Roadha Mihaaru

ބާ ވާހަކަތައް ނުދައްކާ! ރައްޔިތުންނަށް ދެން އޮޅުވައެއްނުލެވޭނެ!

އެއް ކެންޑިޑޭޓަކު މި ވިދާޅުވަނީ ވިލިމާލޭގައި އެންމެ ރަނގަޅީ އިތުރު ދެ ބުރި އަށް ގެ ހިއްލާލެވޭނެ ގޮތެއް [ހުއްދަ] ހަމަޖެއްސުން ކަމަށެވެ؛ އެއަށް މީހަކު ފިސާރި ކެރިގެން ކޮމެންޓެއް ކުރި އެވެ.

ބާ ވާހަކަ ނުދައްކާ، ރައްޔިތުންނަށް ދެން އޮޅުވައެއްނުލެވޭނެ!
އިސްމާއިލް ނަސީރު
އިސްމާއިލް ނަސީރު

05 އެޕްރީލް 2021

އެއް ކެންޑިޑޭޓަކު މި ވިދާޅުވަނީ ވިލިމާލޭގައި އެންމެ ރަނގަޅީ އިތުރު ދެ ބުރި އަށް ގެ ހިއްލާލެވޭނެ ގޮތެއް [ހުއްދަ] ހަމަޖެއްސުން ކަމަށެވެ؛ އެއަށް މީހަކު ފިސާރި ކެރިގެން ކޮމެންޓެއް ކުރި އެވެ.

"ތިއީ ރައީސް މައުމޫނު އިރުއްސުރެ ދައްކަމުން އައި ވާހަކަ. އޭގެ ފަހުން އަށް އިލެކްޝަން އަތުވެއްޖެ. ވީކަމެއް ހަރާން،" އޭނާ ބުންޏެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބު ބޯމަތިވީ އެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ވޯޓު ލާނެ އެވެ. މައި ދެ ޕާޓީ، ދޮރުންދޮރަށް ހިނގަނީ އެވެ. ކެނޑިޑޭޓުންނާއި ޕާޓީތަކުން ވެސް ވައުދު ވަނީ އެވެ. ކެމްޕެއިންގައި އެމްޑީޕީގެ މައިގަނޑު އަސާސަކީ، އުޖާލާ ދިރިއުޅުމެއް ހޯދައިދިނުމެވެ. އެ ޕާޓީގެ ސްލޯގަން "ރަށްވެހި ފަތިސް" ގެ މައިގަނޑު މޯޓޯ އަކީ ހަމަ މި ސަރުކާރު އަންނަން ކޮށްފައި ހުރި ވައުދުތަކެވެ. ހަމަ އެ ވައުދުތައް އެކި ގޮތްގޮތަށް އަނބުރަނީ އެވެ.

"އެމްޑީޕީގެ ވައުދު ނާމާ އަކީ މިހާރު ބޮޑު ޖޯކެއް. އެއްވެސް އޮށްޓަރެއް އާރެއް ބާރެއް ހުރި އެއްޗެއްނޫން. ކިތަންމެ ބައިވަރު ހިސާބު އަކުރުތަކާއި ފަށުވި އިބާރާތް ބޭނުން ކުރިއަސް، ބާރު ދިނީމަ އެއްވެސް ކަމެއް ނުވި،" 'މިހާރު' އަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެ އެވެ.

އަނެއްކޮޅުން، އިދިކޮޅު ކޯލިޝަންގެ ފަލްސަފާއެއް ހަގީގަތުގައި ނުވެސް ނެތެވެ. ލީޑަޝިޕްގެ ބޭފުޅުން އެކުގައި ނުކުންނަވައި ކެމްޕެއިން ފެށީ އިއްޔެ އެވެ. އެކަމަކު ދެއްކޭނެ މާ ގިނަ ވާހަކަތަކެއް ނެތެވެ. ބައެއް އިދިކޮޅު މީހުން އެ މީހުންނާ ދިމާ އަށް ބުނި ކަމަށް ވަނީ "މުޅި ގައުމު ދަވާލައިފައި ދެން ކޮން ވޯޓެއް ހޯދަން އައިސް ހެއްޔޭ" އެވެ.

އިދިކޮޅުން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓުންނަށް ބައެއް ފަހަރު ދިމާވަނީ ހަމަ މިކަހަލަ ސުވާލުތަކެކެވެ. ފަސް އަހަރު ވަންދެން މާލެ ތަރައްގީކުރަން ހިތަކަށް ލިބިފައި އޮއްވައި، އެކަން ނުކުރައްވައި ދެން މިހާރު ދައްކަވަނީ ކޮން ވާހަކައެއްތޯ އެވެ؟ މިހާރު ވެ ވަޑައިގަންނަވާ ވައުދުތަކާ އެއްގޮތަށް އޭރު ކަންކަން ނުކުރެއްވީ ކީއްވެތޯ އެވެ؟ އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ވަނީ ހަމަ މި ސުވާލުތަކާ އެކު ހޫނުފެނަށް ވެއްޓިފަ އެވެ.

