Roadha Mihaaru
ވަރުންގެ ފަރާތުން އެއްލައްކަ ރުޕީސްގެ އެހީއެއް

ވަރުން ދަވަންގެ ދެމަފިރިންގެ ފަރާތުން އެއްލައްކަ ރުޕީސްގެ އެހީއެއް ދީފި

07 އެޕްރީލް 2021

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަނާއި އަންހެނުން ނަތާޝާ ދަލާލްގެ ފަރާތުން އިންޑިއާގެ އަރުނަޗަލް ޕްރަދޭޝް ސްޓޭޓަށް އެއްލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަނާއި އަންހެނުން ނަތާޝާ ދަލާލްގެ ފަރާތުން އިންޑިއާގެ އަރުނަޗަލް ޕްރަދޭޝް ސްޓޭޓަށް އެއްލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.

އެ އެހީއާ އެ ސްޓޭޓްގެ ލޯވާ ސުބާންސިރީ ޑިސްޓްރިކްޓްގެ ފަރާތުން ހަވާލުވީ ޑެޕިއުޓީ ކޮމިޝަނަރު ސޯމްޗާ ލޮވަންގެވެ.

ވަރުންގެ ދެމަފިރިންގެ ފަރާތުން ދިން އެހީ އަކީ މިދިޔަ ހޮނިހިރު އަރުނަޗަލްގެ ލޮންގްލިއަން ޑިސްޓްރިކްޓް ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި 100 އެއްހާ ގެ އަނދައި އަޅިއަށްވެފައިވާތީ އެކަމުގެ ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އަލިފާނުގެ ހާދިސާއާ ގުޅިގެން 50 އާއިލާއެއް ހާލުގައި ޖެހިފައިވެ އެވެ.

މި ހާދިސާ ހިނގި އިރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަރުން އަންނަނީ އަރުނަޗަލް ޕްރަދޭޝްގެ އެކި ހިސާބުތަކުގައި ފިލްމު "ބޭޅިޔާ" ގެ މަންޒަރުތައް އަންނަނީ ނަގަމުންނެވެ. ދެހާސް އަށާރައިގެ ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު އަމަރް ކޯޝިކް ހަދާ މި ފިލްމުގެ ޝޫޓިން އަށް ވަރުން ދިޔައީ އަންހެނުން ނަތާޝާ ވެސް ގޮވައިގެންނެވެ. އެ ތަނުގައި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު ވަރުން އާއި ނަތާޝާ ކައިވެނި ކުރީ ޖެނުއަރީ މަހުގެ 24 ގަ އެވެ.

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ބޭޅިޔާ" އަކީ ވަރުން އާއި ކްރިތީ ސެނަން ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. ދެ ތަރިން ކުރިން 2015 ގެ "ދިލްވާލޭ" ގައި މަސައްކަތްކޮށްފައިވެ އެވެ.