Roadha Mihaaru
އަނެއްކާ ވެސް ޖޭމްސް ބޮންޑް ތީމްގެ އައިނު ކަލެކްޝަނެއް

އަނެއްކާ ވެސް ޖޭމްސް ބޮންޑް ތީމްގެ އައިނު ކަލެކްޝަނެއް

20 އެޕްރީލް 2021

މި އަހަރުގެ ފަހުކޮޅު ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރަން ހަމަޖެހިފައިވާތީ ފިލްމުގެ ޕްރޮމޯޝަނެއްގެ ގޮތުގައި ބޮންޑް ތީމަށް އަވި އައިނުތަކެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފަހުކޮޅު ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރަން ހަމަޖެހިފައިވާތީ ފިލްމުގެ ޕްރޮމޯޝަނެއްގެ ގޮތުގައި ބޮންޑް ތީމަށް އަވި އައިނުތަކެއް ނެރެފި އެވެ.

މި އައިނު ކަލެކްޝަން ނެރެފައި ވަނީ އިއޯން ޕްރޮޑަކްޝަން ލިމިޓެޑާއި އައިނު އުފައްދާ އިޓަލީގެ މަޝްހޫރު ކުންފުނި ބާޓަން ޕެރޭރާ ގުޅިގެންނެވެ. ބާޓަން ޕެރޭރާ އެކްސް 007 ކަލެކްޝަނުގެ ގޮތުގައި ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރުނީ މީގެ ދެވަނަ ސީރީޒެވެ.

ދެހާސް ނަވާރަ އަހަރު ވެސް ޖޭމްސް ބޮންޑް ތީމަށް އަވި އައިނުތަކެއް ނެރެފައިވެ އެވެ. މި އައިނު ގެނެސްދެނީ ޖޭމްސް ބޮންޑްގެ ފިލްމުތަކުން ފެންނަ ކެރެކްޓާ ބޭނުންކުރާ ސްޓައިލިޝް އައިނުތަކުގެ ނަކަލުތަކެއް ގޮތުގަ އެވެ. އަދި އައިނުތަކުގެ ފައިކަށީގައި ބޮންޑް ރަމްޒުކޮށްދޭ 007 ޖަހާފައި އިނދެ އެވެ.

މާދަމާ އިން ފެށިގެން ޕްރީ-އޯޑަރަށް ހުޅުވައިލާ ބޮންޑް ތީމް އައިނު ކަލެކްޝަނުގައި މި ފަހަރު ހަތަރު ޝޭޑެއްގެ އައިނު ހިމެނެ އެވެ. އެއީ އޯލްޑް އިންގްލިޝް ޕޮލަރައިޒްޑް، ސަފާރީ ޕޮލަރައިޒްޑް، ނޯޔާ އަދި ސްމޯކް ގްރީން އެވެ.

އޯލްޑް އިންގްލިޝް ޕޮލަރައިޒްޑް އާއި ސަފާރީ ޕޮލަރައިޒްޑްގެ އަގަކީ 500 ޑޮލަރު (7,725ރ.) ވެ. ނޯޔާ އަދި ސްމޯކް ގްރީންގެ އަގަކީ 425 ޑޮލަރު (6,566ރ.) އެވެ.

ކުރިން މިދިޔަ އަހަރު ރިލީޒްކުރަން އޮއްވައި ކޮވިޑް-19އާ ހެދި މި އަހަރަށް ފަސްކުރި "ނޯ ޓައިމް ޓު ޑައި" ގެ ތީމަށް އައިނުތަކެއް ނެރުނު އިރު، މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ރޯޔަލް މެއިލުން ސްވެނިއާއެއްގެ ގޮތުގައި ޖޭމްސް ބޮންޑް ތީމްގެ ސްޓޭމްޕްތަކެއް ވެސް ނެރެފައިވެ އެވެ. ބޮންޑްގެ ރޯލް ކުޅުނު ހަ އެކްޓަރެއްގެ ތަސްވީރާއި ބޮޮންޑްގެ ފިލްމުތަކުން ފެނިފައިވާ އާދަޔާހިލާފު އުޅަނދުތަކުގެ ތަސްވީރު ފެންނަ ސްޓޭމްޕް ކަލެކްޝަނުގައި 10 ސްޓޭމްޕެއް ހިމެނެ އެވެ.

މީގެ ކުރިން ވެސް ބޮންޑް ތީމަށް އެކިއެކި މާޗެންޑައިޒްތައް ނެރެފައިވެ އެވެ.

ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެނ ފަސް ވަނަ އަދި ފަހު ފިލްމު "ނޯ ޓައިމް ޓު ޑައި" އާންމުކޮށް ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި އޮތީ އޮކްޓޯބަރު 8 ގަ އެވެ. އެކަމަކު އޭގެ ކުރިން އިނގިރޭސިވިލާތުގައި ސެޕްޓެމްބަރު 30 ގައި ފިލްމު ރިލީޒްކުރާނެ އެވެ.