Roadha Mihaaru
އެމްޑީޕީގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ: އަނަސް

ބަލި ގަބޫލުކޮށްފިން، މާލޭގެ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ: އަނަސް

11 އެޕްރީލް 2021

މާލޭގެ ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އެމްޑީޕީގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ވިދާޅުވެ، ބަލި ގަބޫލު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އެމްޑީޕީގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ވިދާޅުވެ، ބަލި ގަބޫލު ކުރައްވައިފި އެވެ.

މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ އެހީތެރިކަމާއެކު، ކުރި ބޮޑު ކެމްޕެއިންގައި އިދިކޮޅު ކެންޑިޑޭޓް ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒުގެ އަތުން އަނަސް އަށް ނާކާމިޔާބުވީ ބޮޑު ތަފާތަކުންނެވެ. އަނަސް އަށް 5،500 ވޯޓު ހޯއްދެވުނުއިރު، އޭނާގެ ޓީމުން އެންޓި ކެމްޕެއިން އަމާޒުކުރި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒަށް 9،300 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

އެ ބޮޑު ނާކާމިޔާބީއަށް ފަހު އަނަސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭގެ ރައްޔިތުން ބަސް އިއްވާފައިވާ ކަމަށެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި އަނަސް ވަނީ މޭޔަރުކަން ހޯއްދެވި ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަނަސްގެ ޓުވީޓް

އޭނާ ވިދާޅުވީ ވޯޓުގެ ނަތީޖާއަށް ބަލައި، މާލޭގެ ރައްޔިތުންގެ ތާއީދު ހޯދަން ބޭނުން ނަމަ އެމްޑީޕީގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ވޯޓު ދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޓްވީޓު ނިންމަވާލައްވަމުން އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު ވުޖޫދުވި ފަހުން އިއްޔެ ބާއްވާފައިވަނީ ހަތަރު ވަނަ ލޯކަލް އިންތިހާބެވެ. މިއީ، މާލޭގެ މޭޔަރުކަމާއެކު އެ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ވެސް އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން، އެމްޑީޕީން "ރަސްކަން" ކުރަމުން ދިޔަ އައްޑޫ ސިޓީ ކައުންސިލްގެ ސުޕާ މެޖޯރިޓީ ވެސް އެ ޕާޓީ އަށް ގެއްލިފައި ވެ އެވެ.