Roadha Mihaaru
އެމްއެންޔޫ ގޮވައިގެން ޑރ. އިޔާޒު ޓްރައިބިއުނަލަށް

ވަޒީފާ އިން ސަސްޕެންޑްކުރުމުން އެމްއެންޔޫ ގޮވައިގެން ޑރ. އިޔާޒު ޓްރައިބިއުނަލަށް

05 އެޕްރީލް 2021

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ސަސްޕެންޑްކުރި މައްސަލަ ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ސަސްޕެންޑްކުރި މައްސަލަ ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވައިފި އެވެ.

އޭނާ ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކުގެ ސަބަބުންް އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމައަށް ކުރާ ކަމަށް ބުނެ އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ސަސްޕެންޑްކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުންް ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.

އެ މައްސަލައާ ގުޅިގެން އިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ މާޗު 28 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެއަށް ތާވަލުކުރި ކަމަށެވެ. އެކަމަކު މި މަހުގެ އެއް ވަނަ ދުވަހު ވަނީ އަޑުއެހުން ކެންސަލްކުރިކަން އެތަނުން އޭނާއަށް އަންގާފައި ކަމަށް ވިދާޅުވި އެވެ.

ޑރ. އިޔާޒު ސަސްޕެންޑްކުރީ ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދަން އެންގި ދުވަސްވަރު އެވެ. ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންގެ މަޝްވަރާގެ މަތިން އެ ނިންމުން ނިންމި ނަމަވެސް ޑރ. އިޔާޒު ހިމެނޭ ގޮތަށް ބައެއް އިލްމުވެރިން ވަނީ އެއީ ދީނުގައި އެކަން އޮންނަ ގޮތް ނޫންް ކަަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީގެ ޑރ. އިޔާޒު ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރައްވާ ތާއީދު ވެސް ސޯޝަލް މީޑިއާގައި ދައްކަވަމުންނެވެ.