Roadha Mihaaru
އާރްޑީސީގެ އޮފީސް ފަޅާލައި، ފައިސާތަކެއް ނަގައިފި

އާރްޑީސީގެ އޮފީސް ފަޅާލައި 100،000 އަށް ވުރެ ގިނަ ރުފިޔާ ނަގައިފި

18 އެޕްރީލް 2021

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ފަޅާލައި، 100،000 އަށް ވުރެ ގިނަ ރުފިޔާ މިދިޔަ ހަފުތާ ބަންދުގައި ވަގަށް ނަގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ފަޅާލައި، 100،000 އަށް ވުރެ ގިނަ ރުފިޔާ މިދިޔަ ހަފުތާ ބަންދުގައި ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލަ އެ އިދާރާ އަށް ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ.

އޯކިޑް މަގުން، އެމްއެންއެސްއެލް ބިލްޑިންގްގެ ފުރަތަމަ ބުރީގައި ހުންނަ ހުންނަ އާރްޑީސީގެ އޮފީހުން ވައްކަން ކުރަން ބަޔަކު ވަދެފައި ވަނީ ފެންލައިޓެއް ހަލާކުކޮށްލައިގެން ކަމަށް އެނގިފައި ވެ އެވެ.

ފައިސާގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ބައެއް ތަކެތި ވެސް ވަގަށް ނަގާފައި ވާ ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ. އޭގެ ތެރޭގައި ހާޑް ޑްރައިވް ފަދަ ތަކެތި ހިމެނެ އެވެ. ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކްސް ސާމާނު ވަގުން ގެންދަން ވަކިން ބަހައްޓާފައި ހުރި ނަމަވެސް، ނުގެންދާ ކަމަށް ވެ އެވެ.

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއާ ހަވާލުވި އެމްއާރްޑީސީން ވަނީ، އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން މި މަހު ކުރީކޮޅު ސޮއިކޮށްފަ އެވެ. ކުޅުދުއްފުށީގައި މަގު ހެދުމުގެ މަސައްކަތް ކުރަން ވެސް އެ ކުންފުނިން ވަނީ މިދިޔަ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ.