Roadha Mihaaru
އަދިތިޔާ ހޯސްޓްކުރުން ހުއްޓާލަނީ

"އިންޑިއަން އައިޑޮލް 12" އަށް ފަހު އަދިތިޔާ ހޯސްޓްކުރުން ހުއްޓާލަނީ

29 ޖުލައި 2021

ސޮނީ ޓީވީން މިހާރު ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 12 ނިންމައިލުމަށް ފަހު ދެން ޓީވީ ޝޯތައް ހޯސްޓްނުކުރާނެ ކަމަށް އެ ޝޯގެ ހޯސްޓް އަދިތިޔާ ނާރަޔަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން މިހާރު ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 12 ނިންމައިލުމަށް ފަހު ދެން ޓީވީ ޝޯތައް ހޯސްޓްނުކުރާނެ ކަމަށް އެ ޝޯގެ ހޯސްޓް އަދިތިޔާ ނާރަޔަން ބުނެފި އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ ހަމައެކަނި ދަރިފުޅު ބޮލީވުޑް ލައިފަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ ޝޯތައް ހޯސްޓްކުރުން ހުއްޓައިލަން ނިންމީ އޭނާ އަކީ ލަވަކިޔުންތެރިއަކަށް ވިޔަސް އެކަމަށް ސަމާލުކަން ނުދެވޭތީ ކަމަށެވެ. އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުންވި ނަމަވެސް ޓީވީ ޝޯތައް ހޯސްޓްކުރާތީ ގިނަ ބަޔަކު އޭނާ ދަންނަނީ ވެސް ހޯސްޓެއްގެ ގޮތުގައި ކަމަށް އަދިތިޔާ، 33، ބުންޏެވެ.

"ޝޯތައް ހޯސްޓްކޮށްގެން މީހަކަށް ލިބޭނެ ހުރިހާ ކުރިއެރުމެއް އަހަންނަށް މިހާރު ލިބިއްޖެ ކަމަށް ގަބޫލުރަނީ. މަޝްހޫރުކަމާއި ފައިސާ އިން އެކަން މިނާ ނަމަ މިހާރަކު ދެން އިތުރަކަށް ބޭނުން އެއްޗެއް ނެތް،" މި އަހަރުގެ ކުރީކޮޅު ކައިވެނި ވެސް ކުރި ފަންނާނު ބުންޏެވެ.

އޭނާ ބުނި ގޮތުގައިި ރަސްމީކޮށް ޓީވީ ޝޯތައް ހޯސްޓްކުރުމުގެ ތެރެއަށް ނުކުތީ ޒީޓީޒީގެ ލަވަ ޝޯ "ސާރޭގާމާޕާ" އިންނެވެ. އެއީ އުމުރުން 18 އަހަރުގަ އެވެ. އޭރު އެ ޝޯގެ ކޮންމެ އެޕިސޯޑަކުން އަދިތިޔާ އަށް 7،500 ރުޕީސް ލިބުނެވެ.

"އެއީ އޭރަށް ބަލާ އިރު ވަރަށް ބޮޑު އަދަދެއް. އަދި މިހާރު އަހަންނަށް ހޯސްޓްކޮށްގެން ކްރޯޑުން ފީ ލިބޭ. އެކަމަކު ދެން ބޭނުމެއް ނޫން ޓީވީ ޝޯތައް ހޯސްޓްކުރާކަށް. މިހެން ބުންޏަސް ބޮޑު އަގެއް ލިބޭ މަސައްކަތެއް ދޫކޮށްލަން ނިންމުމަކީ ރިހުން ވެސް ބޮޑު ކަމެއް،" އަދިތިޔާ ބުންޏެވެ.

އޭނާ ބުނީ ހޯސްޓްކުރުން ހުއްޓައިލަން ބޭނުންވާ މުހިއްމު ސަބަބުތަކުގެ ތެރޭގައި ލަވަކިޔުމާއި އަމިއްލަ މިއުޒިކް ލޭބަލް ކުރިއެރުވުމާއި އަމިއްލަ އުފެއްދުތައް ނެރުމަށް ފޯކަސްކުރުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ކޮންޓެންޓްގެ މުނިފޫހި އުފެއްދުންތައް ވެސް ހިމެނެ އެވެ.

