Roadha Mihaaru
ވަސް މީރު، ރަހަ މީރު އަދި ފައިދާތައް ގިނަ އަލަނާސި

ވަސް މީރު، ރަހަ މީރު އަދި ފައިދާތައް ގިނަ އަލަނާސި

15 އެޕްރީލް 2021

އަލަނާސި އަކީ އޭގެ ވަހުން އެކަނި ވެސް ހިތްފުރައިލަދޭ މޭވާއެކެވެ. ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ގެންނަން ބޭނުން ނަމަ ހޫނު ދުވަހެއްގައި ވެސް ކަރު ތެންމާލަން އަލަނާސި ޖޫސްތައްޓަކުން އެކަން ވަރަށް ފުރިހަމަ އަށް ހާސިލުކުރެވިދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަލަނާސި އަކީ އޭގެ ވަހުން އެކަނި ވެސް ހިތްފުރައިލަދޭ މޭވާއެކެވެ. ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ގެންނަން ބޭނުން ނަމަ ހޫނު ދުވަހެއްގައި ވެސް ކަރު ތެންމާލަން އަލަނާސި ޖޫސްތައްޓަކުން އެކަން ވަރަށް ފުރިހަމަ އަށް ހާސިލުކުރެވިދާނެ އެވެ.

ރާއްޖެއިން ވެސް ފަސޭހައިން ލިބެން ހުންނަ އަދި ރާއްޖޭގައި މަދުން ނަމަވެސް ހައްދާ ބާވަތްތަކުގެ ތެރޭގައި އަލަަނާސި ހިމެނެ އެވެ. އެހެންވެ ސުފުރާ މައްޗަށް އަލަނާސި އިތުރުކޮށް، ކެއުމުގެ ތެރޭގައި މިއީ އެތައް ގޮތަކުން ބޭނުންކުރެވިދާނެ އެއްޗެކެވެ. ޖޫހާއި ސްމޫތީގެ އިތުރުން އެކި ބާވަތްތަކުގެ ކާނާ ތައްޔާރުކުރާ އިރު ވެސް އަަލާނާސި ބޭނުންކުރެވިދާނެ އެވެ. އޭގެ ތެރޭގައި، ހާއްސަކޮށް ފޮނިކާތަކެއްޗާއި ސެލަޑް ހިމެނެ އެވެ. ހަމަމިއާ އެކު އަލަނާސި އަކީ ކޮށާލައިގެން ތާޒާކޮށް ކާލަން ވެސް އެއް ވަނައިގެ މޭވާއެކެވެ.

މިއީ ސިއްހީ ގޮތުން ވެސް އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެކެވެ. ހުތްފޮނި ރަހަ މީރު އަދި ވަސްމީރު މި މޭވާ އަކީ ކެލަރީ އެހާމެ ދަށް، އެކަމަކު ސިއްހަތަށް ބޭނުންވާ އެތައް ނިއުޓިރިއަންޓާއި އެންޓިއޮކްސިސަންޓްސް މުއްސަނދި މޭވާއެކެވެ.

އަލަނާސިން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ރައްކާތެރިކޮށް ދިނުމާއި ދިފާއީ ނިޒާމި ވަރުގަދަކޮށް ދިނުމާ އެކު އާންމުކޮށް ދިމާވާ އެކި ބަލިތަކުން ދުރުކޮށް ދިނުމާއި ކެންސަރަށް މަގުފަހިވާ ކަންކަމަށް ހުރަސް އެޅުމާއި އާތުރައިޓްސްގެ ސަބަބުން ހަށިގަނޑަށް ދިމާވާ މައްސަލަތަކަށް ލުއިކަން ހޯދައިދިނުން ހިމެނެ އެވެ.

އަލަނާސި އަކީ ބުރަ ކަސްރަކަށް ފަހު ވެސް ކެއުމުން ހަކަތަ އިތުރުކޮށްދޭ، އޮޕަރޭޝަނެއް ކޮށްގެން އުޅޭ ހާލަތެއްގައި ޒަހަމްތައް އަވަހަށް ފަސޭހަކޮށްދޭން ވެސް ބާރު އަޅާ މޭވާއެކެވެ. އެހެންވެ އަލަނާސި އަކީ ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ.

ޖޯޑެއްގެ މިންވަރު ހުންނަހާ އަލަނާސި ދުވަހުގެ ނާސްތާގެ ތެރޭގައި ހިމެނޭ ނަމަ ހަށިގަނޑަކަށް އެ ދުވަހަކަށް ބޭނުންވާ މުހިއްމު އެތައް މާއްދާއް ލިއްބައި ދޭނެ އެވެ. އޭގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ އެވެ.

އަލަނާސިގެ ޖޯޑެއްގެ މިންވަރުން އެއް ގްރާމް ޕްރޮޓީން ލިއްބައިދޭ އިރު، ފެޓްގެ ނިސްބަތަކީ 1.7 ގްރާމެވެ. ކެލޮރީގެ ނިސްބަތަކީ 82.5 އެވެ. މިއާ އެކު ކާބްގެ ގޮތުގައި 21.6 ގްރާމް އަދި ފައިބަރުގެ ގޮތުގައި 2.3 ގްރާމް ލިއްބައިދޭނެ އެވެ. މީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން ބީ6، މެގްނީޒިއަމް، ޕޮޓޭސިއަމް، މެގްނީޒް އަދި އަޔަން ފަދަ މުހިއްމު މާއްދާތައް އަލަނާސިން ލިއްބައި ދޭނެ އެވެ.