Roadha Mihaaru
ރޭޕް ކޭސް: ކުއްޖާ އުފުލާލައިގެން ގެންދަނިކޮށް ފެނުނު

ރޭގެ ރޭޕް ކޭސް: ދެ ފިރިހެނުން ކުއްޖާ އުފުލާލައިގެން ގޯޅިގަނޑަކަށް ވެއްދި މަންޒަރު ފެނުނު

17 އެޕްރީލް 2021

މާލޭގައި ރޭ އަންހެންކުއްޖަކު ރޭޕްކޮށްފައި ވަނީ، އެ ކުއްޖާ ހިނގާފައި ދަނިކޮށް، ދެ މީހަކު ގޮސް އެ ކުއްޖާ ގަދަކަމުން އުފުލާލައިގެން ގެއަކަށް ވެއްދުމަށް ފަހު ކަމަށް މަންޒަރު ދުށް މީހަކު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގައި ރޭ އަންހެންކުއްޖަކު ރޭޕްކޮށްފައި ވަނީ، އެ ކުއްޖާ ހިނގާފައި ދަނިކޮށް، ދެ މީހަކު ގޮސް އެ ކުއްޖާ ގަދަކަމުން އުފުލާލައިގެން ގެއަކަށް ވެއްދުމަށް ފަހު ކަމަށް މަންޒަރު ދުށް މީހަކު ބުނެފި އެވެ.

"ދެ ފަރާތުން ދެ މީހުން އައިސް ގަދަކަމުން ކޮނޑާއި ފައިގައި ހިފައި [އެ ކުއްޖާ] އުފުއްލާލައިގެން ގޯޅިގަނޑަކަށް ވެއްދީ،" މަންޒަރު ދުށް މީހާ "މިހާރު" އަށް ކިޔައިދިނެވެ.

އުމުރުން 18 އަހަރުން މަތީގެ އެ ކުއްޖާ ގަދަކަމުން ގެންދިޔައީ މާފަންނު ލެމަން ގްރާސް ރެސްޓޯރަންޓު ހުންނަ މަގުން ރޭގެ 8:20 ހާއިރު ހިނގާފައި ދަނިކޮށެވެ. ލެމަން ގްރާސްއާ ޖެހިގެން ހުންނަ އީދު މިސްކިތުގައި ތަރާވީހު ނަމާދަށް ގިނަ ބަޔަކު އޭރު ތިބީ މަގުމަތީގައި ސަފު ހަދާލައިގެނެވެ. މީހުންތައް މަގުމަތީގައި ނަމާދުކުރާތީ، ވަކި ހިސާބެއްގައި މަގު ބަންދުކޮށްލައިގެން ދެ ޓްރެފިކް ފުލުހުން ވެސް ތިއްބެވެ.

ރޭޕް ކުރަން އުޅުނު މަންޒަރު ދުށް މީހާ "މިހާރު" އަށް ބުނިގޮތުގައި އެތާ ކައިރިން ހިނގާފައި ދިޔަ އެ އަންހެންކުއްޖާއާ ދެ ފިރިހެނަކު ފުރަތަމަ ދިމާކޮށްލި އެވެ. ދެން ކުއްލިއަކަށް ފެނުނީ، އެ ކުއްޖާގެ ކޮނޑާއި ފައިގައި އެ ދެ ފިރިހެނުން ހިފައި އުފުއްލާލައިގެން ކައިރީ ހުރި ގޯޅިގަނޑަކަށް ވެއްދި ތަން ކަމަށް އޭނާ ބުންޏެވެ.

"އެ ކުއްޖާ ވަރަށް ބާރަށް ހަޅޭއްލެވި. އެ ގެ އަށް ވެއްދި އިރު ވެސް ހަޅޭކުގެ އަޑު ނުކެނޑޭ،" އޭނާ ބުންޏެވެ.

އެ އަންހެންކުއްޖާ ވެއްދި ގޭގެ ނަން ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. ނަމަވެސް މައްސަލައިގެ ބާވަތުންނާއި ފުލުހުންގެ ތަހުގީގުގެ އަލީގައި މައުލޫމާތުތައް އަދި ނުލިބޭތީ ގޭގެ އެޑްރެސް ނުޖެހީ އެވެ.

ހަޅޭކުގެ އަޑު އިވުނީ އެ ވަގުތު އީދު މިސްކިތުން ތަރާވީސް ނަމާދު ކޮށް ނިމިގެން ފޭބި މީހުންނަށެވެ.

މުސައްލަ ހިފައިގެން އެ މީހުން އެ ގޯޅިގަނޑުތެރެއަށް ދުވެފައި ގޮސް ވަދެ، ވާނުވާ ބަލަން މަސައްކަތް ކުރި އެވެ. އެހެންވެ، ރޭޕް ކުރަން އުޅުނު ދެ ފިރިހެނުން، މީހުން އެއްވާން ފެށުމުން އެ ގެއިން ނުކުތީ އެވެ. އަދި އަންހެން ކުއްޖާ ވެސް ނުކުތެވެ.

"ގާތްގަނޑަކަށް ދެތިން މިނެޓު ވެސް ނުވާނެ، ކުއްޖާގެ ހަޅޭކުގެ އަޑަށް މީހުންތައް ވައްދާލި. ދެން ކޮޓަރިން ނުކުތް ދެ ފިރިހެނުން ގޯޅިގަނޑުގައި ތިއްބާ ފުލުހުން އެތަނަށް އައި،" "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި ރޭޕްގެ ތުހުމަތުގައި އުމުރުން 18 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު"އަށް ކަށަވަރު ކޮށްދިނެވެ.

އެ މައްސަލާގައި އެ ދެ މީހުން ފިޔަވައޮ އިތުރު ބަޔަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މަންޒަރު ދުށް މީހާ ބުނިގޮތުގައި ތިން ވަނަ މީހެއް ވެސް ގޯޅިގަނޑުގެ ބޭރުގައި ފާރައަށް ހުއްޓެވެ. އަދި ފުލުހުންނަށް އޭނާ އަޅައި ނުގަތް ކަމަށް އޭނާ ބުންޏެވެ.