Roadha Mihaaru
ދަރިއަކު ލިބުނަސް އެކްޓިންއާ ދުރަކަށް ނުދާނަން: އަނުޝްކާ

ދަރިއަކު ލިބުނަސް އެކްޓިންއާ ދުރަކަށް ނުދާނަން: އަނުޝްކާ

30 ނޮވެމްބަރ 2020

ދުވަހަކު ވެސް އެކްޓިންއާ ދުރަށް ނުދާނެ ކަމަށާއި އަލަތު ދަރިފުޅު ވިހާފައި ވަރަށް އަވަހަށް އަނެއްކާ ވެސް އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނާނެ ކަމަށް ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުވަހަކު ވެސް އެކްޓިންއާ ދުރަށް ނުދާނެ ކަމަށާއި އަލަތު ދަރިފުޅު ވިހާފައި ވަރަށް އަވަހަށް އަނެއްކާ ވެސް އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނާނެ ކަމަށް ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.

ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ވިހާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ބަލިވެއިން ނަމަވެސް އަނުޝްކާ އަކީ މިހާރު ވެސް އެކިއެކި ޕްރޮޖެކްޓްތަކުގައި ހިއްސާވަމުން އަންނަ ތަރިއެކެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ޓީވީ އިޝްތިހާރުތަކެއް އޭނާ ޝޫޓްކޮށްފައިވެ އެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަނުޝްނާ ބުނީ އެކްޓިން އަކީ ވަރަށް ލޯބިވާ ކަމެއް ކަމަށާއި ދުވަހަކު ވެސް އެކްޓިންއާ ދުރަށް ދިއުމުގެ ހިޔާލެއް ނެތް ކަމަށެވެ.

"އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ވެސް ފިލްމީ މަސައްކަތްތަކާ ދުރެއް ނުވާނަން. އެކްޓިން އަކީ އަހަރެން އެންމެ ލޯބިކުރާ ކަންތައް،" ކްލީން ސްލޭޓް ފިލްމްސްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހަދައި އޭގެ ދަށުން ވެސް އުފެއްދުންތައް ގެނެސްދެމުން އަންނަ ބަތަލާ ބުންޏެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނުޝްކާ ބުނީ ދަރިއަކު ލިބުމަށް ފަހު، އެންމެ ބޮޑު ކަމަކަށް ވާނީ އާއިލާ އާއި ކެރިއަރު ބެލެންސްކުރުން ކަމަށެވެ.

"އެކަން އަހަރެން ވަރަށް ފުރިހަމަ އަށް އަދާކުރެވޭތޯ ބަލާނަން. ހަމަގައިމު ވެސް އަހަންނަކީ ހުރިހާ ވަގުތެއް އާއިލާއެއް ހުސްކޮށްފައި ކެރިއަރު ގުރުބާންކުރާނެ މީހެއް ނޫން،" އޭނާ ބުންޏެވެ. "އަންހެނެއްގެ އެންމެ ހާއްސަ ހުނަރަކަށް ވާނީ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ލައިފް ވެސް ބެލެންސްކުރަން އެނގުން. އަހަރެންގެ ފެމިލީ އަކީ އަބަދު ވެސް ވަރަށް ސަޕޯޓިވް ފެމިލީއެއް. އެހެންވީމާ ދަރިއަކު ލިބުނަސް ފިލްމީ ކެރިއަރާއިގެން އަހަންނަށް ކުރިއަށް ދެވޭނެ."

އަނުޝްކާ، 32، ބުނިގޮތުގައި ފިރިމީހާ ވިރާޓަކީ ވެސް އޭނާ ކުރިއަށް ދާން ވަރަށް ބޮޑަށް ހިތްވަރުދޭ ފިރިއެކެވެ. އެހެންވެ މަޔަކަށްވުމަކުން ފިލްމީ ކެރިއަރަށް އަންނާނެ މާ ބޮޑު ބަދަލެއް ނޯންނާނެ ކަމަށް ބުންޏެވެ.

އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގައި ޝާހްރުކް ޚާނާ އެކު ކުޅުނު "ޒީރޯ" އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ވެސް ބަތަލާއަކަށް ފިލްމީ ދާއިރާ އަށް ނުކުންނަން ލިބޭނެ ހުވަފެނީ ޕްރޮޖެކްޓަކުންނެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2008 ގައި ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ޝާހްރުކާ އެކު ގެނެސްދިން "ރަބް ނެ ބަނާދީ ޖޯޅީ" އިންނެވެ.

އަނުޝްކާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އެންއެޗް 10" އާއި "ސުލްތާން" އާއި "ބޭންޑް ބާޖާ ބާރާތު" އާއި "ޕީކޭ" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ ފިލްމުތައް ހިމެނެ އެވެ.