Roadha Mihaaru
ކެނެޑާ ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ޑޮލަރު ދީފި

ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޑޮލަރު ދީފި

06 އެޕްރީލް 2021

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެއް މިލިއަން ޑޮލަރު ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެއް މިލިއަން ޑޮލަރު ދީފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށާއި ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތައިލުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކެނެޑާ ސަރުކާރުން އެއް މިލިއަންް ޑޮލަރު ދީފައިވާ ކަމަށެވެ.

ކެނެޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ޕްރޮޖެކްޓް އިފުތިތާހު ކުރަން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ކެނަޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މެޑިކަލް ވޭސްޓް މެނޭޖްމަންޓް މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދާނެ އެވެ. މިހާރު އެ ހިދުމަތް ގާއިމްކޮށްފައިވާ އަތޮޅުތަކުގެ އިތުރުން 10 އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީ ބުނިގޮތުގައި، ސިއްހީ ހިދުމަތް ދިނުމަށް ބޭނުންްކުރާ ސާމާނު ރަނގަޅު ގޮތުގައި ނައްތައިލުމަކީ ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތަކުންނާއި އެހެނިހެން ޖަރާސީމުތަކުން ރައްކާތެރިވުމަށް މުހިއްމު ކަމެކެވެ. އެ ހިދުމަތާއެކު ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުންނަށް ވެސް އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީއާއެކު ރާއްޖެއިން ނޭޝަނަލް ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީއެއް ވަނީ އެކުލަވާލައިފަ އެވެ. ހެލްތު ކެއާ ވޭސްޓް ނައްތައިލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.