Roadha Mihaaru
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ

އިންތިޚާބު ފަސްކުރަން ޖެހިއްޖެ ނަމަ، އިދިކޮޅުގެ ތާއީދު ލިބޭނެ: އަބްދުއްރަހީމް

11 މާޗް 2020

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ގޮސްފި ނަމަ، އެކަމަށް އިިދިކޮޅު ކޯލިޝަނުން ތާއީދުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ގޮސްފި ނަމަ، އެކަމަށް އިިދިކޮޅު ކޯލިޝަނުން ތާއީދުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެ އިން ވެސް ފެނިފައިވާއިރު، އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރަން ބައެއް ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ. އެކަމަކު، އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަކަށް ނުނިންމަ އެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ދިޔަ ކަމަށް މިހާތަނަށް ސަރުކާރުން ހާމަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، އިންތިޚާބު ފަސްކުރަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީން ތާއީދު ކުރާނެ ކަމަށާއި އެ ކޯލިޝަނުން އަބަދުވެސް އިސްކަން ދޭނީ ގައުމާއި ރައްޔިތުންގެ ރައްކާތެރި ކަމަށް ކަމަށް ވެސް އަބްދުއްރަހީމްގެ ޓްވީޓްގައިވެ އެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓް

އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ހިނގައްޖެ ނަމަ، އެކަމަށް އިދިކޮޅު ކޯލިޝަނުން ތާއީދު ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، މީގެ ކުރިން އެ ކޯލިޝަނުން ބުނެފައިވަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ނޫނީ އިންތިޚާބު ފަސް ކުރުމުގެ މަޝްވަރާގައި ބައިވެރިނުވާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން މިއަދު ވަނީ އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަންގައި އެދިފަ އެވެ. އެކަމަކު، ސަރުކާރުން ބުނެފައިވަނީ އިންތިޚާބު ފަސް ކުރުމާ މެދު ސަރުކާރުގެ ވިސްނުން ހާމަ ކުރާނީ ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބު ފަސްކޮށްފި ނަމަ، އިތުރަށް 30 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި މިހާތަނަށް ވެސް އެ ދެ އިންތިޚާބަށް 25 މިލިއަނާއި 30 މިލިއަނާ ދެމެދުގެ އަދަދެއް ހޭދަ ކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަންގެ އަދި ނެތް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.