Roadha Mihaaru

ޝާފިއު: ހިންގުން ހަރުދަނާކޮށްފި، ބޭނުމީ އާ ފުރުސަތެއް

ދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި އަހުމަދު ޝާފިއު އަށް ދެވަނަ ދައުރެއް ރައްޔިތުން ދޭން ޖެހޭ ސަބަބު އޭނާއަށް ވަރަށް ސާފެވެ؛

ޝާފިއު: ހިންގުން ހަރުދަނާކޮށްފި، ބޭނުމީ އާ ފުރުސަތެއް

ދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި އަހުމަދު ޝާފިއު އަށް ދެވަނަ ދައުރެއް ރައްޔިތުން ދޭން ޖެހޭ ސަބަބު އޭނާއަށް ވަރަށް ސާފެވެ؛

މިދިއަ ތިން އަހަރު ދ. އަތޮޅު ކައުންސިލަށް އިދާރީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވި އެވެ. އޭގެ ހެއްކަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރޭންކިންގައި ދ. އަތޮޅު ކައުންސިލް އެއްވަނަ ހޯދުމެވެ. މުވައްޒަފުންނަށް އެތައް ތަމްރީން ޕްރޮގްރާމްތަކެއް ބާއްވައި، ކައުންސިލްގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްދެއްވި އެވެ.

"ފާއިތުވެދިޔަ ތިން އަހަރު ދ. އަތޮޅު ކައުންސިލް ރައީސް ކަމުގައި ހުރެ ބޮޑެތި ބަދަލުތަކެއް ގެނެސްފިން. ގިނަ ކުރިއެރުންތަކެއް ލިބިއްޖެ،" ޝާފިއު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ހިންގާ ގޮތަށް ބަލައި، އެލްޖީއޭއިން ކޮންމެ އަހަރަކު ނެރޭ އިންޑެކްސްގައި މީގެ ކުރިން ދ. އަތޮޅު ކައުންސިލް އޮތީ ފުލުގަ އެވެ. ނަމަވެސް މި ތިން އަހަރުގެ މަސައްކަތަށް ފަހު އެންމެ ފަހުން ނެރުނު އިންޑެކްސްގައި އެ ކައުންސިލް އޮތީ އެއްވަނަ ރޭންކްގަ އެވެ.

"އެކަމުން އެކަނި ވެސް އެނގޭ އަތޮޅު ކައުންސިލަށް އިދާރީ ގޮތުން ކުރިއެރުންތަކެއް ލިބި، އަތޮޅަށް ރީތި ނަމެއް ވެސް ހޯދައިދެވިއްޖެކަން،" ޝާފިއު ވިދާޅުވި އެވެ.

އައިޓީ ދާއިރާ އިން ޑިޕްލޮމާ ހާސިލްކުރައްވައި، ދ. އަތޮޅުގައި އެ ދާއިރާއިން ކިޔަވައިދޭ އިންސްޓިޓިއުޓެއް ވެސް ހިންގަވަމުން އަންނަ ޝާފިއު ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މީހުން ބިނާކުރެއްވުމަށެވެ. އެކި ދާއިރާތަކުން ތަމްރީން ދީ މީހުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީފި ނަމަ، ކަންކަން ރަނގަޅުކުރަން، ތަރައްގީ ހަލުއިކުރަން ބާރު ލިބޭނެ ކަމަށް ގަބޫލުކުރައްވަ އެވެ. އެހެންވެ ކައުންސިލުން ވެސް މީހުން ބިނާ ކުރުމާއި ތަމްރީންތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ސީދާ އަޅުގަނޑު ވާހަކަ ދައްކައިގެން ޕްރޮފެސަރު ހަސަން އުގެއިލް ވެސް މި ރަށަށް ގެނެސް އެވެއާނަސް ޕްރޮގްރާމްތައް ހިންގިން. އަތޮޅުގެ ހުރިހާ ޓީޗަރުންނަށް އަމާޒުކޮށް، މަހާސިންތާއެއް ބޭއްވިން. ފަޔާ ސޭފްޓީ ޓްރެއިނިންތައް އިންތިޒާމް ކުރިން،" ކުރީ ދައުރުގައި ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ޝާފިއު ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލްގެ ހިދުމަތްތައް ފުޅާކުރައްވަން ވެސް އޭނާ ވަނީ، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ދ. އަތޮޅުން ވެހިކަލްތަކުގެ އޭ ޒޯންގެ ލައިސަންސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަތޮޅުގެ ހުރިހާ ރަށަކުން އައިޑީ ކާޑު ހެއްދޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ.

"ރައްޔިތުންގެ ކައުންސިލަކަށް ވާނީ އެމްޑީޕީ އިންތިހާބުކޮށްގެން"

ޝާފިއުއަކީ އަބަދުވެސް އެމްޑީޕީ ފިކުރުގެ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ހެޔޮ ނިޔަތް އޮތީ އެ ޕާޓީގަ އެވެ.

ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެސް އަތޮޅު ކައުންސިލް ފެންނާނީ، ޝާފިއު ވިދާޅުވާ ގޮތުގައި، "ތިލަފަތަށް ވޯޓު ދީގެންނެ"ވެ. އެހެންކަމުން މުޅި އަތޮޅު ދަންނަ އަދި ގަބޫލުކުރާ މީހަކަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ދ. އަތޮޅަށް ގެނެސްފައިވާ ބަދަލު ބަލައިގަންނާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ރައްޔިތުންނާ މެދު އޭނާގެ އޮތް އުއްމީދު ހާމަކުރައްވަމުން ޝާފިއު ވިދާޅުވި އެވެ.

ކުރިޔަށް އޮތް ތަނުގައި އަތޮޅު ކައުންސިލްތަކުގެ މަސައްކަތުން ވެސް މި ފަހުން ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ނަތީޖާ ފެންނާނެ އެވެ. އެއީ ކައުންސިލަރުންނަށް ވެސް އިތުރަށް މަސައްކަތްކުރަން ލިބޭނެ ފުރުސަތެކެވެ. ޝާފިއު ވިދާޅުވާ ގޮތުން ނަމަ ކައުންސިލްތަކަށް އަސްލު ބާރު އަދި ލިބުނީ އެވެ. އެހެންކަމުން "އަޅުގަނޑު ވެސް މައްސަލަތައް ހައްލުކުރަން ވަރުބަލިކަމެއް ނެތި ހުންނާނަން" ކަމަށް ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު

މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.