އެމްޑީޕީ އަށް ޖެހޭ ހާލު އަދި މާ ގޯހެވެ. ލޯކަލް ކައުންސިލަށް އެމްޑީޕީ ކުރިމަތިލި އިރު، އެ ޕާޓީގެ އަގުލަބިއްޔަތު އޮތް ސަރުކާރެއް ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ސަރުކާރަށް ފަހު، ދެން އައީ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލިސްގެ މެޖޯރިޓީ ހޯދަން އޭރު އެމްޑީޕީން ދެ ވާހަކައެއް ދެއްކި އެވެ. އޭގެ ތެރެއިން އެއް ވާހަކަ އަކީ ކޯލިޝަން ސަރުކާރެއް އޮވެ ކަންކަން ކުރަން އުނދަގޫވާތީ، މަޖިލީހުގެ މެޖޯރިޓީ ދިނުމެވެ. ވައުދު ފުއްދޭނީ އޭރުން ކަމެވެ. އަނެއް ވާހަކަ އަކީ އިދިކޮޅަށް މެޖޯރިޓީ ދީގެން ސަރުކާރު ހިންގަން ދަތިވާނެ ވާހަކަ އެވެ.

އިދިކޮޅު ފަރާތްތައް އިއްޔެ ލޯކަލް ކައުންސިލް ކެމްޕެއިންގައި: ދައްކާނެ މާ ގިނަ ވާހަކައެއް ނެތް

އިދިކޮޅު ފަރާތްތައް އިއްޔެ ލޯކަލް ކައުންސިލް ކެމްޕެއިންގައި: ދައްކާނެ މާ ގިނަ ވާހަކައެއް ނެތް

ރައްޔިތުންގެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކާ އެކު އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނެވެ. އެކަމަކު ސަރުކާރަށް ތިން އަހަރު ވާއިރު، އަސާސީ ވައުދުތަކުން ފުއްދުނީ ކިތައް ވައުދުތޯ، މިހާރު އާންމުން ވަނީ އަހަން ފަށައިފަ އެވެ. ސަބަބަކީ، ލޯކަލް ކައުންސިލަށް އެމްޑީޕީން އަނެއްކާ ވެސް އާ ވައުދުތަކެއް ވަމުން ގެންދާތީ އެވެ.

"ބަދިގެ އާއި ކާގެ އާއި ކޮޓަރި އެއްތަންވެ، 250 ފޫޓުގެ ތަންކޮޅަކަށް ދިރިއުޅުން 'ކުރުގެޅިފައިވާ' 17،000 އާއިލާއެއް މާލޭގައި އުޅެ އެވެ. މީގެ ތެރެއިން ދިގު މުއްދަތެއްގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށް ވެސް ބޯހިޔާވަހިކަމެއް މިލްކުކުރުމުގެ ގާބިލްކަން ނެތް 3،000 އާއިލާއަކަށް ކައުންސިލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ،" އެމްޑީޕީން އަލަށް ވި އެއް ވައުދުގެ ތެރޭގައި ހިމެނެ އެވެ.

"މާލޭ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓު އަޅައި، ތިރީގައިވާ މިންވަރަށް އާއިލާތަކަށް އެއިން ފުރުސަތު ދޭނެ އެވެ."

ބޯހިޔާވަހި ކަމުގެ ވައުދަކީ އާ ވައުދެއް ނޫނެވެ. ކޮންމެ އިންތިހާބަކާ އެކު މި ދެންނެވި 17،000 އާއިލާ ކުރުގެޅިގަނެގެން ދިރިއުޅޭ ވާހަކަ އެމްޑީޕީން އަބަދު ވެސް ދައްކަ އެވެ. މިފަހަރު ވެސް މިއޮތީ ހަމަ އެ ވައުދެވެ. އެކަމަކު އެ މީހުން އެ ހާލަތުގައި މާލޭގައި ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އެމްޑީޕީގެ އެއް ސަރުކާރު ނިމި، އަނެއް ސަރުކާރުގެ ގިނަ ދުވަސްތައް މާޒީވެގެން ދިޔައިރު އެ ވައުދު އޮތީ އޮތްތާނގަ އެވެ. އާންމުން އެކަން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ!

"ތިޔަ 17،000 އާއިލާ އެހެން ތިއްބާ ފްލެޓްތައް ވެސް ގާތް މީސްމީހުންނަށް ދެނީ... އެ މީހުން ތިބެނީ ތިބޭތާނގައި. ހީވަނީ ހާލުގައި ޖެހިފައި ތިބި އެ ބުނާ 17،000 އާއިލާ އަކީ ކެމްޕެއިންގެ ޓޫލެއްހެން. އުމުރު ހުސްވަނީ... އެ 17،000 އާއިލާއެއްގެ ވާހަކަ ނުދައްކާ އިލެކްޝަނެއް ނުދޭ،" 'މިހާރު' އަށް މީހަކު ފޮނުވާފައި އޮތް ކޮމެންޓެއްގައި ވެ އެވެ.

