Roadha Mihaaru
ފޭސްބުކްގެ ބޮޑު ލީކެއް، 86،000 ދިވެހިން ހިމެނޭ!

ރާއްޖޭގެ 86،000 މީހުން ހިމެނޭ ގޮތަށް ފޭސްބުކްގެ މައުލޫމާތުތަކެއް ލީކުކޮށްލައިފި

03 އެޕްރީލް 2021

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ބޭނުންކުރާ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހިލޭ ލިބޭ ގޮތަށް އިންޓަނެޓްގައި ލީކްކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ބޭނުންކުރާ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހިލޭ ލިބޭ ގޮތަށް އިންޓަނެޓްގައި ލީކްކޮށްލައިފި އެވެ.

ބައިނަލް އަގުވާމީ މީޑިއާތަކުން މިއަދު ޖެހި ހަބަރުތަކުގައިވާ ގޮތުން، ލީކް ކޮށްލާފައިވާ މައުލޫމާތުގެ ތެރޭގައި ރާއްޖޭގެ 86،000 ވުރެ ގިނަ މީހުންގެ މައުލޫމާތު ހިމެނެެ އެވެ. ލީކްކޮށްލާފައިވާ މައުލޫމާތުތަކަކީ ފޭސްބުކްގައި ކުރިން އޮތް ސަލާމަތީ ގޮތުން ބަލިކަށި ތަންކޮޅެއްގެ ބޭނުންކޮށްގެން 2019 ވަނަ އަހަރު ވަގަށް ނަގާފައިވާ މައުލޫމާތުތަކެކެވެ. އެ މައުލޫމާތު ހޯދި މީހުން ކުރިން އުޅުނީ ޓެލެގްރާމް ބޮޓެއް ބޭނުންކޮށްގެން މައުލޫމާތު ވިއްކާށެވެ. އެކަމަކު މިފަަހަރު އެ ހުރިހާ މައުލޫމާތެއް އިންޓަަނެޓަށް ދޫކޮށްލީ ބޭނުން ކޮންމެ މީހަކަށް ހިލޭ ލިބޭ ގޮތަށެވެ.

ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކްގައި މީހުން ބޭނުންކުރާ ފޯނު ނަމްބަރުތަކާއި ބައެއް ޕްރޮފައިލްތަކާ ގުޅިފައިވާ އީމެއިލް އެޑްރެސްތަކާއި އަދި މީހުން ތިބި ތަންތަނުގެ މައުލޫމާތެވެ. އޭގެ އިތުރުން މީހުންގެ އައިޑީތަކާއި ފުރިހަމަ ނަން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އިންޓަނެޓަށް ދޫކޮށްލި 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ މައުލޫމާތުގެ ތެރޭގައި 106 ގައުމެއްގެ މީހުން ހިމެނޭ އިރު، އެމެރިކާ އާއި ޔޫރަޕްގެ ގިނަ އަދަދެއްގެ މީހުން އޭގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން އެމެރިކާގެ 32 މިލިއަން މީހެއްގެ މައުލޫމާތާއި ޔޫރަޕްގެ 11 މިލިޔަން މީހުން އަދި އިންޑިއާގެ ހަ މިލިޔަން މީހުންގެ މައުލޫމާތު އޭގެ ތެރޭގައި ހިމެެނެ އެވެ.

ލީކްކޮށްލާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތުތޯ ނުވަތަ ނޫންތޯ ބަލަން ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ބިޒްނަސް އިންސައިޑާ އިން ވަނީ އެ ނޫހަށް ކާކުކަން އެނގޭ ބައެއް މީހުންގެ މައުލޫމާތު ހުރީ ރަނގަޅަށް ކަމަށް ބުނެފަ އެވެ. އެ ނޫހުން ބުނީ ލީކްކޮށްލާފައިވާ މައުލޫމާތަކީ މީހުންގެ ނަމުގައި ޕްރޮފައިލްތައް ހަދައި ޝަހުސު އޮޅުވައިލުން ފަދަ ސައިބަކްރައިމްސް ހިންގާ މީހުންނަށް އެފަދަ ކުށްތައް ކުރުމަށް ފުދޭ ވަރުގެ މައުލޫމާތުތަކެއް ކަމަށެވެ.