Roadha Mihaaru
އާރުޑީސީ ފަޅާލުމާއި ސިޔާސީބަޔަކާ ގުޅުމެއް ނެތް:ފުލުހުން

އާރުޑީސީ ފަޅާލުމާއި ސިޔާސީ ބަޔަކާ ގުޅުމެއް ނެތް: ފުލުހުން

18 އޯގަސްޓް 2021

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކުރި މައްސަލައާ، ސިޔާސީ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކުރި މައްސަލައާ، ސިޔާސީ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އެހެން ބުނީ، އާރުޑީސީގެ އޮފީހަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ތުހުމަތު ކުރައްވާފައި ވާތީ މީޑިއާ އިން ސުވާލު ކުރުމުންނެވެ.

އާރުޑީސީގެ އެމްޑީ ވިދާޅުވެފައި ވަނީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު އޮންނަ މީހުން ބޭނުން ކޮށްގެން، އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

މަގުތައް ހެދުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ އޮފީހުން މި އަހަރުގެ ތެރޭގައި ތިން ފަހަރަށް ވައްކަންކޮށްފައި ވެ އެވެ. އެކަމާ ގުޅިގެން، އާރުޑީސީ އަށް އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

"އާރްޑީސީ ފަޅާލި އެއްވެސް މައްސަލައަކާ، ސިޔާސީ އެއްވެސް ކަމަކާ އަދި ބަޔަކާ އެއްވެސް ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

މޫކޭގެ ތުހުމަތުތަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ އެއީ އެއްވެސް އިރަކު ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއް ނޫން ކަމަށާއި އިދިކޮޅު ކޯލިޝަނުން އެ ކަމަށް ހިތްވަރުދީ، ތާއިދެއް ވެސް ނުކުރާނެ ކަމަށެވެ.

އާރުޑީސީގެ ހެޑް އޮފީހުން އެންމެ ފަހުން ވައްކަން ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އާއްމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ފިރިހެނަކު އެ އޮފީހުގެ ފުރާޅުމަތިން އަރައި، ސީލިންގުގައި ފައި އަޅުވައިގެން އެތެރެ އަށް ވަންނަން މަސައްކަތް ކުރެ އެވެ. އަދި ވަންނަން އުޅުމުގެ ތެރެއިން ސީލިންގުގެ ބޮޑު ބައެއް ފަޅައިގެން ގޮސް ބިންމައްޗަށް ވެއްޓެ އެވެ.

އޭގެ އިރުކޮޅެއް ފަހުން މޫނު ނިވާކޮށް، ވަރަށް މަޑުމަޑުން އޭނާ އޮފީސް ތެރެ އަށް ފައިބާ މަންޒަރު ފެނެ އެވެ.

މޯލްޑިވްސް ޝިޕިން ލިމިޓެޑުގެ އިމާރާތުގައި ހިންގަމުން އަންނަ އާރުޑީސީގެ އޮފީހަށް މިދިޔަ އޭޕްރީލް މަހު ވެސް ބަޔަކު ވަދެ 100،000ރ. ވަގަށް ނެގި އެވެ. އަދި އޭގެ ހަފުތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3،000ރ. ވަގަށް ނަގާފައި ވެ އެވެ.