Roadha Mihaaru
ވިހެއުމަށް ފަހު އަނުޝްކާ އަލުން މަސައްކަތަށް

ވިހެއުމަށް ފަހު އަނުޝްކާ ޝަރްމާ އަލުން މަސައްކަތަށް

02 އެޕްރީލް 2021

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލަތު ދަރިފުޅު ލިބުނު ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ވެސް އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލަތު ދަރިފުޅު ލިބުނު ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ވެސް އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ވިހޭތާ ތިން ވަރަކަށް މަސް ފަހުން އަލުން މަސައްކަތަށް ނުކުތް ނަމަވެސް އަދި ރަސްމީކޮށް ފިލްމަކަށް ސޮއެއް ނުކުރެ އެވެ. އެކަމަކު އަނުޝްކާ އަންނަނީ އޭނާ އެންޑޯޒްކޮށްދޭ ބައެއް ބްރޭންޑްތަކުގެ އިޝްތިހާރުތައް ފުލުފުލުގައި ކުޅެމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް އިޝްތިހާރެއްގެ ޝޫޓިން އަށް އޭނާ ތައްޔާރުވާން ވެނިޓީ ވޭން އިން ބޭރަށް ނުކުމެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވެފައިވެ އެވެ. ބަލިވެއިން އިރު ވެސް އިޝްތިހާރުތަކެއް އަނުޝްކާ ކުޅުނެވެ.

އޭނާ އަކީ އަބަދު ވެސް ވަރަށް ލޫޅާފަތިކޮށް ހުންނަ ބަތަލާއަކަށްވާތީ ބަލިވެއިނުމާ ގުޅިގެން ވެސް ހަށިގަނޑަށް މާ ބޮޑު ބަދަލައެއް އައިސްފައެއް ނުވެ އެވެ. އެހެންވެ ވިހެއުމަށް ފަހު ވެސް ހަށިގަނޑުގެ ބައްޓަން ބަލިވެއިނުމުގެ ކުރިން ހުރި ގޮތަށް ބަދަލުކުރާކަށް މާ ބޮޑަށް މަސައްކަތް ވެސް ކުރާކަށް ޖެހިފައެއް ނުވެ އެވެ. އަނެއްކޮޅުން އޭނާ އަކީ ކަސްރަތަށް އަބަދު ވެސް ވަރަށް ސަމާލުކަންދޭ ބަތަލާއެކެވެ.

މީޑިއާތަކުން ބުނީ އަލުން މަސައްކަތްތަކަށް އެނބުރި އައުމާ އެކު ފުލް ގިޔަރުގައި ހުނަރުވެރި ބަތަލާ އަނެއްކާ ވެސް ފިލްމީ މަސައްކަތް ފަށާނެ ކަމަށެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ ޒީރޯ އެވެ.

އޭގެ ފަހުން އޭނާގެ އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ބައޮގްރަފިކަލް ޑްރާމާ އަށް ސޮއިކުރި ވާހަކަތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ތިލަވި އެވެ. އެކަމަކު އެއީ އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ.

އަނުޝްކާ އަކީ މިހާރު ހަމައެކަނި ބަތަލާއެއް ނޫނެވެ. އޭނާ އަކީ ކްލީން ސްލޭޓްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހިންގައި ފިލްމާއި ވެބް ސީރީޒް ޕްރޮޑިއުސްކުރަމުން އަންނަ މީހެކެވެ. މިދިޔަ އަހަރު އެތަނުން ގެނެސްދިން އުފެއްދުންތަކަކީ ނެޓްފްލިކްސް އިން ގެނެސްދިން "ބުލްބުލް" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ޕާޓަލް ލޯކް" އެވެ.

ރިޕޯޓްތައް ބުނާގޮތުން އަނުޝްކާގެ ފިލްމު ކުންފުނީގެ ކުރިއަށް އޮތް ފިލްމު އަދިތިޔާ ރޯއި ކަޕޫރަށް ހުށަހަޅާފައިވެ އެވެ.

އަނުޝްކާ ޕްރޮޑިއުސްކޮށް ކުޅުނު ފިލްމުތަކުގެ ތެރޭގައި "އެންއެޗް 10" އާއި "ފިލޯރީ" އަދި "ޕަރީ" ހިމެނެ އެވެ.