Roadha Mihaaru
އަޖޭ ޑައިރެކްޓްކުރާ "މޭޑޭ" މަޑުޖައްސާލައިފި

އަޖޭ ދޭވްގަން ޑައިރެކްޓްކުރާ "މޭޑޭ" މަޑުޖައްސާލައިފި

12 އެޕްރީލް 2021

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ މަސައްކަތް މަޑުޖައްސާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ މަސައްކަތް މަޑުޖައްސާލައިފި އެވެ.

މީޑިއާތަކުން ބުނީ މިހާތަނަށް ފިލްމުގެ ދެ ޝޫޓިން ޝެޑިއުލެއް ނިންމާލައި، ތިން ވަނަ ޝެޑިއުލަކަށް ތައްޔާރުވަމުން ދަނިކޮށް އޭގެ މަސައްކަތް މި ވަގުތަށް ކުރިއަށް ނުގެންދަން ނިންމީ މަހާރަޝްތުރާ ސްޓޭޓް ލޮކްޑައުންއެއްގައި އޮތުމާ އެކު ދަތުރުފަތުރުކުރުމަށް ހުރަސްތަކެއް ހުރުމާ ގުޅިގެންނެވެ. ލޮކްޑައުންގައި އޮތަސް ހާއްސަ އުސޫލުތަކެއްގެ ދަށުން ފިލްމުތަކުގެ ޝޫޓިން ކުރިއަށް ގެންދެވޭނެ އެވެ. އެކަމަށް ހާއްސަ ގައިޑްލައިންތަކެއް ވެސް ހަދާފައިވެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "މޭޑޭ" ގެ މަސައްކަތް މި ދަނޑިވަޅުގައި ކުރިއަށް ނުގެންދަން ނިންމި އިރު މި މަހުގެ ފަހުކޮޅު ތިން ދުވަހުގެ ޝޫޓިން ޝެޑިއުލްއަކަށް ފިލްމުގެ ކާސްޓާއި ކްރޫ ދޯހާ އަށް ވެސް ދާން ހަމަޖެހިފައި އޮތް ކަމަށެވެ. އެކަމަކު އެ ދަތުރު ކެންސަލްކޮށް، ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، ޝެޑިއުލް ފަހުން ކުރިއަށް ގެންދާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އަޖޭ ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ވެސް ކުޅޭ "މޭޑޭ" ގައި އޭނާ ފެންނާނީ ޕައިލެޓެއްގެ ރޯލުންނެވެ. އަދި ޒުވާން ބަތަލާ ރަކުލް ޕްރީތު ވެސް ކުޅެނީ ޕައިލެޓެއްގެ ރޯލެވެ. އަމީތާބް ބައްޗަނަކީ ފިލްމުގައި ވަކީލެކެވެ.

"މޭޑޭ" ބިނާކޮށްފައި ވަނީ ދޯހާ އިން ކޮޗީ އަށް 2015 ގައި ކުރި ދަތުރެއްގެ ތެރޭގައި ވިޒިބިލިޓީ ދަށްވެގެން ފްލައިޓެއް ޑައިވާޓްކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގެ މައްޗަށެވެ. މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 22 ގަ އެވެ.

އަޖޭ، 52، އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "ޝިވާއޭ" އެވެ. އޭނާގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭގެ ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަމިތު ޝަރުމާގެ "މައިދާން" އަދި އަބީޝެކް ދުދައްޔާގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ހިމެނެ އެވެ.