Roadha Mihaaru
ރެއާލް، ބާސާ، ޔުވެންޓަސްއަށް ބޮޑު އަދަބެއް ދީފާނެ

ރެއާލް، ބާސާ އަދި ޔުވެންޓަސްއަށް ބޮޑު އަދަބެއް ދީފާނެ

08 މެއި 2021

ނަޔޯން (8 މެއި) - ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބުގެ ތެރެއިން ތިން ކްލަބެއް ފިޔަވައި އަނެއް ނުވަ ކްލަބުން ޔޫއެފާގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނަޔޯން (8 މެއި) - ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބުގެ ތެރެއިން ތިން ކްލަބެއް ފިޔަވައި އަނެއް ނުވަ ކްލަބުން ޔޫއެފާގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ސުޕަ ލީގުން ވަކިވެ މާފަށް އެދިފައި ވަނީ، އިނގިރޭސި ބޮޑު ހަ ކްލަބާއި، މިލާންގެ ދެ ކްލަބުގެ އިތުރުން އެތުލެޓިކޯ މެޑްރިޑެވެ. ސުޕަ ލީގުން ވަކި ނުވެ އަދި މާފަށް ވެސް ނޭދި އޮތް ތިން ކްލަބަކީ، ރެއާލް މެޑްރިޑް، ބާސެލޯނާ އަދި ޔުވެންޓަސް އެވެ. އެ ތިން ކްލަބާ ދެކޮޅަށް ޔޫއެފާގެ ޑިސްޕްލިނަރީ ފިޔަވަޅެއް އަތުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރި ވުމަކީ، އެ ކްލަބުތަކުން ހެދި ގޯހެއް ކަމަށް، މާފަށް އެދުނު ނުވަ ކްލަބުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަޕޯޓަރުންނާއި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ލީގުތައް އަދި ޔޫރަޕްގެ އެހެން ކްލަބުތަކުގެ ކިބައިން މާފަށް އެދިފައިވާ ކަމަށްވެސް ޔޫއެފާގެ ބަޔާނުގައި ވެއެވެ.

ކްލަބަށް މާފަށް އެދުމާ ގުޅިގެން، ޔޫއޭފާއިން ދޭ ޔަގީން ކަމަކީ ޔޫރަޕްގެ އެއްވެސް ކްލަބު މުބާރާތަކަށް ކޮލިފައި ވާނަމަ، އެ މުބާރާތެއްގައި ބައިވެރި ވުމަށް އެ ކްލަބުތަކަށް ހުރަހެއް ނެތް ކަމަށެވެ. އަދި އެ ކްލަބުތަކާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަން ތައްޔާރު ވެފައިވާ ފިޔަވަޅުތައް އުވާލުމަށްވެސް ޔޫއެފާއިން ވަނީ އެއްބަސް ވެފަ އެވެ.

އެހެންނަމަވެސް، ރެއާލް އާއި ބާސާ އަދި ޔުވެންޓަސްއަށް އެ ފުރުސަތެއް ނެތެވެ. ދެ އަހަރު ވަންދެން ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އެ ތިން ކްލަބަށް ފިޔަވަޅު އެޅުމަކީ ވެދާނެ ކަމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ނުވަ ކްލަބުން ވަނީ، އެ ކްލަބުތައް ގުޅިގެން ޖުމުލަ 15 މިލިއަން ޔޫރޯ ދެއްކުމަށް ނިންމާފަ އެވެ. އެއީ މުޅި ޔޫރަޕްގައ ގްރާސް ރޫޓް ފުޓްބޯޅައަށް ހޭދަ ކުރުމަށެވެ. އަދި ޔޫރަޕްގެ މުބާރާތްތަކުން ލިބޭ ރެވިނިއުގެ ތެރެއިން ފަސް ޕަސަންޓް އުނިކޮށް ލިބިގަތުމަށްވެސް އެ ކްލަބުތަކުން ވަނީ އެއްބަސް ވެފަ އެވެ.

ކުރިއަށް އޮތް ތަނުގައި ސުޕަ ލީގު ފަދަ އެހެން ހަރަކާތެއް އުފައްދައިގެން އެ ކްލަބުތައް ހަރަކާތްތެރި ވެއްޖެނަމަ، 100 މިލިއަން ޔޫރޯގެ ޖޫރިމަނާ އަކުން ފިޔަވަޅު އެޅުމަށްވެސް ޔޫއެފާއިން ވަނީ ނިންމާފަ އެވެ.