Roadha Mihaaru
ޒީޓީވީ އަށް ކޮމެޑީ ޝޯއެއް ގެންނަނީ

ޒީޓީވީ އަށް ކޮމެޑީ ޝޯއެއް ގެންނަނީ

16 އެޕްރީލް 2021

އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ކޮމެޑީ ޝޯތައް އާންމުންގެ ތެރޭގައި އަބަދު ވެސް ވަރަށް މަގުބޫލެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޝޯ އަކީ ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ކޮމެޑީ ޝޯތައް އާންމުންގެ ތެރޭގައި އަބަދު ވެސް ވަރަށް މަގުބޫލެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޝޯ އަކީ ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އެވެ.

މި ފަހުން ސްޓާ ޕްލަަސް އިން ވެސް "ކޮމެޑީ އައްޑާ" ކިޔާ ޝޯއެއް ގެނެސްދޭން ފަށާފައިވާ އިރު، ރިޕޯޓްތައް މިހާރު ބުނާ ގޮތުން ދިވެހިންގެ ތެރޭގައި މަގުބޫލު ޗެނެލްތަކުގެ ތެރޭގައި ހިނެނޭ ޒީޓީވީން ވެސް މިހާރު އަންނަނީ ކޮމެޑީ ޝޯއެއް ގެނެސްދޭން ތައްޔާރުވަމުންނެވެ.

މީޑިއާތަކުން ބުނީ މިހާރު ޕްލޭނިން ސްޓޭޖްގައި އޮތް ޝޯގެ ނަމަކީ "ކޮމެޑީ ކްލަބް" ކަމަށެވެ. އެއިން ފެންނާނެ ކަމަށް ބެލެވޭ ކޮމީޑިއަނުންގެ ތެރޭގައި "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ވެސް ކުރިން މަސައްކަތްކޮށްފައިވާ ސުގަންދާ މިޝްރާ ހިމެނެ އެވެ. އޭނާ އަކީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރާއި ބަތަލާ ކަންގަނާ ރަނާވަތު ކޮޕީގެން ބެލުންތެރިން ހެއްވައިލަން ކުޅަދާނަ ފަންނާނެކެވެ.

"ކޮމެޑީ ކްލަބް" އަށް އަންނާނެ ކަމަށް ބުނާ އަނެއް ފަންނާނަނީ ސޮނީގެ ކުރީގެ ކޮމެޑީ ޝޯ "ކޮމެޑީ ސާކަސް" ގެ އިތުރުން ވެސް އެތައް ޝޯއެއްގައި މަސައްކަތްކޮށްފައިވާ ސުދޭޝް ލެހެރީ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ޒީޓީވީގެ ޝޯ ފަށާނެ ކަމަށް ބެލެވެނީ ޖޫން މަހުގެ ފަހުކޮޅު އެވެ.

އެ ނޫހުން ބުނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ކޮންސެޕްޓަކަށް ހާއްސަކޮށް ޕޮޕް ކަލްޗާގެ ރަހަގަނޑު ގަދަކޮށް ގެނެސްދޭ ޝޯ އިން ޓީވީ އެކްޓަރު/ހޯސްޓް ޖޭ ބަނުޝާލީ އާއި ނެށުންތެރިޔާ ޕުނިތު ޕަތަކާއި ޓީވީ އެކްޓަރު ކަރަން ޕަޓޭލްގެ އިތުރުން ކޮމީޑިއަނުން ކަމަށްވާ ސިދާތު ސާގަރާއި ބަލްރާހް ސިއަލް ވެސް "ކޮމެޑީ ކްލަބް" އިން ފެންނާނެ އެވެ.