Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

04 ޑިސެމްބަރ 2020

އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" އަށް އިތުރު ބަތަލާ އަކު ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" އަށް އިތުރު ބަތަލާ އަކު ސޮއިކޮށްފި އެވެ.

ކުރިން މި ފިލްމުގައި ޕައިލެޓެއްގެ ރޯލަށް ރަކުލް ޕްރީތު ސިންގް ސޮއިކޮށްފައިވާ އިރު، މި ފަހަރު ސޮއިކުރި ބަތަލާ އަކީ އަންގިރާ ދާރެވެ. އޭނާ އަކީ މިދިޔަ އަހަރު ރިލީޒްކުރި "ކޮމާންޑާ 3" ގެ އެއް ބަތަލާ އެވެ. "މޭޑޭ" ގައި އަންގިރާ ކުޅޭނީ ވަކީލެއްގެ ރޯލެވެ.

މި މަހުގެ ތެރޭގައި ހައިދަރުއާބާދުގައި ޝޫޓިން ފަށާ މި ފިލްމުގެ ލީޑް އެކްޓަރުންނަކީ އަޖޭ އާއި އަމީތާބް ބައްޗަނެވެ. "މޭޑޭ" ގެ ޕްރޮޑިއުސަރަކީ ވެސް އަޖޭ އެވެ.

މީގެ ކުރިން އަޖޭ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2016 ގެ "ޝިވާއޭ" އާއި 2008 ގެ "ޔޫ މީ އޯރް ހަމް" ހިމެނެ އެވެ.

"މޭޑޭ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން ދިޔަ ނަމަވެސް މި ފިލްމު ސިނަމާތަކަށް ގެންނާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޕްރަބާސް އަށް އިތުރު ފިލްމެއް

މިހާރު ވެސް އަތުގައި ބޮޑު ތިން ފިލްމެއް އޮތް މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސް އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިހާރު ޕޯސްޓަރު ވެސް ދައްކާލާފައިވާ ފިލްމުގެ ނަމަކީ "ސަލާރު" އެވެ. މީގެ ޑައިރެކްޓަރަކީ މިހާރު ހަދަމުން އަންނަ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް އެވެ. ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމި ނަމަވެސް "ސަލާރު" އާ ބެހޭ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.

"ބާހްބަލީ" ގެ ފިލްމުތައް ކުޅެގެން މަޝްހޫރުވި ޕްރަބާސްގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި "ރާދޭ ޝާމް" އާއި އަމީތާބް ބައްޗަނާއި ދީޕިކާ ޕަދްކޯނާ އެކު ކުޅޭ އަދި ނަން އިއުލާން ނުކުރާ ފިލްމަކާއި ސައިފް އަލީ ޚާނާ އެކު ކުޅޭ ޑައިރެކްޓަރު އޯމް ރައުތުގެ "އާދިޕުރުޝް" ހިމެނެ އެވެ.

ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ސާހޯ" އެވެ.

ރާދިކާގެ "އަ ކޯލް ޓު ސްޕައި" އެމެޒޯނަށް

އިންޑިއާގެ ބަތަލާ ރާދިކާ އަޕްޓޭ މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "އަ ކޯލް ޓު ސްޕައި" މި މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި އެމެރިކާގެ ބައެއް ސިނަމާތަކުގައި ވެސް އެޅުވި މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގެ ވާހަކައެއް ކިޔައިދޭ ހިސްޓޮރިކަލް ޑްރާމާއެކެވެ. ލީޑިއާ ޑީން ޕިލްޝާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސާރާ މޭގަން ތޯމަސް އާއި ސްޓާނާ ކެޓިކް އަދި ސެމުއެލް ރޯކިން ފަދަ ތަރިން ހިމެނެ އެވެ.

ރާދިކާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ބަދުލާޕޫރް" އާއި "އަންދާދުން" ފަދަ ފިލްމުތައް ހިމެނެ އެވެ.

"ގޯލްޑްފިޝް" ގައި ނީނާ އާއި ކަލްކީ

ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފައްދަން ހަދާ "ގޯލްޑްފިޝް" ކިޔާ އިންޓަނެޝަނަލް ފިލްމަކަށް އިންޑިއާގެ ދެ ބަތަލާއަކު ސޮއިކޮށްފި އެވެ.

ބްރިޓިޝް-އެމެރިކަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައި، ސްޕްލެންޑް ފިލްމްސް ޔޫއެސްއޭ އިން ޕްރޮޑިއުސްކުރާ ފިލްމުގެ ބަތަލާއިންނަކީ ނީނާ ގުޕްތާ އާއި ކަލްކީ ކޮއެޗްލިން އެވެ. "ގޯލްޑްފިޝް" ލިޔެ، ޑައިރެކްޓްކުރަނީ ޕުޝަން ކިރްޕަލާނީ އެވެ. އޭނާ ބުނިގޮތުގައި މަޔަކާއި އަންހެން ދަރިއެއްގެ ގުޅުން ދައްކުވައިދޭ ގޮތަށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ ކަލްކީ އާއި ނީނާ އަށް ހާއްސަކޮށެވެ.

"ބަދާއީ ހޯ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ލިބުނު ނީނާ މިހާރު އަންނަނީ "ޑަޔަލް 110" ކިޔާ ސަސްޕެންސް ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. ކަލްކީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ދޭވް ޑީ" އާއި "ޝައިތާން" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ޔެ ޖަވާނީ ހެ ދިވާނީ" ހިމެނެ އެވެ.

"ގޯލްފިޝް" ޝޫޓްކުރާނީ އަންނަ އަހަރުގެ ކުރީކޮޅު ލަންޑަނުގަ އެވެ.