ހަގީގަތުގައި ވެސް ބޯހިޔާވަހިކަމުގެ ވާހަކަތަކަކީ ކެމްޕެއިންގެ ޓޫލެކެވެ. އެ ހަތިޔާރު ކޮންމެ ޕާޓީއަކުން ވެސް ބޭނުންކުރެ އެވެ. ހާއްސަކޮށް ދައުރު ނިމޭ ހިސާބުގައި ފްލެޓްތަކުގެ ވާހަކަތަކުގެ އަޑު ގަދަވެ އެވެ. ބައެއް އިމާރާތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ބިންގާ އަޅާ ތަން ވެސް ފެނެ އެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި އިމާރާތެއް ނިމެނީ އަހަރަކު ޝީޓެއް އަޅައިގެންނެވެ.

ރަށެއްގައި "ރަށްވެހި ފަތިސް" ކެމްޕެއިން ކުރަނީ: ގިނަ ވައުދުތައް ނުފުއްދޭ

ރަށެއްގައި "ރަށްވެހި ފަތިސް" ކެމްޕެއިން ކުރަނީ: ގިނަ ވައުދުތައް ނުފުއްދޭ

ސިޔާސީ މީހުންގެ ކެމްޕެއިން ހަތިޔާރު އާންމުންނަށް މިހާރު އެނގެ އެވެ. މިހާރު އޮތް ހާލަތަށް ބަލާއިރު، ކެމްޕެއިންގައި އެމްޑީޕީ އަށް ދެއްކޭނެ މާ ގިނަ ވާހަކައެއް ނެތެވެ. ވައުދެއް ވާން ބަލާއިރު، އެތައް ވައުދެއް އޮތީ ނުފުއްދި އެވެ. އަނެއްކޮޅުން އިދިކޮޅަށް ވެސް ރައްޔިތުންނަށް ދެން ދެއްކޭނެ ދަޅައެއް ނެތެވެ. ފަސް އަހަރު ބާރުގައި ވެރިކަން ކުރި އިރު، ރައްޔިތުންނަށް ނުކޮށްދެވުނު ކަމެއް ދެން ކޮށްދެވޭނެ ކަމަކަށް ވެސް ރައްޔިތުން މިހާރު ގަބޫލެއް ނުކުރެ އެވެ. އެ ސަރުކާރުގެ ފަސް އަހަރުގެ ވައުދު ފުނި ވެސް އޮތީ އޮތްތާނގަ އެވެ.

"މަތިމައްޗަށް ވައުދުތައް ވެގެން ސަޅި ބައިސާ ކަނޑަން ހަދާނެ ކަމެއް ނެތް. ވައުދު ފުއްދާފައި ވޯޓު ހޯދަން އާދޭ. މިހާރު ތި ދައްކާ ވާހަކަ ރައްޔިތުން ދެން ގަބޫލެއް ނުކުރާނެ. މިއީ މައުމޫނުގެ ޒަމާނެއް ނޫން،" އާންމު މީހަކު ފާޅުކޮށްފައި އޮތް ހިޔާލެއްގައި ވެ އެވެ.

ހަގީގަތުގައި ވެސް އާންމުން މިހާރު ވަރަށް ހުޝިޔާރެވެ. ވައުދުތަކެއް ވިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެ ނުވެއް ފުއްދެ އެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވީ ބޮޑެތި ވައުދުތައް އެ މީހުންގެ ހަނދާނުގައި އެބަހުއްޓެވެ. ބޯހިޔާވަހިކަމަށް އުންމީދުކުރި މީހުން ތިބީ އޭގެ އިންތިޒާރުގަ އެވެ. ޖީބަށް ފައިސާ ވަންނާނެ ކަމަށް ބުނެ މަސްވެރިންނަށާއި ދަނޑުވެރިންނަށް ދެއްކި ހުވަފެންތައް އެ މީހުންގެ ހިތަކުން ނުފިލާނެ އެވެ. މިއީ އެ މީހުންގެ ކައިރިއަށް ގޮސް، އިދިކޮޅުން ވިޔަސް، އަދި މިހާރު އޮތް ސަރުކާރުން ވިޔަސް އިތުރަށް ވާހަކަ ދެއްކެން އޮތް، އަދި ވެވެން އޮތް ވައުދެއް ނޫނެވެ.

ރައްޔިތުން މިހާރު ވައުދުތައް މަތިން ފޫހިވެދާނެ އެވެ. އެހާ ބައިވަރު ވައުދު ހަމައެކަނި މި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ވެއްޖެ އެވެ. އެކަމަކު ރާއްޖެ އަދިވެސް އޮތީ އޮތް ހާލަތުގަ އެވެ. -- އެއްކަލަ 17،000 އާއިލާއެކޭ އެއްގޮތަށް، ހަމަ ހާލުގަ އެވެ.