"މިހާރު އަހަންނަކީ އަމިއްލަ މަސައްކަތުން ކުރިއަށް ދެވޭނެ ފެންވަރު ހުރި މީހެއް. އަހަރެންގެ އަސްލަކީ މިއުޒިކް. އެއާ ނުލައި އަހަންނަކަަށް ނޫޅެވޭނެ. އެހެންވީމަ ވަރަށް ބޮޑަށް ބޭނުން މިއުޒިކް ކެރިއަރަށް ވަގުތު ދީ އެކަމަށް ފޯކަސްކުރަން." ފިލްމު "ރާމް-ލީލާ" ގެ ހިޓް ލަވަ "ތަތަޅު ތަތަޅު" ގެ އަޑުގެވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީވީ ޝޯތަކާއި ލައިވް ޝޯތައް ފަދަ ކަންކަމަށް ވަގުތު މުޅިން ދޭތީ އަހަރަކު ދެ ތިން ފިލްމަކަށް ވެސް ލަވައެއް ކިޔައިލާކަށް ވަގުތެއް ނުވެ އެވެ. އެކަމަކު "އައިޑޮލް 12" ނިމުމާ އެކު ހޯސްޓްކުރުން ހުއްޓާލައި، އަމިއްލަ އެހެން މަސައްކަތްތަކަށް އެއްކޮށް ހުސްވާނެ ކަމަށް ބުންޏެވެ.

"އަމިއްލަ ކުރިއަށް ދާން މަސައްކަތްކުރާނެ ހުރިހާ ރިސޯސްއެއް އަހަރެންގެ އަތުގައި އެބަހުރި،" އަމިއްލަ ލޭބަލްގެ ދަށުން ވީޑިއޯ ލަވަތަލެއް ވެސް ނެރުނު އަދިތިޔާ ބުންޏެވެ. "މިއުޒިކް ދާއިރާ އިން އަހަރެން ކުރިއަށް ދާކަށް ވަކި ބައެއްގެ އަޅަކަށް ވެސް ވާކަށް ނުޖެހޭ. އަހަރެންގެ އަމިއްލަ މިނިވަންކަމުގައި އަމިއްލަ ލޭބަލާ އެކު ކުރިއަށް ދެވޭނެ. މިހާތަނަށް ގިނަ ބަޔަކު އަހަރެން ސިފަކުރީ ވަރަށް ނާކާމިޔާބު ލަވަކިޔުންތެރިއެއްގެ ގޮތުގައި. އެކަން ބަދަލުކުރަން ވަރަށް ބޭނުން."

އަދިތިޔާ ބުނި ގޮތުގައި މިހާރު ވެސް އޭނާގެ އަތުގައި ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޒީޓީވީން މި މަހުގެ 31 ގައި ފަށަން ހަމަޖެހިފައިވާ ކޮމެޑީ ޝޯ "ކޮމެޑީ ފެކްޓްރީ" ހިމެނެ އެވެ.

އަދިތިޔާ އަކީ ވަރަށް ކުޑައިރު ފިލްމު ކުޅެ، ފިލްމުތަކަށް ލަވަ ވެސް ކިޔައިދިން ފަންނާނެކެވެ. އަދި ބޮޑުވެގެން ވެސް އޭނާ އެކްޓަރެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރަން މަސައްކަތްކުރި އެވެ. އެކަމަކު ލީޑް އެކްޓަރެއްގެ ގޮތުގައި ކުޅުނު ހަމައެކަނި ފިލްމު 2010 ގެ "ޝާޕިތު" އަކީ ބޮޑު ފްލޮޕެކެވެ. އަދިތިޔާގެ އަންހެނުން ޝްވޭތާ އަގަރްވާލް އަކީ އެ ފިލްމުގެ ބަތަލާ އެވެ. އެ ދެ މީހުންގެ ލޯބި ފެށުނީ އެ ފިލްމުގެ ސެޓުންނެވެ.

"އިންޑިއަން އައިޑޮލް 12" ގެ ފިނާލޭ އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ. ސޮނީން ބުނި ގޮތުގައި މިއީ މިހާތަނަށް ބާއްވާ އެ ޝޯގެ އެންމެ ބޮޑު ފިނާލޭ އެވެ.