Roadha Mihaaru
އާރުޑީސީން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާރުޑީސީން ވައްކަން ކުރަން ފުރާޅު މައްޗަށް އަރައި ހުރި މީހަކު ހައްޔަރުކޮށްފި

20 އޯގަސްޓް 2021

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ އުމުރުން 42 އަހަރުގެ ދިވެހި އެ ފިރިހެންމީހާ ހައްޔަރުކުރީ އާރުޑީސީގެ އޮފީހުން ވައްކަން ކުރަން، އެ ތަނުގެ ފުރާޅު މައްޗަށް އަރައި ހުއްޓާ ކަމަށެވެ.

އެ އޮފީހުން ވައްކަން ކުރަން މި މީހާ އުޅުނުއިރު، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެސް އެތަނުގެ ސީލިންގް ވައްޓާލައިގެން ވަދެ، މީހަކު ވަނީ ވައްކަން ކޮށްފަ އެވެ.

ސީސީޓީވީ ފުޓޭޖުން ފެނުނު ގޮތުގައި އެ ފިރިހެން މީހާ، އެ އޮފީހުގެ ފުރާޅުމަތިން އަރައި، ސީލިންގްގައި ފައި އަޅުވައިގެން އެތެރެއަށް ވަންނަން މަސައްކަތް ކުރެ އެވެ. އަދި ވަންނަން އުޅުމުގެ ތެރެއިން ސީލިންގުގެ ބޮޑު ބައެއް ފަޅައިގެން ގޮސް، އެ މީހާ ބިންމައްޗަށް ވެއްޓެ އެވެ. އޭގެ އިރުކޮޅެއް ފަހުން މޫނު ނިވާކޮށްގެން، ވަރަށް މަޑުމަޑުން އޮފީސް ތެރެ އަށް އޭނާ ފައިބާ މަންޒަރު ފެނެ އެވެ.

އާރުޑީސީގެ އޮފީހަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ބުނެ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މި ބޮޑު ތުހުމަތާ ގުޅިގެން، މިދިޔަ ބުދަ ދުވަހު ފުލުހުން ބުނެފައި ވަނީ އާރްޑީސީން ވައްކަން ކުރުމުގައި ސިޔާސީ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށެވެ.

މޯލްޑިވްސް ޝިޕިން ލިމިޓެޑުގެ އިމާރާތުގައި ހިންގަމުން އަންނަ އާރުޑީސީގެ އޮފީހަށް މިދިޔަ އޭޕްރީލް މަހު ވެސް ބަޔަކު ވަދެ 100،000ރ. ވަގަށް ނަގާފައިވެ އެވެ. އަދި އޭގެ ހަފުތާއެއް ފަހުން އަނެއްކާ ވެސް، އެ އޮފީސް ފަޅާލައި 3،000ރ. ވަގަށް ނަގާފައިވެ އެވެ.