Roadha Mihaaru
ނާއިފާއި ހަސަން ވަހީދަށް ދައުވާކޮށްދިނުމަށް އެދިއްޖެ

ގޯއްޗެއް ހައްގު ނޫން މީހަކަށް ވިއްކަން އުޅުނު މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދިއްޖެ

01 އެޕްރީލް 2021

މާލޭގެ ގޯއްޗެއް ހައްގު ނޫން ފަރާތަކަށް ވިއްކައިލި މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ އިސް ދެ ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުފައިފަ އެވެ.

މާލޭގެ ގޯއްޗެއް ހައްގު ނޫން ފަރާތަކަށް ވިއްކައިލި މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ އިސް ދެ ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުފައިފަ އެވެ.

މ. ގުލްސަންފާގޭ އާތިފާ ހަސަނަށް ތަރިކަ ބަހައިގެން ލިބުނު ދެ ބިމުގެ ތެރެއިން އެއް ބިން ހައްގު ނޫން ގޮތުގައި އެހެން މީހަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދުނީ ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ހަސަން ވަހީދުގެ މައްޗަށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ކޮށްދިނުމަށް އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި، ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ، ގުލްސަންފާގޭ ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އާތިފާ އަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން ހުޅުވައިލުމުން، އެ ބިނާ އިންވެގެން އޮތް ބިން ގަތުމަށް އާތިފާ އާއި އެ ގޭގެ އެހެން ފަރާތްތަކުން ހުށަހެޅިކަން ލިޔެކިޔުންތަކުން އެނގެން އޮތް ނަމަވެސް އާތިފާ އަށް އެ ބިން ވިއްކަން ނިންމުމަށް ފަހު، އަމަލުކުރީ އެހެން އުސޫލަކުން ކަމަށެވެ.

އެ ބިން އާތިފާ އަށް ވިއްކުން މަޑުޖައްސައިލިކަން އޭނާ އަށް އެންގި ސަބަބެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އޭރު އަމަލުކުރަމުން ދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އިސްލާހު ކުރަމުންދާ ކަމަށް ބުނެ އެވެ. އެގޮތަށް ނިންމާފައި ވަނީ ހައުސިން މިނިސްޓްރީގެ އެއްވެސް ނިންމުމެއް ނެތި، ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރު ހަސަން ވަހީދު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއަކުން ކަަމަށް ލިޔެކިޔުންތަކުންނާއި ތަހުގީގަށް ނަގާފައިވާ ބަޔާންޔަކުން އެނގޭ ކަމަށް އޭސީސީން ބުނެ އެވެ.

އެކަމަކު، ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން އެހެން މީހުންނަށް ބިންތައް ވިއްކުމާ ބެހޭ މުއާމަލާތުތައް ހަސަން ވަހީދު އިސްވެ ހިންގާފައިވާ ކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ބުންޏެވެ. އެހެންވެ، އާތިފާ އަށް ލިބެން އޮތް ހައްގު ހިފަހައްޓާފައި އޮތީ އެ އުސޫލު އިސްލާހު ކުރާތީ ނޫންކަން އެނގޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު އިސްލާހު ކުރުމަށް ފަހު، އެ އުސޫލުގައި ބިން ވިއްކުމަށް ހައްގުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިއުލާން ކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި ގޯތީގެ އެންމެހައި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު، އެންމެ ހައްގުވެރި ފަރާތެއް ކަނޑައަޅަން ވާނެ ކަަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާ ފަދައިން، އިސްވެ ދެންނެވުނު ގޯތިން ބިން ގަތުމަށް ހުށަހެޅި އާތިފާ ހަސަނާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއް ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާންތައް ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެ އެވެ،" އޭސީސީގެ ބަޔާނުގައި ވެ އެވެ.

ދިރިއުޅުމުގެ ހާލަތު ނުބަލައި، އެ ބިން ވިއްކަން ނިންމިކަން އެންގީ އެ ކޮމިޝަނުން ބުނިގޮތުގައި ހައުސިން މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ސޮއިކުރައްވާފައިވާ ސިޓީއަކުންނެވެ. އަދި އެ ބިން ވިއްކާފައިވާ ކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެކަން ކޮށްފައި އޮތީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލާ ޚިލާފަށް ކަން ލިޔެކިޔުންތަކުންނާއި ބަޔާންތަކުން އެނގޭ ކަމަށެވެ.