Roadha Mihaaru
އެމްޑީޕީގެބާރު އޮތް އިހަވަންދޫ ވެސް ޕީޕީއެމަށް

އެމްޑީޕީގެ ބާރު އޮތް އިހަވަންދޫ ވެސް ޕީޕީއެމަށް

11 އެޕްރީލް 2021

މިހާތަނަށް އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ހއ. އިހަވަންދޫ ކައުންސިލްގެ ސުޕާ މެޖޯރިޓީ އިދިކޮޅު ޕީޕީއެމުން ނަގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިހާތަނަށް އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ހއ. އިހަވަންދޫ ކައުންސިލްގެ ސުޕާ މެޖޯރިޓީ އިދިކޮޅު ޕީޕީއެމުން ނަގައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރު ދައްކަމުން އައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނަގާފައި ވަނީ ވެސް ޕީޕީއެމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން، މާލޭގެ މޭޔަރުކަމުގެ ގޮނޑި ހިމެނޭ ގޮތަށް މިހާތަނަށް 12 ގޮނޑިއެއް ނަގާފައި ވަނީ އެ ޕާޓީންނެވެ.

އިހަވަންދޫ ކައުންސިލްގައި އެމްޑީޕީގެ ފަސް މެމްބަރުން ކުރިން ތިއްބެވި ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓުންނެވެ.

އިހަަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބު ކުރަން ފެށީއްސުރެ އެ ރަށުގައި އެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ހޮވިއްޖެ ނަމަ އޭގެ ފަހުގެ އިންތިހާބެއްގައި ހޮވިފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ކައުންސިލަށް ލިބުނުއިރު ދެން އޮތް އިންތިހާބުގައި ސުޕަ މެޖޯރިޓީ ލިބުނީ ޕީޕީއެމަށެވެ. އަދި ތިން ވަނަ އިންތިހާބުގައި އެމްޑީޕީއަށް އެ ކާމިޔާބީ ލިބުނުއިރު މިފަހަރު އިންތިހާބު ކާމިޔާބުވީ ޕީޕީއެމަށެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން ގޮތް ނިންމަނީ އެގޮތަށެވެ. ނަމަވެސް ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީ އެވެ.

އިހަވަންދޫގެ އިތުރުން އެމްޑީޕީ އަށް މިހާތަނަށް ބޮޑު ތާއީދެއް އޮންނަ ރ. ހުޅުދުއްފާރު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް ނެގީ ޕީޕީއެމުންނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ ހއ. އަތޮޅުގެ ޖުމުލަ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެމްޑީޕީ ވަރަށް ވަރުގަދަކޮށް އޮތް އިހަވަންދޫގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން ތިން ގޮނޑިއެއް ވެސް ނެގީ ޕީޕީއެމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ގއ. އަތޮޅާއި ގދ. އަތޮޅުން ވެސް ކުރީގައި އުޅެނީ ޕީޕީއެމެވެ. ބޮޑެތި ސަރަހައްދުތަކުން އެމްޑީޕީއަށް ނޫނެކޭ ބުނެފައި ވަނީ މި ސަރުކާރަށް ދެ އަހަރާއި ބައިވިއިރު ވެސް ރައްޔިތުންނަށްވި ވައުދުތައް ފުއްދާފައި ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ނަތީޖާ އިން ސާފުވާ އަނެއް ކަމަކީ ރައީސް އަބްދުﷲ ޔާމީނަށް ދެމުން ގެންދާ އަނިޔާގެ ސަބަބުން މި ސަރުކާރާ މީހުން ދެކޮޅުވުން ކަމަށެވެ.