނަށް ބަހުގެ ހަމަލާތަކެއް

22 އެޕްރީލް 2021

ބޮޑު މަލިމަޑުކަމެއްގެ ތެރޭގައި އުޅޭ އިރު ވެސް އިންޑިއާގެ ފިލްމީ ތަރިން ދިވެހިރާއްޖެ އާއި ގޯއާ ފަދަ ތަންތަނަށް ޗުއްޓީ އަށް ގޮސް އެ ތަންތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރާތީ އިންޑިއާގެ މަޝްހޫރު ކޮލަމިސްޓް/ލިޔުންތެރިޔާ ޝޯބާ ޑޭ ފާޑުކިޔައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮޑު މަލިމަޑުކަމެއްގެ ތެރޭގައި އުޅޭ އިރު ވެސް އިންޑިއާގެ ފިލްމީ ތަރިން ދިވެހިރާއްޖެ އާއި ގޯއާ ފަދަ ތަންތަނަށް ޗުއްޓީ އަށް ގޮސް އެ ތަންތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރާތީ އިންޑިއާގެ މަޝްހޫރު ކޮލަމިސްޓް/ލިޔުންތެރިޔާ ޝޯބާ ޑޭ ފާޑުކިޔައިފި އެވެ.

އޭނާ އިންސްޓަގްރާމްގައި ބުނީ "ކަލޭމެންނަށް މިއީ ބޮޑު ޗުއްޓީއަކަށް ވިޔަސް މުޅި ދުނިޔެ އޮތީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި" ކަމަށެވެ.

"އެހެންވީމަ ކަލޭމެންނަށް ތިޔަ ލިބިފައިވާ ހާއްސަ ފުރުސަތަކާ އެކު ބުއްދިއެއް ނެތް ގަމާރުންނަށްވާކަށް ނުޖެހޭ. ކަލޭމެން ތި ޕޯސްޓްކުރާ ނިވާކަން ކުޑަ ފޮޓޯތަކުން ދޭހަކޮށް ދެނީ ބުއްދިއެއް ނެތް، ލޮލަށް ވެސް ނުފެންނަ އަދި ބީރު ބައެއްގެ ގޮތުގައި،" ޝޯބާ ބުންޏެވެ.

ތަރިންނަށް ފާޑުކިޔަމުން އޭނާ ބުނީ މިއީ ފާޑުފާޑިގެ ފޮޓޯތައް ލައިގެން އިންސްޓަގްރާމް ފަދަ ސޯޝަލް ޕްލެޓްފޯމްތަކުގެ ފޮލޯވަރުންގެ އަދަދު ގިނަކުރަންވީ ވަގުތު ނޫން ކަމަށެވެ. އަދި މި ދުވަސްވަރު ޗުއްޓީތަކަށް ގޮސް ތަރިން ފޮޓޯތައް ޕޯސްޓްކުރާ އިރު މިއީ ކިންގްފިޝާ ކަލަންޑަރަށް ފޮޓޯ ނެގުމާއި އަދި ފެޝަން ވީކެއް އައިސްގެން އުޅޭ ކަހަލަ ކަމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.

"މިއީ ބަލި ފެތުރުނަ ނުދިމަށް އެންމެން އެކީގައި މަސައްކަތްކުރަންވީ ވަގުތެއް. ޗުއްޓީގައި ތިބެންވީ ގޭގައި. މާސްކް އަޅާ. އަދި ފޮޓޯތައް ނުލާ،" ޝޯބާ ބުންޏެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުން ފެށިގެން އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އައުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އަދި މިކަމާ ގުޅިގެން އިންޑިއާގެ މީޑިއާތަކުން ވެސް ފާޑުކިޔާފައިވެ އެވެ. އަދި މި ފަހުން ސޯޝަލް މީޑިއާގައި ވެސް ތަރިންނަށް އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.

ދާދި ފަހުން ވެސް މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފިލްމުފެއާ އެވޯޑްސްގައި މިހާރު "ތަރިންގެ ރާއްޖޭގެ ފޮޓޯ" އަށް ހާއްސަ ކެޓަގަރީއެއް ހިމަނައި އެވޯޑް ވެސް ދޭން ޖެހިފައިވާ ކަމަށެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުގެ ޓޫރިސްޓުންގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީން ގިނަ އެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ފިލްމީ ތަރިން މިހާރު މާ ގިނައިން ރާއްޖެ އަންނަނީ އެ މީހުންނަށް ރިސޯޓްތަކުން ހިލޭ ދަތުރުދޭތީ އެވެ. އަދި އެކަން ކުރަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަނަށް ކަމަށް ބުނެފައިވެ އެވެ.

މިހާރު ވެސް ރާއްޖޭގައި އިންޑިއާގެ މަޝްހޫރު ތަރިންތަކެއް އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އޭގެ ތެރޭގައި ރަންބީރް ކަޕޫރާއި އާލިއާ ބަޓާއި ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީ އާއި ސާރާ އަލީ ޚާނާއި މަންމަ އަމްރިތާ ސިންގް އަދި ސިދާތު މަލްއުތުރާ ފާހަގަކޮށްލެވެ އެވެ.